ENGLISH

12 ޖޫން 2026

Advertisement

ދެކުނު ކޮރެއާއިން ފަހަތުން އަރައި ޗެކިއާ ބަލިކޮށްފި

12 ޖޫން 2026

|

މުޙައްމަދު އަދުހަމް

ދެކުނު ކޮރެއާއަށް ލަނޑު ޖަހައިދިނުމަށްފަހު ހްވަން އިންބިއޮމް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޗެކް ރިޕަބްލިކުން ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރައި 2-1 އިން ދެކުނު ކޮރެއާ މޮޅުވެއްޖެއެވެ.

މި މޮޅާއެކު ދެކުނު ކޮރެއާ ވަނީ މުބާރާތުގެ ގްރޫޕް އޭގެ އެންމެ ކުރީގައި އުޅޭ މެކްސިކޯއާ އެއްވަރަށް ތިން ޕޮއިންޓް ހަމަކޮށްފައެވެ. މެކްސިކޯއިން މުބާރާތް ހުޅުވި މެޗުގައި ވަނީ 2-0 އިން ދެކުނު އެފްރިކާ ބަލިކޮށްފައެވެ.

މެކްސިކޯގެ ގުއަޑަލަހާރާ ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެކުނު ކޮރެއާއިން ރަނގަޅަށް ކުޅެ، ޗެކް ރިޕަބްލިކުގެ ގޯލަށް ނުރައްކާކޮށްފައިވާއިރު، އެ ހަމަލާތައް އެ ޓީމުގެ ގޯލްކީޕަރު މަޓެޖް ކޯވާ ވަނީ ހުއްޓުވައިފައެވެ.

ޗެކް ރިޕަބްލިކްގެ ކެޕްޓަން ލަޑިސްލާވް ކްރޭޗީ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

އެގޮތުން، މެޗުގެ 14 ވަނަ މިނެޓުގައި ދެކުނު ކޮރެއާގެ ލީ ކަންގް-އިން ފޮނުވާލި ބާރު ހަމަލާއެއް ކޯވާ މަތަކުރިއިރު، ކެޕްޓަން ކެޕްޓަން ސޮން ހެއުން-މިންއަށް ލަނޑުޖަހަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މިއާއެކު ފުރަތަމަ ހާފު ނިންމާލީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސޮން ފޮނުވާލި ހަމަލާވެސް ކީޕަރު ކޯވާ ވަނީ މަތަކޮށްފައެވެ. މި ހާފު ފަށައިގެންވެސް ދެކުނު ކޮރެއާއިން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުން ދަނިކޮށް، މެޗުގެ 59 ވަނަ މިނެޓުގައި ކުރީން ލީޑު ނެގީ ޗެކް ރިޕަބްލިކުންނެވެ. މިއީ އަރިމަތިން ވްލަޑިމިއާ ސޯފާލް ދިގު އެއްލުމަކުން އެއްލި ބޯޅައަކަށް އަރައި، އެ ޓީމުގެ ކެޕްޓަން ލަޑިސްލާވް ކްރޭޗީ ކާމިޔާބުކޮށްދިން ގޯލެކެވެ.

ދެކުނު ކޮރެއާއިން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުވާގޮތްވެ، އޭގެ އަށް މިނެޓު ފަހުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ އެ ޓީމުގެ ލީ ކަންގް-އިން ދިން ބޯޅައެއްގެ އެހީގައި ހްވަން އިންބިއޮމް ކާމިޔާބުކޮށްދިން ގޯލެކެވެ.

ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އޭގެފަހުން، މެޗުގެ 80 ވަނަ މިނެޓުގައި ދެކުނު ކޮރެއާ މޮޅުވި ލަނޑުޖަހައިދިނީ އޯ ހިއުން-ގްޔޫ އެވެ. އޭނާ މި ލަނޑުޖެހީ ހްވަންގ އިންބިއޮމް ތިރިތިރިން ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. 

މެޗުގެ ފަހުކޮޅު ނަތީޖާ އެއްވަރުކުރުމަށް ޗެކް ރިޕަބްލިކުން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެގޮތުން، އެ ޓީމުގެ އެޑަމް ހްލޯޒެކް ފޮނުވާލި ނުރައްކާތެރި ހަމަލާ ދެކުނު ކޮރެއާގެ ކީޕަރު ކިމް ސިއުންގްގިޔޫ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

މިއީ ވޯލްޑް ކަޕްގައި ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް ކުޅެ ދެކުނު ކޮރެއާ އިން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ. މީގެކުރީން، އެ ޓީމުން ވަނީ 2022 ގައި ޕޯޗުގަލް (2-0) އިން އަދި ޖަރުމަން އަތުން 2018 ގައި (2-0) އިން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު