ENGLISH

08 ޖޫން 2026

Advertisement

ހުރާ އާއި ގްރީން ސްޓްރީޓްސްގެ ކުރިމަތިލުން އެއްވަރު

08 ޖޫން 2026

|

އިސްމާއިލް ޝާހު

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ހުރާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ކ. ހުރާ އާއި ކުލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކަކީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ. 

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ހުރާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

ކޮލިފައިން ބުރުގެ ކުޅުން މިއަދު ފެށިއިރު، ހަވީރު ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގްރީން ސްޓްރީޓްސްއިންނެވެ. މި ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުޒާމް ހަމީދެވެ. އެކަމަކު ދެވަނަ ހާފުގައި ހުރާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 65 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ސާދު އަބްދުލްއަޒީޒް އިބްރާހީމެވެ.

މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ. ކޮލިފައިންގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގައްދޫ އާއި ދިއްދޫއެވެ.

ކިޔުންތެރިންގެ ހިޔާލު