ENGLISH
12 ޖޫން 2026
ރޭގަނޑު ލަހުން ކާ ނަމަ، ބަނޑުގެ ސިއްޙަތަށް ނުރައްކާވޭ
12 ޖޫން 2026
|
ރޭގަނޑު ލަހުން ކެއުމަކީ ސިއްޙަތަށް ގެއްލުން ހުރި ކަމެއް-- ފޮޓޯ: ޓަމްސް
އެންމެ މަޤްބޫލު
ނަފްސާނީ ބޮޑު ސްޓްރެސްއެއްގެ ތެރޭގައި އުޅޭއިރު ރޭގަނޑު މާ ލަހުން ކެއުމަކީ ބަނޑުގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަމެއް ކަމަށް އެމެރިކާގައި ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
މިކަމުގެ ސަބަބުން ބަނޑުހިކުމާއި ބޭރަށް ހިންގުން ފަދަ މައްސަލަތައް ދިމާވުންވެސް މެދުވެރިވާ ކަމަށް ވެސް އެ ދިރާސާއިން އެނގިފައިވެއެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި، ސްޓްރެސްއާ އެކު ދުވާލަކަށް ބޭނުންވާ ކެލޮރީގެ 25 އިންސައްތައަށް ވުރެ ގިނައިން ރޭގަނޑު 9 ގެ ފަހުން ކާ މީހުންނަށް، ބަނޑުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު 2.5 ގުނަ އިތުރެވެ. މި ދިރާސާ ހަދާފައިވަނީ 11،000 އަށް ވުރެ ގިނަ މީހުންގެ ސިއްހީ މައުލޫމާތު އެއްކޮށްގެންނެވެ.
ޑރ. ދާދިގިރީ ފާހަގަކުރެއްވި ގޮތުގައި، ރޭގަނޑު ލަހުން ކެއުމަކީ ބަނޑުގެ ސިއްހީ މައްސަލަތަކަށް ދިމާވާން މެދުވެރިވާ ސަބަބެކެވެ. އެގޮތުން ސްޓްރެސްއާ އެކު މި އާދަ ހުރުމަކީ "ނުރައްކާތެރި" ކަމެކެވެ. މިގޮތަށް ކާ މީހުންގެ ބަނޑުގައި ހުންނަ ފައިދާހުރި ބެކްޓީރިއާ ނުވަތަ "ގަޓް މައިކްރޯބަޔޯމް" ގެ މިންވަރު މަދުވާކަން ވެސް މި ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ.
މާހިރުން ވިދާޅުވާ ގޮތުގައި، އިންސާނާގެ ހަށިގަނޑާއި ބަނޑުގައިވާ ބެކްޓީރިއާތަކަކީ ވަކި ވަގުތުތަކެއްގައި މަސައްކަތްކުރާ އެއްޗެހިތަކެކެވެ. ނިދުމުގެ ވަގުތުގައި ކެއުމުން، ހަށިގަނޑު އަރާމުކުރަން ބޭނުންވާ ވަގުތު ކާނާ ހަޖަމުކުރުމަށް ހަކަތަ ހޭދަކުރަން ޖެހުމުން ހަށިގަނޑުގެ ބެލެންސް ގެއްލެއެވެ. މީގެ އިތުރުން ސްޓްރެސް ހޯރމޯން ކަމަށްވާ "ކޯޓިޒޯލް" އިތުރުވުމަކީ ވެސް ބަނޑުގެ މައްސަލަތަކަށް މަގުފަހިވާ ކަމެއްކަމަށް މާހިރުން ފާހަގަކޮށްފައިވެއެވެ.
ބަނޑުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ނިދުމުގެ ތިނެއް ނުވަތަ ހަތަރު ގަޑިއިރު ކުރިން ކެއުން ހުއްޓާލަން ޖެހެއެވެ. އަދި ރޭގަނޑު ލަހުން ކާން މަޖުބޫރުވާ ހާލަތްތަކުގައި ތެޔޮ ގިނަ ކާނާގެ ބަދަލުގައި މޭވާއާއި ތަރުކާރީ ފަދަ ލުއި ކާނާ ބޭނުންކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ.
މި ދިރާސާއަކީ ޖާނަލްތަކުގައި ޝާއިއުކޮށްފައިވާ ދިރާސާއަކަށް ނުވި ނަމަވެސް، މިއީ ކެއުމުގެ ވަގުތުތަކާއި ބަނޑުގެ ސިއްހަތާ ހުރި ގުޅުން ދެނެގަތުމަށް ލިބުނު މުހިންމު ހޯދުމެއް ކަމަށް ސިއްހީ މާހިރުން ގަބޫލުކުރެއެވެ.