ENGLISH
12 ޖޫން 2026
ތައިލެންޑުގެ އަމީރާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި
12 ޖޫން 2026
|
އެންމެ މަޤްބޫލު
ތައިލެންޑުގެ އަމީރާ ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެ ގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން ފްރަ ވަޖިރަކްލައޯޗައޯޔޫހުއާ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި އަމީރާ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވިއެވެ.
އަދި އެކަމަނާއަކީ ތައިލެންޑުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ހާއްސަކޮށް އާންމު ހިދުމަތުގެ ދާއިރާއިންނާއި، ގާނޫނީ ދާއިރާގެ އިތުރުން އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރެއްވުމަށް ނުހަނު އިހުލާސްތެރި މަސައްކަތްޕުޅުތަކެއް ކުރެއްވި ޝަހުސިއްޔަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެކަމަނާ ގައުމަށްޓަކައި ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ދެއްކެވި ނަމޫނާއަކީ އަންނަން އޮތް ޖީލުތަކަށް ލިބިގެންދާނެ ބޮޑު ހިތްވަރެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައިލެންޑުގެ ރަސްގެފާނަށާއި، ޝާހީ އާއިލާއަށާއި، އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރި ތަޢުޒިޔާއެއް ވިދާޅުވަމުންނެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި، އެންމެހައި ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ތައިލެންޑުގެ އަމީރާ އަވަހާރަވީ ގިނަ އަހަރުތަކެއްވަންދެން ކޯމާގައި އޮންނެވުމަށްފަހު އުމުރުފުޅުން 47 އަހަރުފުޅުގައެވެ.
ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ އަކީ ތައިލެންޑުގެ ރަސްގެފާނުގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާއަކީ ރަސްކަމުގެ ރަސްމީ ލަގަބުތައް އޮންނަ އެގައުމުގެ ގާނޫނުއަސާސީގެ ދަށުން ތަހުތަށް ވަޑައިގަތުމުގެ ޝަރުތު ހަމަވާ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.