ENGLISH
08 ޖޫން 2026
ފެބްރުއަރީ މަހު އަތުލައިގަތް 36 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ޕާކިސްތާނު މީހެއް ހައްޔަރުކޮށްފި
08 ޖޫން 2026
|
ކްރިމިނަލް ކޯޓު
އެންމެ މަޤްބޫލު
ރާއްޖެއަށް އައި ބޯޓަކުން 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ފާއިތުވި ފެބްރުއަރީ މަހު އަތުލައިގަތް މައްސަލައާ ގުޅިގެން ޕާކިސްތާނަށް ނިސްބަތްްވާ މީހެއް ހައްޔަރުކޮށްފިއެވެ.
މުދާ ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތުމަށްފަހު، އެތަކެތި އެތެރެކޮށް ވިޔަފާރިކުރަން މަސައްކަތްކުރިކަމަށް ތުހުމަތުކޮށް ދެ މީހަކު ދިވެހި ފުލުހުންގެ ހިދުމަތުން ހައްޔަރުކުރިއެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ދެ ދިވެހިންނެވެ. އެއީ ހަސަން މަފާޒު، މަދާރުގެ، މ. މުލައް އަދި ވިޝާމް މުހައްމަދު، ހ. ފިލްމީސައިޓްއެވެ. އެމީހުން ހައްޔަރުކުރީ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތުމަށް މޯލްޑިވްސް ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފެބްރުއަަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
އެ މައްސަލާގައި ހިމެނޭ މަސްތުވާތަކެއްޗާއި ދެ މީހަކު ހައްޔަރުކުރިތާ ހަތަރު މަސް ފަހުން ކޯޓު އަމުރެއްގެ ދަށުން އެ މައްސަލާގައި ޝާމިލުވާކަމަށް ތުހުމަތުވާ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 51 އަހަރުގެ އަހުމަދު ހައްޔަރުކޮށްފައިވެއެވެ.
ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ މަތީ މަގާމެއް އަދާކުރާ ޒަފަރަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމަށާއި، 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ އޭނާކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
އޭނާ ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރިއެވެ. އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރީ ވަކީލާ ބައްދަލުނުވާކަމަށް އޭނާ ބުނުމުންކަން ކޯޓު އަމުރުން އެނގެއެވެ.