ENGLISH
12 ޖޫން 2026
އަނބިމީހާއަކީ އާމްދަނީ ހޯދައިދޭ މައިގަނޑު މީހާއަށްވުމުން، ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރޭ: ދިރާސާ
12 ޖޫން 2026
|
އަނބިމީހާއަކީ އާމްދަނީ ހޯދައިދޭ މައިގަނޑު މީހާއަށްވުމުން، ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރޭ. -- ފޮޓޯ: ބީބީސީ
އެންމެ މަޤްބޫލު
އަނބިމީހާއަކީ އާއިލާއަށް އާމްދަނީ ހޯދައިދޭ މައިގަނޑު މީހާ ކަމަށްވުމުން، ފިރިހެނުންގެ ފަޚުރަށް ކޮންމެވެސް ވަރެއްގެ އުނިކަމެއް އަންނަކަމެއް ކަމުގެ އިހުސާސް ކުރެވޭކަމަށް، ބައެއް ފިރިހެނުން ގަބޫލުކުރާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އާމްދަނީ ހޯދާ މިހާއަކީ އަންހެން މީއަށްވުމުން ފިރިހެނުންނަށް ކުރާ އަސަރު ބެލުމަށްޓަކައި ދިރާސާތަކެއް ކޮށްފައިވެއެވެ. އެގޮތުން މީގެ ދިރާސާއެއްގައި ބައިވެރިވި ފިރިހެނަކު ބުނީ އޭނާއަކީ ފިރިހެންވަންތަ ސިފަތަކަށް ލޯބިކުރާ މީހެއް ކަމަށެވެ. އެހެންނަވެސް ގޭގައި މަޑުކުރާ ވާހަކަ ބުނުމުން، އެހެން މީހުން އޭނާއަކީ އަންހެންގޮތް ހުންނަ މީހެއްގެ ގޮތުގައި ދެކޭކަމަށް އޭނާއަށް ހީވީ ކަމަށެވެ.
ދިރާސާގައި ބައިވެރިވި ބްރެންޑަން ނަމަކަށް ކިޔާ މީހަކު ބުނީ ގޭގައި މަޑުކުރަންޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އޭނާގެ އާއިލާގެ މީހުން އޭނާއަށް "ގޭގެ ނޯކަރު" ފަދަ ނަންނަމުން މުޚާތަބުކޮށް މަލާމާތް ކުރިކަމަށާއި، މިއީ ބޭރުގައި ވަޒީފާ އަދާނުކޮށް، އަނބިންގެ އާމްދަނީއަށް ބަރޯސާވާ ފިރިހެނުންނަށް މުޖުތަމައުގެ ފަރާތުން ކުރިމަތިވާ ފާޑުކިޔުންތަކުގެ މަދު މިސާލެއްކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ.
މި ދިރާސާގައި ބައިވެރިވި ފިރިހެނުން ފާހަގަކުރި ގޮތުގައި، އެމީހުންނަށް މިފަދަ އިހުސާސްތަކެއް ކުރެވެނީ މުޖުތަމައުގައި ޒަމާނުއްސުރެ ފިރިހެނުންނަކީ އާއިލާ ބަލަހައްޓާ މީހާގެ ގޮތުގައި ބަލަމުން އަންނާތީއެވެ. ނަމަވެސް، މިހާރު އިތުރުވަމުންދާ އާމްދަނީ ހޯދާ އަންހެނުންގެ ސަބަބުން، ގޭތެރޭގައާއި މުޖުތަމައުގައި އޮންނަ ބާރުވެރިކަމުގެ ހަމަހަމަކަމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ވަނީ ހާމަވެފައެވެ.
މި ބަދަލުތަކުގެ ސަބަބުން ބޮޑެތި ނުފޫޒުތަކެއް ފޯރަނީ، ފައިސާއަކީ ބާރުވެރިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށް ވާތީއެވެ. ފިރިހެނުންނަކީ އެންމެ ބޮޑު އާމްދަނީ ހޯދާ މީހާ ކަމުގައި ވާން މުޖުތަމައު އުންމީދުކުރާ ހާލަތެއްގައި އެކަން އެގޮތަށް ނުވުމުން، އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ކުޑަވެ، ދެމަފިރިން ވަކިވުމުގެ ފުރުސަތު ބޮޑުވާކަން ދިރާސާތަކުން އެނގިފައިވެއެވެ.
ވަޒީފާއެއް ނެތް އަންހެނުންނަށްވުރެ، ވަޒީފާއެއް ނެތް ފިރިހެނުންގެ މެދުގައި މާޔޫސްކަމާއި ނަފްސާނީ ބަލިތައް ގިނަކަން ވަނީ ދިރާސާތަކުން އެނގިފައެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ފިރިހެނުންނަށް ލިބޭ އާމްދަނީ ބޮޑެވެ. އަދި ގިނަ ފަހަރަށް ގޭތެރޭގެ މަސައްކަތްތަކާއި ދަރިން ބެލުމުގެ ޒިންމާ އުފުލަނީ އަންހެނުންނެވެ. މީގެ އެއް ސަބަބަކީ މުޖުތަމައު ދެކޭގޮތް ކަމަށްވާއިރު، އަނެއް ސަބަބަކީ އެންމެ ގިނަ އާމްދަނީ ލިބޭ މީހާގެ ވަޒީފާއަށް އިސްކަންދީ، އަނެއް މީހާ ގޭގެ ކަންކަމަށް ވަގުތު ދިނުމެވެ.
އަންހެނުން އާމްދަނީ ހޯދާ މިންވަރު އިތުރުވި ނަމަވެސް، ގޭތެރޭގެ މަސައްކަތްތަކަށް އޮންނަ ނަޒަރިއްޔާތު ބަދަލުވަމުން އަންނަނީ ވަރަށް ލަހުންނެވެ. އަންހެން މީހާއަށް ގިނަ ފައިސާ ލިބުނަސް، ގިނަ ފަހަރަށް ގޭގެ މަސައްކަތް ކުރަންޖެހެނީ ހަމަ އަންހެން މީހާއެވެ. އަދި އަނބިމީހާގެ އާމްދަނީ ބޮޑުވުމަކީ ފިރިހެނުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވާ ކަމެއްގެ ގޮތުގައި ބައެއް ދިރާސާތަކުން އެނގިފައިވެއެވެ.
މި ވާހަކައަކީ ފިރިހެނުން ފާޅުގައި ދައްކަން ބޭނުންވާ ވާހަކައެއް ނޫނެވެ. އަނބިމީހާގެ ކުރިއެރުމަށް އެހީތެރިވާން ބޭނުންވިޔަސް، "އާއިލާ ބަލަހައްޓާ މީހާ" ގެ ޒިންމާ އަދާނުކުރެވޭ ކަމުގެ އިހުސާސް އެމީހުންނަށް ކުރެވެއެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ އަމިއްލަ އިޚްތިޔާރަކާ ނުލައި ވަޒީފާ ގެއްލުމުގެ ސަބަބުން ގޭގައި މަޑުކުރަންޖެހޭ ހާލަތްތަކުގައެވެ.
ސުވިޑަންގައި ކުރެވުނު ދިރާސާއަކުން އެނގިފައިވާ ގޮތުގައި، އަނބިމީހާގެ އާމްދަނީ ފިރިމީހާއަށްވުރެ ބޮޑުވާން ފެށުމުން، ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ މިންވަރު 11 އިންސައްތައަށް އިތުރުވެއެވެ. މިއީ މުޖުތަމައު ގަބޫލުކުރާ އުސޫލުތަކާ ގުޅިފައިވާ ކަމެއް ކަމަށް ދިރާސާވެރިން ގަބޫލުކުރެއެވެ. ބައެއް ހޯދުންތަކުން އެނގިފައިވާ ގޮތުގައި، އަނބިމީހާގެ އާމްދަނީ ބޮޑުވުމުން، ފިރިހެނުންގެ ފިރިހެންވަންތަކަން ސާބިތުކޮށްދިނުމަށްޓަކައި ނުރަނގަޅު މަގުތައް ޚިޔާރުކުރާ މީހުންވެސް މަދެއް ނޫނެވެ.
ފިރިހެނުން ގޭގައި މަޑުކުރުމަކީ އޭގެ ސަބަބަން ރަނގަޅު ގިނަ ކަންތައްތަކަށްވެސް މަގުފަހިވާ ކަމެކެވެ. ބައްޕައިން ގޭގައި މަޑުކުރުމުން، ދަރިންނާއެކު ހޭދަކުރާ ވަގުތު އިތުރުވެ، ދަރިންނާ އޮންނަ ގުޅުން ވަރުގަދަވާކަން ފާހަގަކުރެވެއެވެ. އަދި މީގެ ސަބަބުން ދަރިންގެ ކުރިމަތީގައި ދެޖިންސުގެ ހަމަހަމަކަމުގެ ރަނގަޅު ނަމޫނާއެއް ކުދިންނަށް ފެނިގެންދެއެވެ.
ދިރާސާތަކުން އެނގިފައިވާ ގޮތުގައި، ދެޖިންސުގެ ހަމަހަމަކަމަށް މަސައްކަތް ކުރުމަކީ މުޅި އާއިލާގެ އުފާވެރިކަމަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް ބައްޕައިންނަށް ދަރިން ބެލުމަށް ޗުއްޓީ ލިބޭ ގައުމުތަކުގައި، އާއިލީ ގުޅުންތައް ވަރުގަދަވާކަން ފާހަގަކުރެވެއެވެ.
މުޖުތަމައުގެ ނަޒަރިއްޔާތު ބަދަލުކުރުމަށްޓަކައި، ފިރިހެންވަންތަކަމަކީ ހަމައެކަނި ފައިސާ ހޯދުން ނޫންކަމާއި، އަޅާލުމާއި އޯގާތެރިކަމަކީވެސް ފިރިހެނުންގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތަކެއްކަން ގަބޫލުކުރަން ޖެހެއެވެ. މި ބަދަލުތަކާއެކު، އަންހެނުންނަށް އެމީހުންގެ ވަޒީފާގައި ކުރިއަށް ދިއުމަށް ފުރުސަތު ލިބި، ދެމަފިރިންގެ ދެމެދުގައި ހަމަހަމަ އަދި އުފާވެރި ގުޅުމެއް ގާއިމުކުރެވިގެންދެއެވެ.