ENGLISH

28 ޖުލައި 2026

Advertisement

މެލޭޝިއާގައި ކުރިއަށްގެންދާ ދެ މަސް ދުވަހުގެ ތަމްރީނުތަކަށް ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ފުރައިފި

28 ޖުލައި 2026

|

އިސްމާއިލް ޝާހު

މެލޭޝިއާއަށް ފުރި ރިވައިވަލް ސްޕޯޓްސްގެ ހައި ޕާފޯމަންސް ޓީމާއި 23 އަހަރުން ދަށުގެ ސްކޮޑު --- ފޮޓޯ: ރިވައިވަލް ސްޕޯޓްސް

ރިވައިވަލް ސްޕޯޓްސްގެ ތާރީޚުގައި މިހާތަނަށް ރާއްޖޭން ބޭރުގައި ކުރިއަށްގެންދާ އެންމެ ބޮޑު ތަމްރީނު ދަތުރުގައި، އެ ކުލަބުގެ ހައި ޕާފޯމަންސް ޓީމާއި 23 އަހަރުން ދަށުގެ ސްކޮޑު، ދެ މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމަކަށް މެލޭޝިއާއަށް ފުރައިފިއެވެ.

މި ދަތުރުގައި ބައިވެރިވާ 12 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ ހައި ޕާފޯމަންސް ޓީމާއި، 23 އަހަރުން ދަށުގެ ސްކޮޑުގެ އެތުލީޓުންގެ އިތުރުން ދެ ކޯޗުންނެވެ. މި ދަތުރަކީ އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށްގެން، ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާގެ އެހީގައި ރާއްޖެއަށް މެޑަލް ހޯދައިދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ "އައިއޯއައިޖީ 2027 ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށް ރިވައިވަލް ސްޕޯޓްސްއިން މައުލޫމާތުދެއެވެ.

އަދި މި ތަމްރީނު ކޭމްޕަކީ ކުރިއަށް ހުރި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން އެންޑޯޒްކޮށްފައިވާ މުބާރާތްތަކަށާއި، އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށްވެސް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ކުލަބުން ބުނެއެވެ. މީގެ އިތުރުން މި ދަތުރުގެ ތެރެއިން މެލޭޝިއާގައި ބާއްވާ ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި އެ ޓީމު ވާދަކުރާނެއެވެ. އެއީ:

  • ޕެޓްރޯނަސް މެލޭޝިއާ އިންޓަރނޭޝަނަލް ޗެލެންޖް 2026
  • ޕެޓްރޯނަސް މެލޭޝިއާ އިންޓަރނޭޝަނަލް ސީރީޒް 2026

ރިވައިވަލް ސްޕޯޓްސްއިން ބުނީ ރާއްޖޭން ބޭރުގައި ބާއްވާ ކޮންމެ ތަމްރީނު ކޭމްޕަކާއި، ބައިނަލްއަގުވާމީ މެޗުތަކަކީ އެ ކުލަބުގެ އެތުލީޓުންގެ ހުނަރު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިފަދަ ފުރުސަތުތަކުގެ ސަބަބުން ދިވެހި ބެޑްމިންޓަންގެ ފެންވަރު މަތިވެ، ބައިނަލްއަގުވާމީ މައިދާނުގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ ތަޖުރިބާ އާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އެތުލީޓުންނަށް ލިބިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު