ENGLISH

27 ޖުލައި 2026

Advertisement

އެމްއާރްސީސީއާއެކު ހާދިސާތަކުން ރައްކާތެރިވާން ބޮޑު އެހީތެރިކަމެއް ލިބޭނެ: ހިލްމީ

27 ޖުލައި 2026

|

އައިމިނަތު ޝަފާ

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މިއަދު ހުޅުވިގެންދިޔަ ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތާ އެކު ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާއި އެ ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުން ސަލާމަތް ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެއެވެ.

އެމްއާރުސީސީ ހުޅުވުމަށް މިއަދު ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިލްމީ ވިދާޅުވީ ވިލިމާލޭގައި އެމްއާރުސީސީގެ އައު އިމާރާތުގެ ބިންގާ އެޅީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެފައި ވަނިކޮށް މަސައްކަތް އަވަސްކޮށްދިނީ މި ސަރުކާރުންކަމަށެވެ. 

ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތް ކުރުމާއި ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތް ކުރުން ފަދަ މަދަނީ ދިފާއީ ހިދުމަތްތައް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.

"މި މަސައްކަތަކީ މިއަހަރަށް ކޮންމެހެން ނިންމަން އަސްކަރިއްޔާއިން ބޭނުންވި މަސައްކަތެއް، މިއަދު ހުޅުވިގެންމިދާ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތާއި، އެ އިމާރާތުން ފޯރުކޮށްދެން ނިންމާފައިވާ ޒަމާނީ ހިދުމަތްތަކާއެކު ކަނޑުމަތީގައި ހާލުގައި ޖެހޭ އުޅަނދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" ހިލްމީ ވިދާޅުވިއެވެ. 

މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަކީ ވަޔާއި ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންނާއި އުޅަނދުފަހަރު ހޯދައި ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް ވިލަރެއްސްކުރުމަށް އުފައްދާފައިވާ މަރުކަޒެކެވެ. މި މަރުކަޒުގެ އައު އިމާރާތް ވިލިމާލޭގައި ތަރައްގީކުރީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުންނެވެ. މި އިމާރާތުން ދެވޭ ހިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ގާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުންވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. 

ޖަޕާނު ސަރުކާރުގެ އެހީގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ހިންގި މި މަޝްރޫއަކީ ދިވެހި ރާއްޖޭގެ ސާޗް އެންޑް ރެސްކިއު ދާއިރާގެ ހިދުމަތް އިތުރަށް ފުޅާކޮށް ގާބިލިއްޔަތުކަން އިތުރުކުރުމަށް ހިންގި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވުނު އެމްއާރުސީސީ ބިލްޑިންގައި އެމްއާރުސީސީގެ އޮޕަރޭޝަން ރޫމާއި، ކުލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނެއެވެ. މި އިމާރާތް ފަރުމާކުރެވިފައިވަނީ ސާޗް އެންޑް ރެސްކިޔުއާއި އެހެނިހެން ލޯ އެންފޯސްމަންޓް ޕްރޮގްރާމްތައް ހިންގޭނެފަދަ ވަސީލަތްތަކާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު