ENGLISH

12 ޖޫން 2026

Advertisement

ހާރިޖީ ވަޒީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

12 ޖޫން 2026

|

އައިމިނަތު ޝަފާ

ހާރިޖީ ވަޒީރު އިރުތިޝާމް

ޗައިނާގެ ކުންމިން ގައި މި މަހުގެ 11 އިން 12 އަށް ބޭއްވި ހަތް ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފިއެވެ.

ހަތް ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤުރީރުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަގުވާމީ ސުލްޙަ އާއި ހަމަޖެހުން ޤާއިމްކުރުމުގައި މަޝްވަރާ އާއި ޑިޕްލޮމަސީގެ މުހިއްމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އަދި މި ކަން ޙާޞިލް ކުރުމުގައި ސަރަޙައްދީ ގުޅުމުގެ މުހިއްމުކަން ވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ. ވަޒީރު އިރުތިޝާމްގެ ވާހަކަފުޅުގައި ބައިނަލްއަގުވާމީ މުޖްތަމަޢުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވައި ލެއްވިއެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

ވަޒީރު ވަނީ 10 ވަނަ ޗައިނާ–ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެގްޒިބިޝަން ބައްލަވާލައްވާފައެވެ. އަދި މި އަހަރުގެ އެކްސްޕޯގައި ބައިވެރިވާ ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ވެސް ވަޒީރު ޒިޔާރަތް ކުރެއްވިއެވެ.

މި ދަތުރުފުޅުގައި ވަޒީރު އިރުތިޝާމް، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގް ޔޫބޯއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ކުރިޔަށް އޮތް ތަނުގައި ގުޅުން އިތުރުކުރެވިދާނެ ދާއިރާތަކާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެއުތުރުން، ޔުނާން ޔުނިވަރސިޓީއަށް ވަޑައިގެން، އެ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ފެކަލްޓީގައި މަސައްކަތް ކުރައްވާ ދިވެހި ޕްރޮފެސަރާ  ބައްދަލުކުރެއްވިއެވެ. އަދި ދަރިވަރުންގެ ކިޔެވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ދިމާވާ ދަތިތައް އޮޅުންފިލުއްވިއެވެ. ވަޒީރު ވަނީ އެ ދަރިވަރުންނަށް ހިތްވަރު ދެއްވައި، ކިޔެވުމުގައި ކާމިޔާބީއާ ހަމައަށް ވާޞިލްވުމަށްޓަކައި ގަދަ އަޅައި މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު