ENGLISH

13 ޖޫން 2026

Advertisement

ތިން ރަތް ކާޑު: މި ފަހަރުގެ ވޯލްޑް ކަޕުގައި ރެފުރީން މާ ހަރުކަށީތަ؟

12 ޖޫން 2026

|

ސުވެއިދާ ހުސެއިން

ދެކުނު އެފްރިކާގެ ކުޅުންތެރިއކަށް ރަތް ކާޑު ދައްކަނީ: މުބާރާތުގެ ފުރަތަމަ މެޗުން 3 ރަތް ކާޑު ފެނުމުން، ގިނަ ބަޔަކު ވަނީ ކަންބޮޑުބުން ފާޅުކުރަން ފަށާފައި -- ފޮޓޯ: އޭޕީ

މި ފަހަކަށް އައިސް ފީފާ ވޯލްޑް ކަޕް މެޗުތަކުގައި ރަތް ކާޑު ދައްކާ މިންވަރު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. މިހެންކަމާއެކު އެންމެންނަށްވެސް ގަބޫލުކުރެވެން ފެށީ ކުޅުމުގެ ވައްޓަފާޅި އާއި، ގަވާއިދުތަކަށް އައިސްފައިވާ ހެޔޮ ބަދަލާއެކު، ވޯލްޑް ކަޕުން ގިނަ ރަތް ކާޑުތައް ދެން ނުފެންނާނެ ކަމަށެވެ. ނަމަވެސް ކަން އޮތީ އެހެން ނޫންކަން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ފެނިގެން ގޮސްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި ފުރަތަމަ މެޗުގައި ތިން ރަތް ކާޑު ވަނީ ދައްކާފައެވެ. މި މެޗު މެކްސިކޯއިން ކާމިޔާބުކުރީ 2-0  ނަތީޖާއަކުންނެވެ. ދެކުނު އެފްރިކާގެ ސްޕެޕޭލޯ ސިޓޯލް އާއި ތެމްބާ ޒްވާނޭ މެޗުން ބޭރުކޮށްލިއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މެކްސިކޯގެ ސެޒާ މޮންޓޭސް އަށްވެސް ވަނީ ރަތް ކާޑު ދައްކާފައެވެ. މިއާއެކު ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ގެނުވާފައެވެ.

ރަޝިއާ އާއި ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ތަކުގައި މުޅި މުބާރާތުގައި ދައްކާފައިވަނީ އެންމެ ހަތަރު ރަތް ކާޑެވެ. ނަމަވެސް މި މުބާރާތް މި ފެށުނީ އެ އަދަދާ ދާދި ގާތްކުރާ މިންވަރަކަށް ކާޑު ދައްކައިގެންނެވެ.

އެންމެ ފަހުން މިފަދަ ކަމެއް ފެނުނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ. އޭގެ ފަހުން މިހާރު 20 އަހަރު ވެއްޖެއެވެ. އެ މުބާރާތުގައި ޖުމްލަ 28 ކުޅުންތެރިންނަށް ރަތް ކާޑު ދެއްކިއެވެ.

އެއީ ފާހަގަކޮށްލެވޭ ފަދަ މުބާރާތެކެވެ. ތިން މެޗެއްގައި ކޮންމެ މެޗަކުން ތިން ކުޅުންތެރިން ބޭރުކޮށްލިއިރު، ޕޯޗުގަލް އާއި ނެދަލެންޑްސް ބައްދަލުކުރި ގަދަ 16 ގެ މެޗުގައި ވަނީ ހަތަރު ރަތް ކާޑު ދައްކާފައެވެ. މިއީ ރިކޯޑު އަދަދެކެވެ.

ބައެއް ފަހަރު ރަތް ކާޑަކީ ހައްގު އެއްޗެއް

2017 ވަނަ އަހަރު ފީފާގެ ރެފުރީންގެ އިސްވެރިޔާގެ މަގާމަށް ޕިއެރްލުއިޖީ ކޮލީނާ އައްޔަންކުރުމާއެކު އައު ދައުރެއް ފެށުނެވެ. ކޮލީނާ އަބަދުވެސް ވިދާޅުވަނީ ރެފުރީންގެ ނިންމުންތަކަކީ ދެ ޓީމަށްވެސް އިންސާފުވެރި ނިންމުންތަކަކަށް ވާންޖެހޭނެ ކަމަށެވެ. ކުޅުންތެރިއަކު ދަނޑުން ބޭރުކޮށްލަންވާނީ ހަގީގަތުގައިވެސް ރަތް ކާޑެއް ހައްގުވާފަދަ ކަމެއް ކޮށްފި ނަމައެވެ.

މިސާލަކަށް އޭނާގެ ބެލުމުގެ ދަށުން ގޯލެއް ޖެހުމަށް ލިބޭ ސާފު ފުރުސަތެއް ހުއްޓުވުމުން ދޭ އަދަބު ވަނީ ލުއިކޮށްފައެވެ. ޕެނަލްޓީއެއް ދެވޭ ހާލަތްތަކުގައި ރަތް ކާޑު ދެއްކުން މިހާރު މަދެވެ. ސަބަބަކީ ޕެނަލްޓީގެ ސަބަބުން އަނެއް ޓީމަށް ގޯލު ޖެހުމަށް ތަނަވަސް ރަނގަޅު ފުރުސަތެއް ލިބޭތީއެވެ.

އެހެންކަމުން 2018 އާއި 2022 ގެ ވޯލްޑް ކަޕުގައި އެންމެ ހަތަރު ރަތް ކާޑު ފެނުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. މުބާރާތެއްގެ ފެށުމުގައި ރެފުރީން ކަންތައް ކުރާ ގޮތުން މުޅި މުބާރާތް ކުރިއަށްދާނެ ގޮތް ތަސައްވަރު ކޮށްލެވެއެވެ. އެހެންވީމާ މި މެޗުން އަހަރެމެންނަށް މުޅި މުބާރާތާ މެދު ނިންމުމެއް ނިންމިދާނެ ހެއްޔެވެ؟

މުބާރާތުގެ ކުރިން ގަވާއިދުތަކާއި އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިގެންދިޔައެވެ. އެގޮތުން ކުޅުންތެރިންގެ އަޚުލާގާ ގުޅުންހުރި ކަންކަމާއި، މެޗުތެރޭގައި ވަގުތު ބޭކާރު ކުރުމާ ގުޅޭ ކަންކަމުގައި އަމަލުކުރާނެ ގޮތްތައް ބުނެދިނެވެ. ނަމަވެސް މި ހުރިހާ ވާހަކަތަކެއްގައިވެސް ރަތް ކާޑާ ގުޅޭ ވާހަކަތަކެއް ނާދެއެވެ.

ބައެއް ހާލަތްތަކުގައި ރަތް ކާޑަކީ ދައްކަން ޖެހޭނެ އެއްޗެކެވެ. ސިޓޯލް، ބްރަޔަން ގުޓިއަރޭޒްއަށް ކުރި ފައުލަށް ރެފުރީ ވިލްޓަން ސަމްޕިއޯ ރަތް ކާޑު ދެއްކުމަކީ ސާފު ނިންމުމެކެވެ. މެކްސިކޯގެ ކުޅުންތެރިޔާ ހުރީ ގޯލަށް ނުރައްކާ ކުރެވޭ ފަދަ ފުރުސަތެއްގައެވެ. ސިޓޯލް ގަސްދުގައި ކުރި ކަމަކަށް ނުވިޔަސް، އޭނާގެ ސަބަބުން އެ ފުރުސަތު ގެއްލުނެވެ.

ވޯލްޑް ކަޕް ތަކުގައި ދެއްކި ރަތް ކާޑުގެ އަދަދު:

  • ގަތަރު 2022 - 4
  • ރަޝިއާ 2018 - 4
  • ބްރެޒިލް 2014 - 10
  • ދެކުނު އެފްރިކާ 2010 - 17
  • ޖަރުމަން 2006 - 28
  • ދެކުނު ކޮރެއާ / ޖަޕާން 2002 - 17
  • ފްރާންސް 1998 - 22

މި ފަހަރުގެ ފުރަތަމަ މެޗުގައި ދެއްކި ދެވަނަ ރަތް ކާޑަކީ ބޮޑު ބަހުސަކަށް ދެވޭނެ ފަދަ ނިންމުމެކެވެ. ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ޒްވާނޭއަށް ރަތް ކާޑު ދެއްކީ އަނިޔާވެރި އަމަލެއް ހިންގި ކަމަށް ބަލާފައެވެ. އޭނާ ރޮބާޓޯ އަލްވަރާޑޯއާ ކުރި ކުރިމަތިލުމެއްގައި، މެކްސިކޯ ކުޅުންތެރިޔާ ބޮލުގައި ހިފަހައްޓައިގެން ބިމަށް ވެއްޓުނެވެ. ރެފުރީ މޮނިޓަރުން މަންޒަރު ބެލިއިރު، ހަގީގަތުގައިވީ ކީއްކަން ދެނެގަންނަން އުނދަގުލެވެ.

އަނިޔާވެރި އަމަލުތައް ބަލާއިރު، މުށްކަވާފައިވާ އަތަކުން ޖެހިތޯ ވީއޭއާރްއިން ބަލައެވެ. ނަމަވެސް ޒްވާނޭ ޖެހީ ހުޅުވިފައިވާ އަތަކުންނެވެ. އެހެންކަމުން މިއީ ވަރަށް ހަރުކަށި ނިންމުމެއްގެ ގޮތުގައި ފެނެއެވެ. ފަހަރުގައި މިއީ ކުޅުންތެރިންގެ ނުރަނގަޅު އަޚުލާގު އިސްލާހުކުރުމަށް ކޮލީނާ ބޭނުންކުރާ އުކުޅަކަށް ވެދާނެއެވެ.

ތިންވަނަ ރަތް ކާޑަކީވެސް ބަހުސް ކުރެވުނު ނިންމުމެކެވެ. ޚުލިސޯ މަޑާއު ބޯޅައާއެކު ކުރިއަށް ދަނިކޮށް މޮންޓޭސް އޭނާ ހުއްޓުވީ ވަރަށް ނުރައްކާތެރި ޓެކުލްއަކުންނެވެ. އޭނާ ހުރި މަގާމަށް ބަލާއިރު ރީނދުލެއް ދެއްކުމުން ފުދުނީހެވެ. ނަމަވެސް ރެފުރީ ދެއްކީ ރަތް ކާޑެކެވެ.

މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ބޯންމަތު ބައްދަލުކުރި މެޗުގައި މިފަދަ ހާދިސާއެއް ހިނގިއެވެ. އެ ފަހަރު ރެފުރީ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު އެއީ ރަތް ކާޑެއް ކަމަށް ނިންމިއެވެ. އެހެންކަމުން ސަމްޕައޯގެ ނިންމުމަކީ ގަވާއިދުގެ ތެރެއިން ދިފާއުކުރެވޭނެ ނިންމުމެކެވެ.

މި މުބާރާތަކީ ރަތް ކާޑު ގިނަ މުބާރާތަކަށް ވާނެ ކަމަށް ބުނަން އަދި އަވަހެވެ. މިއީ 104 މެޗުގެ ތެރެއިން އެންމެ މެޗެއްގައި ދިމާވި ތަފާތު ހާލަތަކަށްވެސް ވެދާނެއެވެ. ދަނޑުމަތީގައި ދެއްކި ރަތް ކާޑުތަކަކީ ކަންތައްވީ ގޮތަށް ބަލާއިރު ރަނގަޅު ނިންމުންތަކެކެވެ. އެހެންކަމުން ރެފުރީންނާ މެދު އަދި މާ ބޮޑަށް ހާސްވާކަށް ނުޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު