ENGLISH
08 ޖޫން 2026
މީދޫ ކައުންސިލް ރައީސް ހޮވުން: ވޯޓާސް ލިސްޓުގައި ސޮއިކުރުން މާދަމާ
08 ޖޫން 2026
|
ނިމިދިޔަ ކައުންސިލް އިންތިހާބުގެ ތެރެއިން.- ފޮޓޯ؛ ޕީއެސްއެމް
އެންމެ މަޤްބޫލު
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގެ އިތުރުބުރުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.
އީސީ އިން ބުނި ގޮތުގައި މި އިންތިހާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުން ކުރިއަށްދާނީ ޖޫން 9 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 1:30 ގެ ނިޔަލަށެވެ.
މި މަސައްކަތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒުގައެވެ.
މި ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއި، ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއެއް ގެންނަންވާނެއެވެ. އަދި އެ ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމަނަންޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
މީގެ އިތުރުން، ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ މި އިންތިހާބަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2026 ގެ ދަށުން ބޭއްވޭ އިތުރުބުރެކެވެ.