ENGLISH

27 ޖުލައި 2026

Advertisement

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

27 ޖުލައި 2026

|

އައިމިނަތު ޝަފާ

ކަނޑުއޮތްގިރިން މަސްވެރިންތަކެއް އައިސް ގަންނަނީ-- ފޮޓޯ: މިފްކޯ

ކަނޑުއޮތްގިރީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން ބުނެފިއެވެ. 

މިފްކޯއިން ކަނޑުއޮތްގިރީގައި ތަރައްގީކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެކެވެ. ކަނޑުއޮތްގިރިން އައިސް ލިބުމަކީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަމަށް މިފްކޯއިން ބުންޏެވެ. 

މިފްކޯއިން ކަނޑުއޮތްގިރީގައި ހިންގާ އޮޕަރޭޝަންތައް ފުޅާކޮށް ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އައިސް ޕްލާންޓަކާއި، ހިކިމަސް ކާރުހާނާއެއް ގާއިމްކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މިފްކޯއިން ބުނީ އެކުންފުނީގެ އަމާޒަކީ ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އިތުރަށް ފުޅާ ކުރުން ކަމަށެވެ.

މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިންނަށް އައިސް ނުލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު މިހާރުވެސް 74 އައިސްޕްލާންޓަކުން މަސްވެރިންނަށް އައިސް ފޯރުކޮށްދެމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މިފަހުން ވިދާޅުވެފައެވެ. އޭގެ ތެރެއިން 27 އައިސްޕްލާންޓް އޮޕަރޭޓްކުރަނީ ސީދާ މިފްކޯގެ ބެލުމުގެ ދަށުންނެވެ. 

ވަޒީރު ޝިޔާމު ވިދާޅުވެފައިވަނީ މިހާރު ނުވަ އައިސް ޕްލާންޓެއްގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށެވެ. އެއީ ލ. މާބައިދޫ، މ. ވޭވަށް، ޅ. ނައިފަރު، ށ. ކޮމަންޑޫ، މ. މުލަށް، ލ. މާވަށް، ލ. ހިތަދޫ، ހދ. ކުޅުދުއްފުށި އަދި ދ. ހުޅުދެލީގެ އައިސް ޕްލާންޓެވެ. މިއިން ބައެއް ތަންތަނުގެ އަމަަލީ މަސައްކަތް ފެށިފައިވާއިރު އަނެއްބައި ތަންތަނުގެ މަސައްކަތުގެ ލިޔެކިޔުމުގެ މަރުހަލާ ކުރިއަށްދަނީއެވެ. 

މިތަންތަނުގެ އިތުރަށް ސައުދީ ފަންޑުން ފަސް އައިސް ޕްލާންޓެއް އެޅުމަށް އިއުލާނުކުރެވިފައިވެއެވެ. އަދި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ގއ.މާމެންދޫއާއި ގއ.ވިލިނގިއްޔާއި އެ އަތޮޅު މާމެންދޫގައި މި އަހަރު އައިސް ޕްލާންޓު ގާއިމުކުރަންވަނީ ނިންމާފައެވެ. 

ވަޒީރު ވިދާޅުވީ ސަރުކާރުން އުންމީދުކުރާ ގޮތަށް މި އަހަރު ތެރޭގައި މިހުރިހާ އައިސްޕްލާންޓުތަކެއް ގާއިމުކުރެވި ބާޒާރަށް ނެރެވުމުން ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރު އައިސް ނުލިބި މަސްވެރިންނަށް ކުރިމަތިވަމުންދާ ދަތިތައް އެކީ ނިމުމަކަށް ގެނެވޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު