ENGLISH

08 ޖޫން 2026

Advertisement

އިޖުތިމާއީ އަދާލަތު ފުރިހަމަކުރެއްވުން؛ އާސަންދައިގެ ހިދުމަތްތައް ފުޅާކުރައްވަައި ހަރުދަނާކުރެއްވި

08 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަދި ފޯރުކޮށްދިނުން ލާޒިމު އެންމެ އަސާސީ އެއްކަމަކީ އިޖުިތިމާއީ އަދާލަތެވެ. އިޖުތިމާއީ އަދާލަތު ކަށަވަރުކުރުމަށް ދިވެހި ދައުލަތުން ދޭ ހިދުމަތްތަކުގެ ތެރެއިން އެންމެ މުހިއްމު އަދި އެންމެ ގިނަ ބަޔަކު އެ ހިދުމަތަކަށް ބަރޯސާވާ އެއް ހިދުމަތަށްވާނީ އެންމެނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ އާސަންދައިގެ ނިޒާމެވެ. އެ ނިޒާމު ގާއިމުކުރެވުނު ފަހުން އެންމެ ބޮޑެތި ބަދަލުތައް ނިޒާމަށް ގެންނަވައި އެނިޒާމު ފުރިހަަމަކުރުމަށާއި، ހިދުމަތްތައް ހަރުދަނާކުރުމަށް އަދި އިތުރަށް ފުޅާކުރުމަށް އެންމެ ގިނަ ފިޔަވަޅުތައް އެޅި ސަރުކާރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވާނެއެވެ. 

އާސަންދައިގެ ތެރެއަށް މެޑިކަލް ޗެކްއަޕް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު މެޑިކަލް ޗެކްއަޕް ހެދުމުގެ ހިދުމަތް އާސަންދަ މެދުވެރިކޮށް ނުލިބެއެވެ. ޑޮކްޓަރަށް ދައްކައިގެން ބައްޔެއް ހުރިތޯ ބެލުމަށް ޑޮކްޓަރު ބޭނުންވާ ޓެސްޓުތައް އާސަންދައިގެ ދަށުން ހެދުނު ނަމަވެސް، ސިއްހީ ދުޅަހެޔޮކަން ހުރި މިންވަރު ދެނެގަތުމަށް ޗެކްއަޕް ހެދުމުގެ ފުރުސަތު ނޯވެއެވެ. 

ކުރިއާލައި ބަލިތައް ދެނެގަނެ ފަރުވާ ހޯދުމަށްޓަކައި، މެޑިކަލް ޗެކްއަޕްތައް ހަދައި އެމީހެއްގެ ސިއްހީ ހާލަތު ހުރި ނެތްގޮތް ބެލުމަކީ މުހިއްމު ކަމެކެވެ. މި ހަގީގަތަށް ރިއާޔަތްކުރައްވައި، "ޕްރިވެންޓޭޓިވް ހެލްތުކެއާ" ނުވަތަ ބަލިތަކުން ކުރިއާލައި ރައްކާތެރިވުމާއި، ބަލިތަކުގެ އަލާމާތްތައް ފާޅުވެ ފަރުވާގެ ހަރަދު ބޮޑުވުމުގެ ކުރިން ފަރުވާގެ މަރުހަލާ ފެށުމަށް މަގުފަހިކުރެއްވުމަށް، ރައީސްގެ އިސްނެންގެވުމަށް އާސަންދައިގެ ދަށުން އަހަރަކު ދެފަހަރު މެޑިކަލް ޗެކްއަޕު ހެދުމުގެ ހިދުމަތް ތައާރަފުކުރެވުނީ 2024 ވަނަ އަހަރުއެވެ. 

އުމުރުން 50 އަހަރުން މަތ މީހުންނަށް މި ހިދުމަތް 2024 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ފޯރުކޮށްދޭން ފަށާފައިވާއިރު، އޭޕްރީލު 1، 2024 ވަނަ ދުވަހުން ފެށިގެން 35049 އަހަރާ ދެމެދުގެ މީހުންނާއި 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނާއި 19 އަހަރުން ދަށުގެ ކުދިންނަށް އެހިދުމަތް ދޭން ފެށިއެވެ. 

މިހާރު ގާއިމުކުރެވިފައިވާ ނިޒާމުގެ ތެރެއިން ކޮންމެ މީހަކަށްވެސް އަހަރަކު އެއްފަހަރު އަމިއްލަ ބޭނުމަށް މެޑިކަލް ޗެކްއަޕު ހެދޭނެއެވެ. އަދި އެމީހެއްގެ ސިއްހީ ހާލަތު ހުރި ގޮތަށް ބަލާއިރު ދެވަނަ މެޑިކަލް ޗެކްއަޕެއް ބޭނުންވާ މީހެއްނަމަ، އެހިދުމަތް ބޭނުންވާކަމަށް ޑޮކްޓަރަކު ކަނޑައެޅުމުން އެ ހިދުމަތްވެސް ލިބިގެންދާނެއެވެ. 

އައިނު ހެއްދުން؛ އާސަންދައިގެ ކަވަރޭޖު ފުޅާކުރުން 

ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އައިނު ހެއްދުމަށް އާސަންދައިން އަހަރެއްގެ މައްޗަށް ދެނީ 1،000 ރުފިޔާއެވެ. އައިނުގެ އަގު އެއަށްވުރެ ބޮޑުވެއްޖެނަމަ އިތުރުވީ ބައި ދައްކަންޖެހެނީ އަމިއްލަ ޖީބުންނެވެ. އޭގެ އިތުރަށް އައިނު ހެއްދުމަށް އާސަންދަ ހަމަޖެހޭނީ ލޮލުގެ ނަންބަރު ހޮސްޕިޓަލަކުން ނަގައިގެންނެވެ. މާނައަކީ އައިނު ހެއްދުމުގެ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ލޮލުގެ ނަންބަރު ހަދައިދޭ ތަންތަނުން ނަންބަރު ނަގައިގެން އާސަންދަ ނުލިބެއެވެ. 

މި ދެ މައްސަލައަށް ރައީސްގެ އިސްނެންގެވުމަށް ސިޔާސަތުތަކަށް ގެނައި ބަދަލުތަކުން ހައްލު ހޯދައިދެވިފައިވެއެވެ. އެގޮތުން އާސަންދައިން އައިނު ހެދުމަށް އަހަރެއްގެ މައްޗަށް ދޫކުރާ އެހީ 1،000 ރުފިޔާއިން 2،000 ރުފިޔާއަށް އިތުރުކުރުމަށް ނިންމައި އެ ނިންމުން 2024 ވަނަ އަހަރުން ފެށިގެން އަންނަނީ ތަންފީޒުކުރަމުންނެވެ. އެ އިމުގެ ތެރޭގައި އައިނު ހެއްދުމުގެ ދަތިތަކެއް ހުރިކަން ފާހަގަކުރެވުމާއެކު، ސަރުކާރުގެ މައި ހޮސްޕިޓަލުން އައިނު ފިހާރައެއް ހުޅުވައި އައިނު ހެއްދުމުގެ ހިދުމަތް އެ އަގުގެ އިމުގެ ތެރޭގައި ލިބޭނެކަން ކަށަވަރުކޮށްދޭން ފަށާފައިވެއެވެ. އެ ހިދުމަތް މާލެއިން ބޭރުން އަތޮޅު ތެރެއިން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ. އިތުރަށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ދެވަނަ މައްސަލަކަމަށްވާ ހަމައެކަނި މަދު ތަނަކުން ލޮލުގެ ނަންބަރު ހައްދައިގެން ނޫނީ އާސަންދައިގެ އެހީ ހަމަނުޖެހޭ މައްސަލަ ހއްލުކުރުމުގެ ގޮތުން ޖަނަވަރީ 15، 2026 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތުގައި ކަވަރުކުރާ ތަންތަނުގެ އަދަދު 18 ތަނަކަަށް އިތުރުކުރުމަށް ނިންމާފައިވެއެވެ. ހޮސްޕިޓާތަކުގެ އިތުރަށް އައިނު ހެއްދުމުގެ ހިދުމަތްދޭ ގިނަ ތަންތަނުން ދޫކުރާ ލޮލުގެ ނަންބަރުތަކަށް އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުނެވެ. 

އާސަންދަ ލިބޭ ގައުމުތައް އިތުރުކުރެއްވުން 

ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އާސަންދައިގެ ހިދުމަތް ލިބެމުންއައީ މައިގަނޑު ގޮތެއްގައި އަވައްޓެރި އިންޑިޔާއާއި ސްރީލަންކާއިން އެކަންޏެވެ. އެގައުމުތަކުން ނުލިބޭ ހިދުމަތްތަކެއް ނުވަތަ އެހެން ގައުމަކުން އެއަށްވުރެ ރަނގަޅު ފެންވަރުގައި ލިބެން ހުރި ހިދުމަތްތަކަށް ވާސިލުވެވޭނެ ގޮތެއް ނެތެވެ. 

2024 ވަނަ އަހަރުގައި ރައީސް ޑރ.މުޢިއްޒުވަނީ އާސަންދައިގެ ހިދުމަތް އިންޑިޔާއާއި ލަންކާ ފަހަނައަޅާއި ތައިލެންޑާއި އެކުވެރި ޢަރަބި އިމާރާތާ ހަމައަށް ފުޅާކުރައްވާނެކަން އިއުލާނުކުރައްވާފައެވެ. އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އެ ހިދުމަތް އެ ދެ ގައުމުގެ ބައެއް ހޮސްޕިޓާތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސައި އާސަންދައިން އެކަން އިއުލާނުކުރިއެވެ. 

އާސަންދައިން މި ހިދުމަތް ދިނުމަށް އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގައި ހުންނަ ބުރްޖީލް ހޮސްޕިޓަލާއި، ބެންކޮކުގެ ދެ ހޮސްޕިޓަލުކަމަށްވާ ވޯލްޑް މެޑިކަލް ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލާއެކު އެއްބަސްވުންތައް ގާއިމުކުރިއެވެ. ޔޫއޭއީން ފޯރުކޮށްދެނީ ކިޑްނީ ޓްރާންސްޕްލާންޓުކުރުމުގެ ހިދުމަތެވެ. އެ ހިދުމަތުގެ ތެރެއިން ގާތްތިމާގެ މީހުން ނޫން މީހުންގެ ކިޑްނީ ޓްރާންސްޕްލާންޓުކުރުމުގެ ހިދުމަތް އެ ގައުމުން ދިވެހިންނަށް ލިބޭނެއެވެ. 

ތައިލެންޑަށް ބަލާއިރު އެ ގައުމުން ބޮޑަށް އިސްކަންދެނީ ދިގުލައިގެންދާ ބަލިތައް ތަހައްމަލުކުރާ މީހުންނަށް ފަރުވާ ދިނުމަށެވެ. އިންޑިޔާއާއި ލަންކާއިން އާސަންދައިގެ ދަށުން ފަރުވާ ހަމަޖައްސާ އުސޫލުން އެ ފަރުވާއެއް ހޯދުމަށް އެންމެ އެކަށީގެންވާ ތަނަކީ ބެންކޮކުގެ ދެ ހޮސްޕިޓަލުންކުރެ ހޮސްޕިޓަލެއްކަމަަށް ޑޮކްޓަރުން ނިންމައިފިނަމަަ އެ ހިދުމަތް އާސަންދަ މެދުވެރިކޮށް އެ ހޮސްޕިޓަލަކުން ލިބޭނެއެވެ. 

އާސަންދައިގެ ދަށުން މިއިން ގައުމަކުން ފަރުވާ ލިބުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް އާސަންދަ މެދުވެރިކޮށް ފަރުވާގެ ހަރަދުތަކުގެ އިތުރަށް ދެކޮޅު ޓިކެޓާއި ކެއުމާއި ބުއިމާއި، އެގައުމެއްގައި ތިބުމުގެ ހަަރަދުތައް ހަމަޖެހޭނެ ކަމުގައި އާސަންދައިން ބުނެފައިވެއެވެ. 

ނަފްސާނީ ބަލިތަކުގެ ފަރުވާއަށް އާސަންދަ ހަމަޖެހުން 

ނަފްސާނީ ބަލިތަކުގެ ފަރުވާއަށް އޮތް ޑިމާންޑު އިތުރުުވުމަކީ މުޅި ދުނިޔޭގައި އޮތް އޮއިވަރެކެވެ. ރާއްޖޭގައިވެސް ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ހޭލުންތެރިކަން އިތުރުވުމާއެކު ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް އާސަންދައިގެ ދަށުން ނަފުސާނީ ބަލީގެ ހުރިހާ ފަރުފާއެއް ނުލިބެއެވެ. 

މި އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާސަންދަ މެދުވެރިކޮށް ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް ކަވަރޭޖު ލިބޭނެއެވެ. މީގެ ކުރިން ކުލިނިކުތަކުން ނަފްސާނީ ބަލީގެ ފަރުވާއަށް ބޮޑެތި އަގުތައް ނަގަމުންއައިއިރު އެ ފަރުވާއަށް އާސަންދައިގެ އެހީ ނުލިބެއެވެ. އާސަންދައިގެ ތެރެއިން މި ފަރުވާތަައް ލިބޭނެ ގޮތް ހަމަޖެހުމަކީ ދާއިމީ ގޮތެއްގައި ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. 

އެއާއެކު، ނަފްސާނީ ބަލިތަކުގެ ފަރުވާ އަތޮޅު ތެރޭގައި ފުޅާކުރައްވައި، މިހާރު އެ ހިދުމަތް ނުލިބޭ ބައެއް ހޮސްޕިޓާތަކަށް ސައިކިއެޓްރިސްޓުން ހަމަޖައްސަވައި ފަރުވާގެ ވިއުގަ ފުޅާކުރެއްވުމުގެ މަސައްކަތްވެސް ރައީސްވަނީ ފައްޓަވާފައެވެ. އެ މަސައްކަތުގެ ދަށުން ސަރަހައްދީ ހޮސްޕިޓާތަކުގެ ތެރެއިން ގިނަ ހޮސްޕިޓާތަކުގައި އެ ފަރުވާ ލިބެއެވެ. 

އެންސްޕާއިން ދެމުންއައި ސިއްހީ އެހީތައް އާސަންދައިގެ ދަށަށް 

އާސަންދައިން ފޯރުކޮށްދޭ އިންޝުއަރެންސް ހިދުމަތުގެ އިތުރަށް ފަރުވާގެ ކަންކަމުގައި ވަރަށް ގިނަ މީހުންނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ފޯރުކޮށްދޭ ހިދުމަތްތަކަށް ބަރޯސާވާންޖެހެއެވެ. އެ ހިދުމަތްތައް ދެ ފުރާޅެއްގެ ދަށުން ހޯދަންޖެހުމަކީ ހިދުމަތް ހޯދުމުގައި ގިނަ ބަޔަކަށް ތުރާތަކެއް ތަހައްމަލުކުރަންޖެހޭ ކަމެކެވެ. ހިދުމަތް ހޯދުމުގައި ހޭދަވާ ވަގުތު އިތުރުވެ، ކުރަންޖެހޭ މަސައްކަތްތައްވެސް ގިނަވެއެވެ. 

އެންސްޕާއިން ފޯރުކޮށްދޭ އެހީތަކުގެ ތެރެއިން ސިއްހީ ދާއިރާއާ ގުޅުންހުރި ހިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށް، އާސަންދައިގެ ޕޯޓަލް މެދުވެރިކޮށް އެ އެހީތަކަށް އެދި ހުށަހެޅޭ ގޮތަށް އިދާރީ އިންތިޒާމުތައް މިހާރުވަނީ ބަދަލުކުރެވިފައެވެ. މި ބަދަލުގެ ނަތީޖާއަކީ ކުރިން އެ ހިދުމަތްތައް ހޯދުމަށް ހޭދަަވާ ވަގުތު ކުޑަވުމެވެެ. 

މިބަދަލާއެކު މީގެ ކުރިން އެންސްޕާއިން ފޯރުކޮށްދެމުންއައި ޖުމްލަ 16 ހިދުމަތެއް އާސަންދައިގެ ދަށުން މިހާރު ލިބޭނެއެވެ. ކުރިއަށްވުރެ ފަސޭހައިން ހިދުމަތަށް އެދުމާއެކު ޑިޖިޓަލް މަންސަ މެދުވެރިކޮށް ހިދުމަތް ލިބޭތީ މީހަކު މެދުވެރިކޮށް ހިދުމަތް ލިބޭނެއެވެ. 

މި ބަދަލުތަކަކީ ނިޒާމުގައި ހުރި ބާގަނޑުތައް ބަންދުކުރުމާއެކު، އާސަންދައިގެ ކަވަރޭޖު ފުޅާކޮށް، އާސަންދައިގެ ދަށުން ލިބޭ ހިދުމަތްތައް ހޯދުން ފަސޭހަކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށް މުހިއްމު ފިޔަވަޅުތަކެކެވެ. އެ ފިޔަވަޅުތަކުގެ ފައިދާއާއި މަންފާ ލިބޭނީ ދިވެހި ރައްޔިތުންނަަށެވެ. 

ކިޔުންތެރިންގެ ހިޔާލު