ENGLISH

08 ޖޫން 2026

Advertisement

އެރިކްސަންގެ ހާލު އަންނަނީ ރަނގަޅުވަމުން

08 ޖޫން 2026

|

ސުވެއިދާ ހުސެއިން

ޑެންމާކުގެ އެރިކްސަން: އޭނާ ވަނީ އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗެއްގެ ތެރެއިން ހޭނެތި، ދަނަޑު މައްޗަށް ވެއްޓިފައި ---

އާދިއްތަ ދުވަހުގެރޭ ޑެންމާކުން ޔޫކްރެއިނާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ ތެރެއިން ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ޑެންމާކުގެ ގައުމީ ޓީމުގެ ޑޮކްޓަރު މޯޓަން ބޯސެން ބުނެފިއެވެ.

އޮޑެންސޭގައި ކުޅުނު މި މެޗުގެ 65 ވަނަ މިނެޓުގައި އެރިކްސަން ވެއްޓުމާ ގުޅިގެން މެޗު މެދުކަނޑާލައި، އޭގެ ކުޑައިރުކޮޅެއް ފަހުން ވަނީ މެޗުވެސް ހުއްޓާލާފައެވެ. ނަމަވެސް ކުޑައިރުކޮޅެއްފަހުން ހޭ އެރުމުން، އުމުރުން 34 އަހަރުގެ އެރިކްސަން ވަނީ އަމިއްލައަށް ހިނގާފައި ދަނޑުން ފައިބާފައެވެ.

ޑެންމާކުގެ ގައުމީ ޓީމުގެ ޑޮކްޓަރު ބޯސެން މިއަދު ބުނީ އެރިކްސަންއާ އޭނާ ވާހަކަ ދެއްކި ކަމަށާއި، ހާލު ރަނގަޅު ކަމަށެވެ. އަދި ވަރަށް އަވަހަށް ހޮސްޕިޓަލުން ގެއަށް ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.

މެންޗެސްޓާ ޔުނައިޓެޑާއި، ޓޮޓްނަމް ހޮޓްސްޕަރ އަދި ބްރެންޓްފަޑަށް ކުރިން ކުޅުނު މިޑްފީލްޑަރަށް އެންމެ ފުރަތަމަ ހިތުގެ މަސައްލައާ ކުރިމަތިލާންޖެހުނީ 2021 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިންނެވެ. އެ ފަހަރު އޭނާ ވެއްޓުނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އެ ހާދިސާއަށްފަހު އޭނާގެ ހަށިގަނޑުގައި ވަނީ ހިތުގެ ވިންދު ހަމަޔަކަށް އަޅުވައިދޭ އިމްޕްލާންޓަބަލް ކާޑިއޯވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) އެއް ހަރުކޮށްފައެވެ.

އައިސީޑީ ހަރުކުރުމަށްފަހު، 8 މަސް ފަހުން އެރިކްސަން ވަނީ އަލުން ފުޓްބޯޅަ ކުޅެން ފަށާފައެވެ. ނަމަވެސް އޭރު އޭނާ ކުޅެމުންދިޔަ އިންޓަރ މިލާނާއެކު ހެދި އެއްބަސްވުން ވަނީ އުވާލާފައެވެ. ސަބަބަކީ އައިސީޑީ ހަރުކޮށްފައިތިބޭ ކުޅުންތެރިންނަށް އިޓާލިއަން ލީގުގައި ކުޅުމުގެ ހުއްދަ ނޯންނާތީއެވެ. ނަމަވެސް އިނގިރޭސި ޕްރިމިއަރ ލީގާއި ޖަރުމަން ލީގުގައި މިފަދަ ހަރުކަށި ގަވާއިދުތަކެއް ނޯވެއެވެ. ބްރެންޓްފަޑާ ގުޅުމަށްފަހު، އެރިކްސަން ވަނީ ތިން އަހަރު ދުވަހު މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅެފައެވެ.

މިހާރު ވުލްފްސްބާގަށް ކުޅެމުން އަންނަ އެރިކްސަން، 2022 ވަނަ އަހަރު ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އައިސީޑީއެއް ހަރުކޮށްގެން ކުޅުމާމެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.  

އާދީއްތަ ދުވަހު ޑޮކްޓަރު ބޯސެންވެސް ވަނީ އެރިކްސަން ވެއްޓުނު ވަގުތު އޭނާގެ ހަށިގަނޑުގައި އިން ޕޭސްމޭކަރު މަސައްކަތްކުރީ ކުރިންވެސް ރޭވިފައި އޮތް ގޮތަށްކަން ފާހަގަކޮށްފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި އެރިކްސަން، ޑެންމާކުގެ ޓީމުން ފެންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު