ENGLISH
12 ޖޫން 2026
ވޯލްޑް ބޭންކުގެ އިންޒާރު؛ އީރާނުގެ ހަނގުރާމައާއެކު ދުނިޔޭގެ އިގުތިސާދު އަންނަނީ ބޮޑުތަނުން މަޑޖެހެމުން
12 ޖޫން 2026
|
އިންޑިޔާގެ ދަނޑުވެރިޔަކު ގަސްކާނާ ބޭނުންކުރާނެ މިންވަރު ވަޒަންކުރަނީ، ފޮޓޯ: ގެޓީ އިމޭޖްސް
އެންމެ މަޤްބޫލު
ހަނގުރާމައާއި އާލަމީ ވަބާތަކާއި ވިޔަފާރީގެ ނުތަނަވަސްކަމުގެ ތެރެއިން ގިނަ ގޮންޖެހުންތަކެއް ގިރާކޮށްފައިވާ ދުނިޔޭގެ އިގުތިސާދު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވަމުންދާކަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ފާއިތުވި ދެ އަހަރު 2.9 އިންސައްތާގައި ދުނިޔޭގެ އިގުތިސާދީ އުފެއްދުންތެރިކަން ހުރުމަށްފަހު މި އަހަރު އެ ނިސްބަތް 2.5 އިންސައްތައަށް ދަށްވާނެކަމަށް އެ ބޭންކުން ލަފާކުރެއެވެ. އެ ބޭންކުގެ އެންމެ އިސްއިކޮނޮމިސްޓު ވިދާޅުވި ގޮތުގައި މިއީ 2020 ވަނަ އަހަރު ކޮވިޑް ފެށުނު ދުވަސްވަރަށްފަހު ދުނިޔޭގެ އިގުތިސާދީ އުފެއްދުންތެރިކަން އެންމެ ބޮޑަށް މަޑުޖެހޭ ޖެހުމެވެ.
ހޮރްމުޒްް ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ ސަބަބުން ތެލާއި، ގޭހާއި، ގަސްކާނާއާއި ސިނާއީ ކެމިކަލްތަކުގެ އަގު އުފުލުމަކީ ބައި ގަރުނުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ސަޕްލައި ލޮޅުންކަމަށް އެ ބޭންކުން ސިފަކުރިއެވެ. އެ ލޮޅުމުގެ އުދަގޫތައް ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުރިއަރާފައިވާ އިގުތިސާދުތަކަށްވެސް ކުރިމަތިވަމުންދާކަން ވޯލްޑް ބޭންކުން ފާހަގަކުރިއެވެ.
"ދުނިޔޭގެ އިގުތިސާދު ފަރުބަދައިގެ ކޮޅުން ވެއްޓެނީއެއް ނޫން. ނަމަވެސް ވަރަށް ބޮޑުތަން އަޑިއަޅައިލާފައިވޭ. ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކެއް މި ލޮޅުމުގެ ތެރެއަށް ވަންނައިރު، އެގައުމުތަކުގެ އިގުތިސާދީ ދަފަރާތަކާއި ރައްކާތެރިކޮށްދޭ އަސާސްތައް ބަލިކަށިވެ، މިފަދަ ލޮޅުންތައް ތަހައްމަލުކުރުމުގެ ގާބިލުކަން ކުރިއަށްވުރެ ހީނަރުވެފައިވޭ،" ވޯލްޑް ބޭންކުގެ ޑެޕިއުޓީ ޗީފް އިކޮނޮމިސްޓް އައިހާން ކޯސް ވިދާޅުވިއެވެ.
ޖަނަވަރީ މަހު މި އަހަރު ދުނިޔޭގެ އިގުތިސާދީ ކުރިއެރުމުގެ މިސްްރާބު ލަފާކޮށް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ރައީސް ޑޮނާލްޑް ޓުރަމްޕު ތައާރަފުކުރައްވާ ޓެރިފުތަކުގެ ސަބަބުން ކުރިމަތިވަމުންދިޔަ ނުތަނަވަސްކަމާއި މުސްތަގުބަލުގައިވާނެ ގޮތުގެ ކަށަވަރުކަން ނެތުމެވެ.
މިފަހަރުގެ ރިޕޯޓުގައި ދުނިޔޭގެ ތިންބައިކުޅަ ދެބައި ގައުމު ކުރިއަރާނެކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ ކުރިއެރުން މަޑުޖެހޭނެކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ. ތުރުކީއާއި ބަންގުލަދޭޝާއި ދެކުނު އެފުރިކާ ފަދަ ގައުމުތަކުގެ އިގުތިސާދީ ކުރިއެރުމާމެދު ކުރިން ލަފާކުރި އަންދާޒާތައް މިހާރުވަނީ ދަށްކޮށްފައެވެ.
އިރާގުގެ ތެޔޮ ވަޅެއްގައި މުވައްޒަފުން މަސައްކަތްކުރަނީ، ފޮޓޯ: ގެޓީ އިމޭޖްސް
ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެކަމަށް ލަފާކުރެވެނީ ޕާޝަން ގަލްފާ ލާމެހިފައިވާ ގައުމުތަކަށެވެ. ކުވައތާއި އިރާގާއި ގަތަރުގެ ކުރިން 2026 ގައި ހުންނާނީ ގާތްގަނޑަކަށް ސުން އިންސައްތައިގަކަމަށް ކޯސް ވިދާޅުވިއެވެ. އެކުވެރި ޢަރަބި އިމާރާތުގެ އިގުތިސާދީ ކުރިއެރުން އަހަރު ނިމޭއިރު ހުންނާނީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ދެގުނަ ދަށުގައިކަމަށް ލަފާކޮށް، ވޯލްޑް ބޭންކުން ބުނީ މި އަހަރު އެގައުމުގެ އިގުތިސާދު ކުރިއަރާނެކަމަށް ލަފާކުރެވެނީ އެންމެ 2.4 އިންސައްތައިގަ ކަމަށެވެ.
ދުނިޔޭގެ އިގުތިސާދުގެ މުސްތަގުބަލާމެދު ވޯލްޑް ބޭންކުން ނެރޭ ރިޕޯޓު "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް" ރިޕޯޓުގައި ބުނެފައިވާ ގޮތުން 2020ގެ އަހަރުތަކަކީ ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުރިއަރާފައިވާ އިގުތިސާދުތަކުގެ މެދުގައި އޮތް އާމްދަނީގެ ފަރަގުކުޑަރުމުގެ މަސައްކަތުގައި މުޅިން ގެއްލުނު ދަހަރެކެވެ.
އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއަށް ކުރަމުންދާ ބިޔަ އިންވެސްޓުމެންތަކާއެކު އަހަރުން އަހަރަށް އެމެރިކާގެ އިގުތިސާދު 2.2 އިންސައްތައިން ކުރިއަރާނެ ކަމުގައި ވޯލްޑް ބޭންކުން އަންދާޒާކުރެއެވެ. އެއީ ނިމުނު އަހަރު އެ ގައުމުގެ އިގުތިސާދު ކުރިއެރި މިންވަރަށްވުރެ ކުޑަކޮށް އިތުރު މިންވަރެކެވެ. ނަމަވެސް ޔޫރަޕާއި ޖަޕާނާ އަޅާބަލާއިރު އެއީ މާބޮޑުތަނުން ހަލުއި ކުރިއެރުމެކެވެ.
ނިމުނު އަހަރު ފަސް އިންސައްތައިން ކުރިއެރި ޗައިނާގެ އިގުތިސާދު މި އަހަރު ކުރިއަރާނެކަމަށް މިހާރު ވޯލްޑް ބޭންކުން ލަފާކުރަނީ 4.2 އިންސައްތައިގައެވެ. އެއީ އަހަރު ފެށުނުއިރު އެގައުމުގެ އިގުތިސާދު ކުރިއަރާނެކަމަށް އެ ބޭންކުން ލަފާކުރި މިންވަރަށްވުރެ 0.2 އިންސައްތަ ދަށް ކުރިއެރުމެކެވެ.
ހަނގުރާމައިގެ ލޮޅުމާއެކު ދުނިޔޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހުމުންދަނީ ކުރިއާ އަޅާބަލާއިރު މަޑުޖެހެން ފަށާފައި އޮތް ޒަމާނެއްގައެވެ. 21 ވަނަ ގަރުނު ފެށުނުފަހުން ދުނިޔޭގެ އިގުތިސާދީ ކުރިއެރުން އަންނަނީ މަޑުޖެހެމުންނެވެ. އުމުރުން ދުވަސްވަމުންދާ އާބާދީތަކާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓުމެންޓުތައް މަދުވުމާއި، ވިޔަފާރީގެ ނުތަނަވަސްކަމާއި، ސަރުކާރުތަކުގެ ދަރަނި އިތުރުވުން ފަދަ ކަންކަމަކީ ދުނިޔޭގެ އިގުތިސާދު މަޑުޖެހުމަށް ހިއްސާވަނިވި ސަބަބުތައްކަމަށް ވޯލްޑް ބޭންކުގެ ޗީފް އިކޮނޮމިސްޓް އިންޑަމިޓް ގިލް ވިދާޅުވިއެވެ.
"ދުނިޔޭގެ އިގުތިސާދުގެ ވިލުންތެރިކަން މިއަދު ވަރަށް ބޮޑަށް ހީނަރުވެއްޖެ،" އޭނާ ވިދާޅުވިއެވެ.
އެ ބޭންކުން އަންދާޒާކުރަނީ އަންނަ ޖުލައި މަހުގައި މެދުއިރުމަތީގެ ތެލާއި މުދަލުގެ ވިޔަފާރި އަލުން ފަށައިގަނެވޭނެ ކަމަށެވެ. އަދި މި އަހަަރު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އެވެރެޖުކޮށް ހުންނާނީ 94 ޑޮލަރުގައިކަމަށްވެސް ބޭންކުން ލަފާކުރެއެވެ.
ނިއުޔޯކުގެ ހިއްސާގެ ބާޒާރުގައި ބްރޯކަރެއް މަސައްކަތްކުރަނީ، ފޮޓޯ: ގެޓީ އިމޭޖްސް
އެއާއެކު ދުނިޔޭގެ އިގުތިސާދު އޮތީ ހިރާހެއްގެ ތެރޭގައި ކަން ވޯލްޑް ބޭންކުން ފާހަގަކުރިއެވެ. ނާޒުކު ފައްތަރެއްގައި އޮތް ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް އެމެރިކާއާއި އީރާނުގެ މެދުގައި ގާއިމުކޮށްފައި އޮތް ނަމަވެސް ހަމަނުޖެހުންތައް އިތުރަށް ފުޅާވެއްޖެނަމަ ދުނިޔޭގެ އިގުތިސާދު އިތުރަށް އިންދިރާސްވާނެ ކަމަށް ބޭންކުން ލަފާކުރެއެވެ.
ޖުލައި މަހުގައި ހަނގުރާމަ ނުނިމި ދިގުލައިގެން ހިނގައްޖެނަމަ، މި އަހަރު ނިމޭއިރު އަހަރު ތެރޭ އެވެރެޖުކޮށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުންނާނީ 115 ޑޮލަރުގައި ކަމަށް ބޭންކުން ބުނެއެވެ. އަދި ހަކަތައިގެ ލޮޅުމެއްގެ ސަބަބުން ސްޓޮކްތަކާއި ބޮންްޑުގެ އަގު ދަށްވެއްޖެނަމަ ދުނިޔޭގެ އިގުތިސާދު ތަހައްމަލުކުރަންޖެހޭ ބުރަ ބޮޑުވާނެއެވެ. އެ ހާލަތުގައި ދުނިޔޭގެ އިގުތިސާދީ ކުރިއެރުން 1.3 އިންސައްތައަށް ވެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
އާއްމު ދަރަންޏަކީ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަހަރީ ބަޖެޓުތައް މިހާރުވެސް ރަތް ރޮނގު ފަހަނައަޅާފައިވާތީ އެމެރިކާއާއި އެހެނިހެން ބޮޑެތި އިގުތިސާދުތަކަށް، އިގުތިސާދީ ކާރިސާއެއްގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ކޮވިޑާއި 2008 ގެ މާލީ ކާރިސާގެ ތެރޭގައި ހޭދަކުރި ގޮތަށް ފައިސާ ހޭދަކުރުމުގެ މާލީ ޖާގަ ނުލިބުމުގެ ފުރުސަތު ބޮޑުކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިޖުތިމާއީ ޕްރޮގުރާމުތައް ދެމެހެއްޓުމަށްޓަކައި 50 ބިލިއަން ޑޮލަރު އެގައުމުތަކަށް ފޯރުކޮށްދޭން ވޯލްޑް ބޭންކުން ނިންމާފައިވެއެވެ. އަދި ކާރިސާ ދިގުލައިގެންދާނަމަ 15 މަސްދުވަހުގެ މުހުލަތެއްގެ ތެރޭގައި އެއަދަދުގެ ދެގުނަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދޭން ތައްޔާރަށް އޮތްކަމަށް އެ ބޭންކުން ބުނެއެވެ.