ENGLISH

08 ޖޫން 2026

Advertisement

ފިނޭންސް މިނިސްޓަރު ޒަމީރު އިސްތިޢުފާ ދެއްވައިފި

08 ޖޫން 2026

|

ޢަލީ ޝަހީމް

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، މޫސާ ޒަމީރު މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ. 

އެކަން ޗީފް ގަވަރމެންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. 

މި ސަރުކާރުގައި ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުގެ މަޤާމުގައެވެ. ފިނޭންސް މިނިސްޓަރުގެ މަޤާމަށް ބަދަލުކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. 

މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާދެއްވި ސަބަބެއް މިހާތަނަށް އެމަނިކުފާނު އަދި ސަރުކާރުން ރަސްމީކޮށް ހާމަނުކުރެއެވެ. ޒަމީރުގެ ވަޒީރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް މި އަހަރު ރާއްޖެއިން ދައްކަން އެޮތް އެންމެ ބޮޑު ދަރަނިކަމަށްވާ ސުކޫކުގެ އަސާސީ ޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރާއެކު ޖުމްލަ 900 މިލިއަނެއްހައި ޑޮލަރުގެ ދަރަނި އަދާކޮށްފައިވެއެވެ. 

އޭގެ އިތުރަށް ރައީސްގެ މާލީ ސިޔާސަތުތަކުގެ ދަށުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް އެޅި މައިގަނޑު ގިނަ ފިޔަވަޅުތައްވެސް ތަންފީޒުކުރެވިގެންދިޔައީ ޒަމީރުގެ ވަޒީރުކަމުގައެވެ. އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ" ދަރަޖައިން "ސީސީސީ-" ދަރަޖައަށް މަތިކޮށްފައިވެއެވެ. 

މިނަތީޖާއާއެކު ރާއްޖެއަށް މާލީ މުއައްސަސާތަކާއި އިންވެސްޓަރުންނާއި ދަރަންޏަށް ފައިސާ ދޫކުރާ ކްރެޑިޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި އެ ބަދަލާއެކު ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކުރެވިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު