ENGLISH

27 ޖުލައި 2026

Advertisement

އެންމެ ބޮޑު އިޖުތިމާއީ ތިން މައްސަލައަށް ދާއިމީ ހައްލު ގެނެސްދޭނަން: ރައީސް

27 ޖުލައި 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ؛ ރައީސް އޮފީސް.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ ތިން މައްސަލައަށް ދާއިމީ ހައްލު ގެނެސްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.  

އެމަނިކުފާނު މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ ސަރުކާރު ހަވާލުވީއިރު މި ގައުމުގެ ދާހިލީ ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. އެގޮތުން ރާއްޖެއަށް އިޖުތިމާއީ ގޮތުން ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތައްކަމަށްވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮއްސުންލާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި މައްސަލަތަކަށް އަޅާލައި މިކަންކަން ހައްލުކުރަން މާނަވީގޮތެއްގައި ނުވަތަ ނަތީޖާ ނެރެދެވޭނެ ގޮތެއްގައި މަސައްކަތްކުރި ވެރިޔަކު ރައްޔިތުންނަށް މީގެ ކުރިން ފެނިފައި ނުވާކަމަށެވެ. 

މި ސަރުކާރުގެ ދާހިލީ ސިޔާސަތު ބަދަލުކުރީ، މި މައްސަލަތަކަށް ހަގީގީ ހައްލު ގެނައުމަށްކަމަށް ވިދާޅުވިއވެެ. 

"ޑްރަގް ޓްރެފިކިންއަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، ރާއްޖެއަށް ޑްރަގް އެތެރެކުރުން ހުއްޓުމަކަށް ގެނައުމަށްޓަކައި ފެށި މަސައްކަތްތަކާއި، ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން ތަންފީޒު ކުރެވެމުންދާ ކަންކަމާއި، ގޭންގްތައް އޮޕަރޭޓް ކުރުމާއި، ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނަށް ގެނެވުނު އިސްލާހުތަކާއި، ތަންފީޒު ކުރެވެމުންދާ ކަންކަމާއި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން ފަށާފައި އޮތް މަސައްކަތުން ކުރެވެމުންދާ ކަންކަމަށް ބަލާއިރުގައި، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޅުގަނޑުމެންގެ މި ގައުމުގައި މިހިރަ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެވިގެންދާ ތަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތު ވަރަށް ފުރިހަމަކޮށް ތަންފީޒުކޮށްދެއްވާނެކަމަށެވެ. އަދި ނުގުޑާ އަޒުމެއްގައި ދިވެހި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި، ހުރިހާ މުއައްސަސާތަކާއި، އެކުވެރި ގައުމުތަކާއި ޖަމާއަތްތަކާއެކު ގުޅިގެން ކުރެވޭ މަސައްކަތުން މި ތިން މައްސަލައަށް  ދާއިމީ ހައްލެއް ގެނެސްދެވިގެންދާނެކަމަށް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ހަގީގީ މިނިވަންކަން އިހުސާސްކުރުމަށް އިޖުތިމާއީގޮތުން ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު