ENGLISH
12 ޖޫން 2026
މެޑިސިން ސްކޫލުން ދަސްވެނިވާ ޑޮކްޓަރުންގެ ކޮލިފިކޭޝަން ޔޫކޭގެ ޖެނެރަލް މެޑިކަލް ކައުންސިލުން ބަލައިގެންފި
12 ޖޫން 2026
|
މެޑިސިން ސްކޫލުން ދަސްވެނިވި ދަރިވަރުންތަކެއް.
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންއިން ތަމްރީނުވާ ޑޮކްޓަރުންގެ ކޮލިފިކޭޝަން އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލް (ޖީ.އެމް.ސީ) އިން ބަލައިގެންފިއެވެ.
މިކަމާ ގުޅިގެން އެމްއެންޔޫއިން ބުނީ ޔުނިވާސިޓީގެ ޕްރައިމަރީ މެޑިކަލް ކޮލިފިކޭޝަން އަކީ ރާއްޖެއިން ބޭރުގެ ކޮލިފިކޭޝަންގެ ޝަރުޠުތައް ފުރިހަމަކަން އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލް (ޖީ.އެމް.ސީ) އިން ކަށަވަރު ކުރުމަކީ ދަރިވަރުންނަށާއި، ފެކަލްޓީތަކާއި، ކްލިނިކަލް ޑޮކްޓަރުންނާއި، ސްޓާފުންނަށާއި، އެފިލިއޭޓެޑް ހޮސްޕިޓަލްތަކަށާއި، މުޅި ޤައުމަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއްކަމަށެވެ.
އެމްއެންޔޫއިން ބުނީ، އިނގިރޭސި ވިލާތުގައި މަސައްކަތް ކުރަން ބޭނުންވާ އެ ޤައުމުން ބޭރުގެ ޑޮކްޓަރުން ޖީއެމްސީއިން ދޭ ޕީއެލްއޭބީ އިމްތިހާނުން ފާސްވާންޖެހޭ ކަމަށާއި، އެ އިމްތިހާނު ދިނުމުގެ ކުރިން ވަކިވަކިން ކޮންމެ ޑޮކްޓަރަކު ވެސް އެސެސްކުރާ ކަމަށެވެ. ނަމަވެސް، ރާއްޖެއިން ދަސްވެނިވާ ޑޮކްޓަރުންގެ ކޮލިފިކޭޝަން ބަލައިގަނެ، އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލް (ޖީ.އެމް.ސީ)ގައި ލިސްޓް ކުރުމުން ރާއްޖެއިން ދަސްވެނިވާ ދަރިވަރުން ވަކިވަކިން އެސެސްކުރުމެއް ނެތި އިމްތިހާނު ހަދައި، ޖީއެމްސީ ރަޖިސްޓްރޭޝަނަށް މިހާރު ހުށައެޅޭނެ ކަމަށެވެ.
މިކާމިޔާބީއާއެކު އިނގިރޭސި ވިލާތުގެ އިތުރުން އެހެން ގައުމުތަކުން ވެސް އެ ސްކޫލުގެ ކޮލިފިކޭޝަން ބަލައިގަތުމަށް އަމިއްލަ އިސްނެގުމަށް މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށް ޔުނިވާސިޓީން މައުލޫމާތުދެއެވެ.
ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ޑޮކްޓަރީކަން ކިޔަވައިދޭން ފެށީ 2018 ވަނަ އަހަރުއެވެ. މިހާތަނަށް ތިން ބެޗްގެ ދަރިވަރުން އެމްބީބީއެސް ކޯހުން ދަސްވެނިވެފައިވެއެވެ. އޭގެ ތެރެއިން ބައެއް ދަސްވެނީން ޑޮކްޓަރުންގެ ގޮތުގައި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަމުން ގެންދެއެވެ.