ENGLISH

27 ޖުލައި 2026

Advertisement

އިންތިޚާބީ މެންބަރުން ހިމެނޭ "ޒުވާނުންގެ މަޖިލީހެއް" އުފައްދަވާނަން: ރައީސް

27 ޖުލައި 2026

|

އާމިނަތު ނުޒްލާ

ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޒުވާނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އިންތިޚާބީ މެންބަރުން ހިމެނޭ "ޒުވާނުންގެ މަޖިލީހެއް" އުފައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމުގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ޒުވާނުންނާއި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައަކީ ޒުވާނުންނާއި އަންހެނުންކަން ފާހަގަކުރައްވައި، ދައުލަތް ހިންގުމުގެ ނިޒާމުގައާއި މިނިވަންކަން ދެމެހެއްޓުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި "ޔޫތު ޕާލަމަންޓް" ނުވަތަ ޒުވާނުންގެ މަޖިލިސް ގާއިމުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޔާސީ މައިދާނުގައި ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ޤާނޫނު އަސާސީއަށާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތަކެއް ތަމްސީލުވާނޭހެން ޒުވާނުން އިންތިޚާބު ކުރުމާއި، މަޖިލީހުގެ މުޅި އޮނިގަނޑުގައި ޒުވާނުންނާއި އަންހެނުންނަށް ވަކި ޚާއްޞަ އިންސައްތައެއް ކަނޑައެޅުމަށް ގަސްދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތައް ހިމެނޭގޮތަށް، ޒުވާނުންގެ ތެރެއިން އިންތިޚާބު ކުރެވިގެންދާ ޒުވާނުން ހިމެނޭގޮތަށް ޒުވާނުންގެ މަޖިލީހެއް ޤާއިމުކުރުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަންގެ ތެރޭގައި، ވަކި އިންސައްތައެއް އެއީ، ޒުވާނުން ކަމުގައި އަދި ވަކި އިންސައްތައެއް އެއީ، އަންހެނުން ކަމުގައި ކަނޑައެޅުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމާއި، މިފަދަ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާނަން" ރައީސް ވިދާޅުވިއެވެ.

ޒުވާނުންނާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވައި، ދާދިފަހުން ތަޢާރުފުކުރި ލޯނު ސްކީމާއި "ކްރިއޭޓިވް އިކޮނޮމީ" ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި "ވަޠަނީ ޚިދުމަތް" މެދުވެރިކޮށް، ޤައުމާއި ދީނަށް ލޯބިކުރާ، ހުނަރުވެރި، އަދި ބިނާކުރަނިވި ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު