ENGLISH

13 ޖޫން 2026

Advertisement

އައިއެޗްއެފް ޓްރޮފީ: ނޭޕާލާއި ބަންގްލަދޭޝް އަތުން ރާއްޖޭގެ ޓީމުތަކަށް މޮޅެއް ނުލިބުނު

12 ޖޫން 2026

|

ސުވެއިދާ ހުސެއިން

އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމު؛ މުބާރާތުގައި އެއް މެޗުން މޮޅުވެ، ދެ މެޗުން ބަލިވިއިރު، ބާކީ އޮތީ އެއް މެޗު --- ފޮޓޯ: ގާފު ސްޕޯޓްސް

އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީގައި، މިއަދު ކުޅުނު ދެ މެޗުން ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ ޓީމުތައް ބަލިވެއްޖެއެވެ.

މިއަދު ރާއްޖެ ގަޑިން ހެނދުނު 10:00 ގައި ނޭޕާލާ ދެކޮޅަށް، 18 އަހަރުން ދަށުގެ ފިރިހެން ޓީމު ކުޅުނު މެޗުން އެ ޓީމު ބަލިވީ 21-29 ލަނޑުންނެވެ. އަދި ހަވީރު 20 އަހަރުން ދަށުގެ ފިރިހެން ޓީމު ބަންގްލަދެޝް އަތުން ބަލިވީ 17-39 ލަނޑުންނެވެ.

މިއަދުގެ ފުރަތަމަ މެޗުގައި. ނޭޕާލާއި ރާއްޖޭގެ ކުޅުން އެއްވަރު ނަމަވެސް، ރާއްޖޭގެ ޓީމުގެ ފަރާތުން އެދެވޭ ނަތީޖާއެއް ނުނެރެވުނެއެވެ. ފެނިގެންދިޔައީ ގޯލަށް ފޮނުވާލާ ގިނަ ހަމަލާތައް އަމާޒުނުވެ ދިޔަތަނެވެ. ނޭޕާލުން ގިނަ ލަނޑުތައް ޖަހާފައިވަނީ ކުޅުމުގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިން އަތުން ގެއްލިގެންދާ ބޯޅައިގެ ފައިދާ ނަގައެވެ.

ހަވީރު 16:00 ގައި ބަންގާޅާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އެދެވޭ ކުޅުމެއް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި މިސް ޕާސްތަކުގެ ބޭނުންހިފައި، ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ކުރި ހޯދިއެވެ.

މި މުބާރާތުގައި 18 އަހަރުން ދަށުގެ ޓީމު 3 މެޗު ކުޅެފައިވާއިރު، މޮޅުވީ އަދި އެންމެ މެޗަކުންނެވެ. އެއީ މުބާރާތް ފެށި މެޗުން އަފްޣާނިސްތާން އަތުންނެވެ. ދެން މި ޓީމަށް އޮތީ ވަރުގަދަ އިންޑިއާ އާއި ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. 20 އަހަރުން ދަށުގެ ޓީމުން ދެ މެޗު މިހާތަނަށް ކުޅުނުއިރު، އެއް މެޗުން ވަނީ މޮޅުވެފައެވެ. ދެން ބާކީ އޮތީ ނޭޕާލާއި، އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

މި މުބާރާތަށް ރާއްޖޭގެ ޓީމު ނިކުތުމުގެ ކުރިން ހޭންޑްބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ، މިފަދަ މުބާރާތަކަށް ތައްޔާރުވުމަށް، ރާއްޖޭގެ ޓީމަށް އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށާއި، ނަމަވެސް ހުރި ވަސީލަތްތަކާއެކު، ޓީމުތަކުން ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު