ENGLISH

12 ޖޫން 2026

Advertisement

މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 7.5 މިލިއަން ރުފިޔާ ލިބުނު

12 ޖޫން 2026

|

އައިމިނަތު ޝަފާ

މިދިޔަ މެއި މަހު މުދަލު ޒަކާތުގެ ގޮތުގައި 7.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ހިސާބުތައް ދައްކާގޮތުން މެއި މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 7.5 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 4.3 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 73 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަހަރު މެއި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެގޮތުގައި ދައުލަތަށް 58 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މި މުއްދަތުގައި މުދަލު ޒަކާތުގެގޮތުގައި ދައުލަތަށް ލިބިފައިވަނީ 50 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 14 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ދިވެހި ރުފިޔާ ވަނީ ބަހާފައެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ. އެއީ ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާ އެވެ.

މިއަހަރު ކޮންމެ ފަގީރެއްގެ ބޮލަކަށް ޖެހުނު މިންވަރަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އަދި މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު ޢަދަދު ކަން ވެސް ޒަކާތު ހައުސް އިން ފާހަގަކޮށްފައިވެ އެވެ.

މިދިޔަ އަހަރު ވެސް މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 5,000 ދިވެހި ރުފިޔާ އެވެ. އެހެންކަމުން މި އަހަރު ބޮލަކަށް 500 ރުފިޔާ އިތުރަށް ދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު