ENGLISH
28 ޖުލައި 2026
މުއްދަތު ފަހަނައެޅިއިރު ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާ 14.4 ބިލިއަނުން މައްޗަށް އަރައިފި
28 ޖުލައި 2026
|
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
އެންމެ މަޤްބޫލު
ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ފައިސާ ދެއްކުމުގެ މުއްދަތު ފަހަނައެޅިއިރު ނުދައްކައި ހުރި ފައިސާ 14.4 ބިލިއަންް ރުފިޔާއަށްްވުރެ އިތުރުވެފައިވާކަން މޯލްޑިވްސްް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކައިފިއެވެ.
ކޮންމެ ކުއާޓާއަކު މީރާއިން އާއްމުކުރާ މާލީ ރިޕޯޓުުގައި ބުނެފައިވާ ގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން ފައިސާ ދެއްކުމުގެ މުއްދަތުގައި ނުދައްކައި ހުރި ފައިސާގެ އަދަދު 8.1 ބިލިއަން ރުފިޔާއަށް އަރައެވެ. 2025 ވަނަ އަހަރުގެ ފަހު ކުއާޓާގެ ހިސާބުތައް ދައްކާ ގޮތުން އެ އަހަރު ނިމުނުއިރު މީރާއަށް ލިބެންޖެހޭ ޓެކުސް ފައިސާއިން ނުލިބި ހުރީ 7.8 ބިލިއަން ރުފިޔާއެވެ.
މި ހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ނިޔަލަށް މީރާއަށް ޓެކުހުގެ ގޮތުގައި ލިބެންޖެހި ނުލިބިހުރި އަދަދަށްވުރެ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ނުލިބި ހުރި އަދަދު 317.69 މިލިއަނުންވަނީ އިތުރުވެފައެވެ.
މީރާގެ ހިސާބުތަކަށް ބަލާއިރު އިންކަމް ޓެކުހުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ނުލިބެއެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ 1.5 ބިލިއަން ރުފިޔާއާއި، ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ 3.4 ބިލިއަން ރުފިޔާއާއި އެހެނިހެން ޓެކުހުގެ ގޮތުގައި ލިބެންޖެހޭ 697.65 މިލިއަން ރުފިޔާ މި އަހަރުގެ ފުރަތަމަަ ކުއާޓާގެ ނިޔަލަށް ނުލިބެއެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބެންޖެހޭ އާމްދަނީގެ ތެރެއިން 6.3 ބިލިއަން ރުފިޔާ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަަށް ނުލިބެއެވެ. އެއިން އެންމެ ބޮޑު އިންސައްތައަކީ ޓޫރިޒަމްގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ. ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ފުރަތަމަ ކުއާޓާގެ ނިޔަލަށް ނުލިބެއެވެ.
2025 ވަނަ އަހަރުގެ ނިޔަލަށް ޓެކުސް ނޫން ގޮތްގޮތުން ނުލިބޭ އާމްދަނީއަކީ 6 ބިލިއަން ރުފިޔާކަމުން، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޓެކުސް ނޫން ގޮތްގޮތުން ލިބެންޖެހޭ ފައިސާއިން މުއްދަތުގެ ތެރޭ ނުލިބޭ ފައިސާއަށް 300 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ދައުލަތުގެ ވިޔަފާރިތަކުން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތައް ނުދައްކައި ހުރި އަދަދު 3.51 ބިލިއަން ރުފިޔާއަށް މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު އަރާފައިވެއެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް އެސްއޯއީތަކުން ދައްކަންޖެހި ނުދައްކައި ހުރި ފައިސާގެ އަދަދަކީ 2.39 ބިލިއަންް ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެސްއޯއީތަކުން ދައްކަންޖެހި ނުދައްކައި ހުރި ފައިސާއަށް 1.12 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
މީރާއިން ހާމަކުރި ގޮތުގައި ތަންފީޒީ ފިޔަވަޅުތަކުގެ ޒަރީއާއިން ދައުލަތަށް ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގަައި 2.09 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.