ENGLISH

27 ޖުލައި 2026

Advertisement

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ސެޕްޓެންބަރު މަސް ނިމެންވާއިރަށް ހުޅުވަނީ

27 ޖުލައި 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ސެޕްޓެންބަރު މަސް ނިމެންވާއިރަށް ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ދެފުށް ފެންނަ ސަރުކާރެއް ހިންގުމުގެ ބޭނުމުގައި ގިނަ ކަންކަން ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރައްޔިތުންނާ ބައްދަލުކުރެއްވުމާއި، ރައްޔިތުން އެދޭ ކަންކަމަށް ޖަވާބުދާރީވުމާއި، ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބު ދިނުމަކީ ވެސް ގުޑް ގަވާނަންސްގެ ނިޒާމުގެ ތެރެއިން ޑިމޮކްރަސީ ފުރިހަމައަށް ތަންފީޒުކުރާނަމަ، ކުރަންޖެހޭނެ ކަންކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއަދާ ހަމަޔަށް އައިއިރު އެއްވެސް ސަރުކާރަކުން ރައްޔިތުންނާ ގާތުން ހިދުމަތް ނުކުރާވަރަށް، ބައްދަލުނުކުރާވަރަށް މި ސަރުކާރުން އެކި ފަންތިތަކުގައި ރައްޔިތުންނާ ބައްދަލުކުރަމުންދާކަމަށެވެ. 

"އަޅުގަނޑުވެސް އިރާދަކުރެއްވިއްޔާ މީގެ އިތުރު ޕްރޮގްރާމެއް ދާދި އަވަހަށް މި ފަށަނީ. ހަމައެއާއެކީގައި، ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި އެކި ކަންކަމުގެ ޝަކުވާ ހުށަހެޅުމަށްޓަކައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް ޤާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ވެސް ނިމުމަކަށްއައިސް، އިރާދަކުރެއްވިއްޔާ ސެޕްޓެންބަރު މަސް ނިމެންވާއިރަށް އެ ބިއުރޯ ވެސް ހުޅުވިގެންދާނެ. އޭގެ ނަތީޖާއަކަށްވާނީ މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން އެކިކަހަލަ ކަންކަމުގައި ހުރި ކަންބޮޑުވުންތަކަށް ޙައްލުތައް ގެނެސްދެވިގެންދިޔުން،" ރައީސް ވިދާޅުވިއެވެ.

ކޮންމެ އިދާރާއެއް  ނުވަތަ ކޮންމެ އޮފީހެއްގެ ތެރޭގައިވެސް މިހާރަށްވުރެ ބޮޑަށް ސިޓީތަކާއި ފޯނަށް ޖަވާބުދިނުމުގެ ކަންކަން ރަނގަޅުކުރެވުގެންދާކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މުޅި ސަރުކާރުގެ ނިޒާމްގެ ތެރޭގައި ހުރި ކަންކަމުގެ ޝަކުވާތަކަށް، 24 ގަޑިއިރު ހިދުމަތް ދިނުމަށް ގާއިމްކުރާ މި އޮފީހުގެ އިދާރީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރިއަށް ގެންދަވާކަމަށެވެ. މި ބިއުރޯއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރާއެކު މި މަސައްކަތް ކާމިޔާބުކަމާއިއެކު ހާސިލްކުރައްވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު