ENGLISH

28 ޖުލައި 2026

Advertisement

ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ކޯޗުކަން ޒިދާނަށް

28 ޖުލައި 2026

|

އިސްމާއިލް ޝާހު

ފްރާންސްގެ ކޯޗަކަށް ޒައިނުއްދީން ޒިދާން ހަމަޖެއްސުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާން، އެ ޤައުމުގެ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ކުރަމުން އައި އުއްމީދުތައް މިއަދު ހަގީގަތަކަށް ވެއްޖެއެވެ. ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކުރީގެ ކެޕްޓަން އަދި ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޒިދާން، ދިގު މުއްދަތަކަށްފަހު މަގާމުން ވަކިވި ޑިޑިއޭ ޑެޝޯމްޕްސްގެ ބަދަލުގައި ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެ ޤައުމުގެ ކޯޗަކަށް އައްޔަންކޮށްފައެވެ.

ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒިދާން މި މަގާމަށް އައްޔަންކުރެވުނީ، ނިމިދިޔަ ވޯލްޑް ކަޕް 2026 ގައި ފްރާންސް ހަތަރުވަނައަށް ދިޔަ ފްރާންސްގެ ކޯޗު ޑެޝޯމްޕްސްގެ ދައުރު ނިމުމަކަށް އައިތާ ދެ ހަފުތާ ފަހުންނެވެ. ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް ކުޅުނު ފަހު މެޗަކީ އިންގްލެންޑް އަތުން 6-4 ގެ ނަތީޖާއަކުން ބަލިވި މެޗެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ޒިދާން ބުނީ އޭނާ އަބަދުވެސް ބޭނުންވީ ފްރާންސްގެ ޤައުމީ ޓީމާ ހަވާލުވުމަށް ކަމަށެވެ. "އަހަރެން އަބަދުވެސް މި ޓީމަށް ބަލަނީ ކުރިމަގުގެ މެނޭޖަރެއްގެ ނަޒަރުން. އެ ސަބަބަށްޓަކައި އަހަރެން އެއްވެސް ކުލަބެއްގެ ވަޒީފާއަކާ ހަވާލެއް ނުވަން. ރެއާލް މެޑްރިޑަށްފަހު އަހަރެން ހަމައެކަނި ބޭނުންވީ ފްރާންސް ޤައުމީ ޓީމާ ހަވާލުވާން،" ޒިދާން ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ޑެޝޯމްޕްސް މަގާމުގައި ހުރުމުން އޭނާ މަޑުކޮށްލީއެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑެޝޯމްޕްސް އެ ނިންމުން ނިންމި ހިސާބުން، ދެން އެ މަގާމާ ހަވާލުވާނީ އޭނާކަން ޔަގީންވި ކަމަށާއި، ފެޑެރޭޝަންގެ ރައީސާ ބައްދަލުކޮށް ކަންކަން ނިންމި ކަމަށް ޒިދާން ބުންޏެވެ.

އުމުރުން 54 އަހަރުގެ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ކުޅޭ ފުރަތަމަ މެޗަކަށް ވާނީ ޔުއެފާ ނޭޝަންސް ލީގުގައި ތުރުކީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ސްޓޭޑް ޑި ފްރާންސްގައި އިޓަލީއާ ދެކޮޅަށް ނުކުންނާނެއެވެ.

ފްރާންސްގެ ކޯޗަކަށް ޒައިނުއްދީން ޒިދާން ހަމަޖެއްސުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

ވޭތުވެދިޔަ 14 އަހަރު ފްރާންސް ޓީމަށް އިރުޝާދުދިން ޑެޝޯމްޕްސް ވަނީ 185 މެޗުގައި ޓީމަށް އިރުޝާދުދީ، 120 މެޗުން މޮޅުވެފައެވެ. އޭނާގެ ދައުރުގައި ފްރާންސުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2020/21 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޔޫރޯ 2016 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް އެ ޤައުމު ގެންގޮސްދިނެވެ.

ޒިދާން އާއި ޑެޝޯމްޕްސްކީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ދެ ބައިވެރިންނެވެ. އެ މުބާރާތުގެ ކާމިޔާބީގައި ޒިދާން މުހިންމު ދައުރެއް އަދާކުރިއިރު، އެ އަހަރުގެ ބަލޮންޑޯ އެވޯޑުވެސް ކާމިޔާބުކުރީ އޭނާއެވެ. ޤައުމީ ޓީމަށް ކުޅުނު 108 މެޗުގައި އޭނާ ވަނީ 31 ލަނޑު ޖަހައި، 29 އެސިސްޓް ހަދާފައެވެ.

"އަހަރެންގެ ކުޅުމުގެ ވައްޓަފާޅި ވަރަށް އަވަހަށް ފެންނާނެ. އަހަރެންނަކީ އަބަދުވެސް މޮޅުވުމުގެ ރޫހު ހުންނަ މީހެއް. ކުޅުންތެރިއެއްގެ ގޮތުގައި އަހަރެންނަކީ ނަމްބަރު 10 އެއް. އަހަރެން އެންމެ ބޭނުންވަނީ ލަނޑު ޖަހަން،" ޒިދާން ބުންޏެވެ. އޭނާ އިތުރަށް ބުނީ 1998 ވަނަ އަހަރުގެ ކާމިޔާބީއަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ ކަމަށާއި، މިހާރު ހުރީ ވަރަށް ބޮޑަށް ފޯރިގަދަވެފައި ކަމަށެވެ.

ކުލަބު ކެރިއަރުގައި އިޓަލީގެ ޔުވެންޓަސްއަށް 212 މެޗު ކުޅުމަށްފަހު، 2001 ވަނަ އަހަރު ޒިދާން ގުޅުނީ ރެއާލް މެޑްރިޑާއެވެ. އެ ކުލަބުގައި ފަސް ސީޒަން ހޭދަކޮށް، 227 މެޗުން 49 ލަނޑު ޖަހައިދިނެވެ. އަދި އޭނާގެ ފުރަތަމަ ސީޒަނުގައި ރެއާލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއެވެ.

ކުޅުން ހުއްޓާލުމަށްފަހު 2013 ގައި ރެއާލްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ފަށައި، 2016 ގައި ހެޑް ކޯޗުކަމާ ހަވާލުވިއެވެ. އޭނާގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑުން ވަނީ ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ދުނިޔޭގެ ރިކޯޑެއް ގާއިމުކޮށްފައެވެ. އަދި ދެވަނަ ފަހަރަށް 2019 ގައި އެ ކުލަބާ ހަވާލުވެ، ސްޕެނިޝް ލީގުގެ ތަށިވެސް ހޯދައިދިނެވެ.

ޒިދާނަކީ 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްކޮޑުގެ ތެރެއިން ފްރާންސްގެ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ތިންވަނަ މީހާއެވެ. އޭނާގެ ކުރިން އެ މަގާމު އަދާކުރީ ލޯރެންޓް ބްލޮންކް އަދި ޑެޝޯމްޕްސްއެވެ. ޒިދާންގެ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފްރާންސް ޓީމު ތައްޔާރުކުރުމެވެ.

"ފްރާންސް ޓީމުން މިހާތަނަށް ދެއްކި ކުޅުމާއި ހޯދި ނަތީޖާތަކާ މެދު އަހަރެން ވަރަށް އުފާވޭ. ސަޕޯޓަރުން ޝަކުވާ ކުރާނެ ޖާގައެއް ނެތް. ނަމަވެސް އަހަރެމެން ކަންތައްތައް ކުރާނީ ތަފާތު ގޮތަކަށް. ޑެޝޯމްޕްސް އަކީ ޑެޝޯމްޕްސް، ބްލޮންކަކީ ބްލޮންކް. އަހަރެން މަސައްކަތް ކުރާނީ އަހަރެންނަށް އެނގޭ ގޮތަށް، ފްރާންސް ޓީމަށް ކާމިޔާބީތައް ހޯދައިދިނުމުގައި ދެމިހުރުމަށް،" ޒިދާން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު