ENGLISH
12 ޖޫން 2026
ގްރީން ސްޓްރީޓްސް އަތުން ބިސް ބުރަށް މުހިންމު މޮޅެއް
12 ޖޫން 2026
|
އެންމެ މަޤްބޫލު
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން ބިސް ބުރު ސްޕޯޓްސް ކުލަބު މުހިންމު މޮޅެއް ހޯދައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ބިސް ބުރުން ކާމިޔާބުކުރީ ފަހަތުން އަރައި 5-2 ގެ ނަތީޖާއަކުންނެވެ.
މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކަކީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ.
ކޮލިފައިންގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގްރީން ސްޓްރީޓްސްއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެެރިޔާ އޮބައިދާ ކަދިމް އަޙްމަދެވެ. އެކަމަކު އޭގެ ފަހުން ފުރަތަމަ ހާފުގައި ބިސް ބުރުން ވަނީ ހަތަރު ލަނޑު ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި ބިދޭސީ ކުޅުންތެރިޔާ މަޙްމޫދު އަޝްރަފް މަޙްމޫދު މުސްޠަފާ އާއި، އާމިރު ޝޮއެއިބް އެލްޞާދިގު މުޙައްމަދު އަދި މުޙައްމަދު ނަޝީދެވެ. އަޝްރަފް ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
މި މެޗުގެ ދެވަނަ ހާފުގައި އަންޞަރު އިބްރާހީމް ގްރީން ސްޓްރީޓްސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، ބިސް ބުރުގެ ފަހު ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބުކޮށްދިން ޝޮއެއިބެވެ.
މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި ބިސް ބުރު އޮތްއިރު، ދެވަނައިގައި އޮތް ހއ. ދިއްދުއަށް ވަނީ އެއް މެޗުން ތިން ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބާއި، ހަތަރުވަނައިގައި އޮތް ކ. ހުރާ އަދި ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ޕޮއިންޓެއް ލިބިފައިވާއިރު، ޓީސީ އާއި ހުރާއިން އަދި މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. އެކަމަކު ގްރީން ސްޓްރީޓްސްއިން ވަނީ ދެ މެޗު ކުޅެފައެވެ. ތާވަލުގެ ފުލުގައި އޮތް ގދ. ގައްދޫން ކުޅުނު މެޗުން ބަލިވުމާއެކު، އެ ޓީމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކޮލިފައިންގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި ގައްދުއެވެ.