ENGLISH
08 ޖޫން 2026
ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަަށް ސިންގަޕޫރު ފުލުހުންނާއެކު ތަޖުރިބާ ބައްދަލުވުމެއް
08 ޖޫން 2026
|
ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަަށް ސިންގަޕޫރު ފުލުހުންނާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ޕޮލިސް
އެންމެ މަޤްބޫލު
ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ސިންގަޕޫރު ފުލުހުންނާއެކު މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއީ މާލީ ސްކޭމްތަކުގެ އިތުރުން އިންޓަނެޓް މެދުވެރިކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ 2026 މެއި 20 ވަނަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައެވެ.
މި ބައްދަލުވުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، މާލީ މުއައްސަސާތަކާއި، މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން ރެގިއުލޭޓަރީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ސެޝަން ކުރިއަށް ގެންގޮސްދެއްވީ ސްކޭމްތައް ހުއްޓުވުމާއި އަނިޔާލިބޭ ފަރާތްތައް ރައްކާތެރިކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުގެ "އެންޓި-ސްކޭމް ކޮމާންޑް"ގެ ތަޖުރިބާކާރުންނެވެ.
މި ޕްރޮގްރާމުގެ ތެރެއިން ސިންގަޕޫރުގެ ވަފުދުން ވަނީ ބޮޑެތި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ސްކޭމްތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތައް ކުޑަކުރުމުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީތަކާއި އަމަލުކުރާ އުސޫލުތައް ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި، އަވަހަށް ފިޔަވަޅު އެޅުމަށާއި ފައިސާ ހިފެހެއްޓުމަށް މަގުފަހިކޮށްދޭ ގާނޫނީ އޮނިގަނޑުތަކާއި، މާލީ އިދާރާތަކުގެ ތެރެއިން ވަގުތުން ވަގުތަށް މުއާމަލާތްތައް މޮނިޓަރކޮށް ރިޕޯޓްކުރާނެ ނިޒާމުތައް ހިމެނެއެވެ.
މީގެ އިތުރުން، ތަހުގީގީ އިދާރާތަކާއި، ރެގިއުލޭޓަރުންނާއި، މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރާނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވިފައިވާ ކަމަށް ދާޚިލީ ވުޒާރައިން މައުލޫމާތުދެއެވެ.
ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ސްކޭމްތައް ތަފާތު ގޮތްގޮތަށް ފެތުރެމުންދާއިރު، ބައިނަލްއަގުވާމީ ފަރާތްތަކާއެކު މަސައްކަތްކޮށް، ރައްޔިތުންނާއި ވިޔަފާރިތަކާއި މާލީ ނިޒާމު މިފަދަ ނުރައްކާތަކުން ރައްކާތެރިކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.