ENGLISH
28 ޖުލައި 2026
ކީޕަރުން ނަގާ ޓެކްޓިކަލް ޓައިމްއައުޓް ހުއްޓުވުމަށް އިނގިރޭސި ފުޓްބޯޅައިން އައު އުސޫލެއް
28 ޖުލައި 2026
|
ސިޓީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާއަށް ދަނޑުމަތީގައި ފަރުވާދެނީ --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ގޯލްކީޕަރުންނަށް އަނިޔާވެގެން ކަމަށް ބުނެ މެޗު މެދުކަނޑާލައިގެން ނަގާ "ޓެކްޓިކަލް ޓައިމްއައުޓް" ހުއްޓުވުމަށް، އަންނަ ސީޒަނުން ފެށިގެން އައު ނިޒާމެއް ތަޖުރިބާކުރުމަށް އިނގިރޭސި ފުޓްބޯޅައިން ނިންމައިފިއެވެ. މިކަމަށް އިންޓަރނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިފެބް) އިން ހުއްދަ ދީފައިވާކަން އިނގިރޭސި އެފްއޭ އާއި އިނގިރޭސި ޕްރިމިއަރ ލީގުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިނގިރޭސި އެފްއޭ، ޕްރިމިއަރ ލީގު، އީއެފްއެލް، ނޭޝަނަލް ލީގު، ވުމަންސް ސުޕަ ލީގު އަދި ޕްރޯ ރެފްގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މި ތަޖުރިބާ ކުރިއަށް އޮތް ސީޒަނުގައި އިނގިރޭސިވިލާތުގެ ފިރިހެން އަދި އަންހެން ޕްރޮފެޝަނަލް ފުޓްބޯޅައިގެ ހުރިހާ ފަންތިއެއްގައި އަމަލުކުރަން ފަށާނެއެވެ.
މި އައު އުސޫލުގެ ދަށުން ގޯލްކީޕަރަކަށް އަނިޔާވެގެން މެޗު މެދުކަނޑާލައިފިނަމަ، ކުޅުން އަލުން ފަށާތާ މަދުވެގެން އެއް މިނެޓު ވަންދެން ދަނޑުން ބޭރުގައި އައުޓްފީލްޑް ކުޅުންތެރިއަކު ހުންނަން ޖެހެއެވެ. އެ ކުޅުންތެރިއެއް ކަނޑައަޅާނީ ޓީމުގެ ކޯޗެވެ. މިއީ މެޗު މެދުކަނޑާލައިގެން ޓެކްޓިކަލް ފައިދާއެއް ހޯދުމަށް ޓީމުތަކުން ކުރާ މަސައްކަތް ހުއްޓުވުމަށް އެޅޭ ފިޔަވަޅެކެވެ.
އައިފެބްއިން ހާމަކުރި ގޮތުގައި މި ތަޖުރިބާ ބިނާވެފައިވަނީ މިހާރުވެސް ފުޓްބޯޅައިގެ ގަވާއިދުގައި އޮންނަ އުސޫލެއްގެ މައްޗަށެވެ. އެއީ ދަނޑުމަތީގައި ފަރުވާ ހޯދާ ނުވަތަ އަނިޔާގެ ސަބަބުން ކުޅުން މެދުކަނޑާލަންޖެހޭ އައުޓްފީލްޑް ކުޅުންތެރިން އެއް މިނެޓު ވަންދެން ދަނޑުން ބޭރުގައި ތިބެންޖެހޭ އުސޫލެވެ.
ދިފާއީ ކުޅުންތެރިއަކާ އެއްވެސް ކުރިމަތިލުމެއް ނުހިނގަނީސް، ގޯލްކީޕަރުން އަނިޔާގެ ފަރުވާ ހޯދުމަށް އެދޭ މަންޒަރު މިހާރަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ ސަޕޯޓަރުންނާއި، ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކާއި، އިދިކޮޅު ޓީމުތަކުގެ މެނޭޖަރުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދިފައިވާ ކަމެކެވެ. މިގޮތަށް ކުޅުން މެދުކަނޑާލާ ވަގުތުތަކުގައި، ޓީމުގެ ކޯޗުންނަށް ކުޅުންތެރިންނަށް ޓެކްޓިކަލް އިރުޝާދުތައް ދިނުމުގެ ފުރުސަތު ލިބިގެންދެއެވެ.
އިނގިރޭސި އެފްއޭއިން ބުނި ގޮތުގައި މި ތަޖުރިބާގެ ބޭނުމަކީ ކުޅުމުގެ ފޯރި ކަނޑުވާލުމަށާއި، ވަގުތު ބޭކާރު ކުރުމަށާއި، އަދި އިރުޝާދުދިނުމުގެ ފުރުސަތު ހޯދުމަށް ގޯލްކީޕަރުންގެ އަނިޔާ ބޭނުންކުރާ ކުރުން ހުއްޓުވުމެވެ. އަދި މި ތަޖުރިބާ މުޅި ސީޒަނުގައި މޮނިޓަރ ކުރަމުންދާނެ ކަމަށާއި، ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރަމުން ކުޅުމުގެ އޮމާންކަން ދެމެހެއްޓުމަށް މި އުސޫލުގެ ސަބަބުން ލިބޭ ކުރިއެރުންތައް ވަޒަންކުރާނެ ކަމަށްވެސް އެފްއޭއިން ބުންޏެވެ.
ނިމިދިޔަ ސީޒަނުގައި މެޗުތަކުގެ ނާޒުކު ދަނޑިވަޅުތަކުގައި ކީޕަރުން ފަރުވާ ހޯދި ގިނަ ހާދިސާތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ބްރައިޓަންގެ ކޯޗު ފަބިއަން ހުރްޒެލާ ވަނީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އާސެނަލް 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗެއްގައި ރާޔާ ތިން ފަހަރަށް ފަރުވާ ހޯދުމުން، ހުރްޒެލާ ބުނީ މިއީ ފުޓްބޯޅައިގެ ރޫހާ ޚިލާފު ކަމެއް ކަމަށާއި، ޕްރިމިއަރ ލީގުން މިކަމަށް ގަވާއިދެއް ހަދަންޖެހޭ ކަމަށް ބުނެފައެވެ. މީގެ އިތުރުން ލީޑްސް ޔުނައިޓެޑްގެ ކޯޗު ޑެނިއަލް ފާކޭވެސް ވަނީ މެންޗެސްޓަރ ސިޓީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ގަސްތުގައި އަނިޔާގެ ބަހަނާ ދެއްކި ކަމަށް ތުހުމަތުކޮށްފައެވެ.
ނަމަވެސް ބައެއް ހާލަތްތަކުގައި މި އައު އުސޫލު ހިނގާނެއެވެ. އޭގެ ތެރޭގައި ފައުލެއްގެ ސަބަބުން ކީޕަރަށް އަނިޔާވުން، ފަރުވާ ބޭނުންވާ އެހެން ކުޅުންތެރިއަކާ ކުރިމަތިލުމެއް ހިނގުން، ލޭ އައުން، ނުވަތަ ހިލޭޖެހުމެއް ދޭންޖެހޭ ފަދަ ނުރައްކާތެރި ފައުލެއްގެ ސަބަބުން އަނިޔާވުން ހިމެނެއެވެ.
މި އައު ނިޒާމަށް އަމަލުކުރަން ފަށާނީ އަންނަ އޮގަސްޓް އެއްވަނަ ދުވަހު ބާއްވާ ލީގު ކަޕުގެ ފުރަތަމަ ބުރުން ފެށިގެންނެވެ. މިއީ ވަގުތު ބޭކާރުކުރުން ހުއްޓުވުމަށް ކުރިއަށް އޮތް ސީޒަނަށް ތައާރަފުކުރާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުން އެއްލުންތައް އަދި ގޯލް ކުރިމަތިން ޖެހުމަށް ފަސް ސިކުންތުގެ ކައުންޓްޑައުނެއް ތައާރަފުކުރުމާއި، ބަދަލުކުރާ ކުޅުންތެރިން 10 ސިކުންތު ތެރޭގައި ދަނޑުން ފޭބުމަށް މަޖުބޫރުކުރުންވެސް ހިމެނެއެވެ.