ENGLISH
28 ޖުލައި 2026
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފި
28 ޖުލައި 2026
|
ރައީސް ފުވައްމުލަކު ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ؛ ރައީސް އޮފީސް.
އެންމެ މަޤްބޫލު
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
މާލީ ވުޒާރާއިން މިކަން ހާމަކޮށް ނެރުނު ސާކިއުލާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަންޖެހޭކަމަށެވެ. އަދި "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓުތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އާ އެއްގޮތްވާގޮތުގެ މަތިން ކައުންސިލްތަކުން މި އަހަރުގެ ބަޖެޓު ތައްޔާރުކޮށް ވުޒާރާއަށް ހުށަހަޅަންޖެހޭކަމަށެވެ
ބަޖެޓު ތައްޔާރުކުރާއިރު އާމްދަނީއާއި ހަރަދު ވަކިންއެނގެން އޮންނަންވާނެކަމަށް ބަޔާންކޮށް ކައުންސިލްތަކުން ބަޖެޓު ތައްޔާރުކުރާއިރު ހިމަނަންޖެހޭ ކަންކަން ވުޒާރާއިން ވަނީ ތަފްސީލުކޮށްދީފައެވެ.
އެގޮތުން ހިމަނަންޖެހޭ ތަފްސީލީ މައުލޫމާތުތަކަކީ:
(1) ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ.
(2) ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ.
(3) ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް.
(4) ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ.
މީގެތެރެއިން ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީގެބަޖެޓު ތައްޔާރުކުރާނީ 2027 އިން 2029 ވަނަ އަހަރަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށްކަނޑައަޅާކަމަށް ވުޒާރާއިން ލަފާކުރާ އަދަދުތަކަށްވުރެ ބޮޑުނުވާނެގޮތަށެވެ. ނަމަވެސް ކައުންސިލްތަކުން ބަޖެޓު ފައިނަލް ކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރުމުން، އެ ބަޖެޓުގައިވާ އަދަދުތަކަށް ރިއާޔަތްކޮށްގެން ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.
އަންނަ އަހަރުން 2029 ގެ ނިޔަލަށް ލަފާކުރާ ބަޖެޓު، ސެޕްޓެމްބަރު 18، 2026 ގެ ކުރިން ހުށަހަޅަންޖެހެއެވެ.
ކައުންސިލްތަކަށް އެންމެ ފުރަތަމަ ބްލޮކް ގްރާންޓް ދޫކުރަން ފެށީ 2020 ވަނަ އަހަރެވެ.
މާލީ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެފަހުގެ ހިސާބުތައް ދައްކާގޮތުން މި މަހުގެ ދެ ވަނަ ހަފްތާގެ ތެރޭގައި ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކޮށްފައިވެއެވެ.
ކައުންސިލްތަކަށް ދޫކުރި ގްރާންޓްގެ ޖުމްލަ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރެވުނު 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 200.5 މިލިއަން ރުފިޔާ ނުވަތަ 16.0 އިންސައްތައިގެ އިތުރުވުމެކެވެ. މި ފައިސާއަކީ ލާމަރުކަޒީ އުސޫލުން ހިދުމަތް ދިނުމަށާއި ރަށްރަށުގެ ތަރައްގީއަށް ކުރެވޭ ހޭދައެކެވެ.
ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދެނީ ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތައެވެ.