ENGLISH
12 ޖޫން 2026
ބޭސް ހޯދުމާއި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރަން އިންޑިއާއާ އެކު މަޝްވަރާކޮށްފި
12 ޖޫން 2026
|
އެންމެ މަޤްބޫލު
ރާއްޖެއަށް ބޭސް ހޯދުމާއި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރަން އިންޑިއާއާ އެކު މަޝްވަރާކޮށްފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ ދިވެހި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަމާއި ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ބައްދަލުކުރައްވައި ސިއްހީ ދާއިރާއިން ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ މެދުގައި ސިއްހީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެފަރާތުން އިސްކަންދޭ މުހިންމު ކަންތައްތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުންޏެވެ.
ސަރުކާރުގެ ބޭސް ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް މި ކުންފުނީގެ މަސައްކަތެކެވެ.
އެ ކުންފުނި މެދުވެރިކޮށް ބޭސް ހޯދުމަށް ގުޅާނޭ ހޮޓްލައިން ނަމްބަރު 1505 އަދި ސްޓޭޓް ފާމާ ޕޯޓަލް މިހާރު ތައާރަފުކޮށްފައިވާއިރު މުހިންމު ބޭހާއި ސިއްހީ ސާމާނު ހޯދުމުގައި އެހީ ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް 1505 އަށް ގުޅުމަށް އެކުންފުނިން އިލްތިމާސްކުރެއެވެ.