ENGLISH
08 ޖޫން 2026
ރެއާލްގެ ރައީސް ކަމަށް އަނެއްކާވެސް ޕެރޭޒް
08 ޖޫން 2026
|
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް؛ އޭނާ ވަނީ އިތުރު ދައުރަކަށް އަނެއްކާވެސް އިންތިހާބު ވެފައި
އެންމެ މަޤްބޫލު
ރެއާލް މެޑްރިޑްގެ އިންތިހާބު، އެކުލަބުގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކާމިޔާބުކޮށް އިތުރު ދައުރަކަށް އިންތިޚާބު ވެއްޖެ އެވެ.
ޕެރޭޒް މި އިންތިޚާބު ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި އެންރީކޭ ރިކުއެލްމޭގެ މައްޗަށް ކުރި ހޯއްދަވައިގެން ކަމަށް ރެއާލް މެޑްރިޑްގެ ރަސްމީ ޓީވީ ޗެނަލުން ވަނީ ރިޕޯޓްކޮށްފައެވެ. މިއާއިއެކު އެކުލަބުގެ އިތުރު ހަތަރު އަހަރުގެ ދައުރެއް އޭނާއަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް، ކްލަބުން އަދި ރަސްމީކޮށް ވޯޓުގެ ނަތީޖާ ހާމައެއް ނުކުރެއެވެ.
މި ކާމިޔާބީއާ ގުޅިގެން ކުލަބުގެ ސަޕޯޓަރުންނަށް ޕެރޭޒް ވިދާޅުވީ، ރެއާލް މެޑްރިޑަކީ އަބަދުވެސް ކާމިޔާބީތައް ހޯދާނެ ކްލަބަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޕެރޭޒްގެ މި ކާމިޔާބީއާއެކު، ޕޯޗުގަލްގެ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ދެވަނަ ފަހަރަށް މެޑްރިޑާ ހަވާލުވުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ބޮޑަށް ބެލެވެނީ 2010 އިން 2013 އަށް މެޑްރިޑަށް އިރުޝާދުދިން މޮރީނިއޯގެ ނަން، ޕެރޭޒްގެ ކެމްޕޭންގެ ތެރޭގައި ވަރަށް ބޮޑަށް ބޭނުންކޮށްފައި ވާތީއެވެ. ޕެރޭޒް ވިދާޅުވީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު ކަމަށްވާ މޮރީނިއޯ އެނބުރި އަންނާތީ އެކަމާ ފަޚުރުވެރިވާ ކަމަށެވެ.
މީގެ އިތުރުން، ލިވަޕޫލްގެ ސެންޓާ ބެކް އިބްރާހިމާ ކޮނާޓޭ އާއި އިންޓަ މިލާންގެ ރައިޓް ބެކް ޑެންޒެލް ޑަމްފްރީސް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޕެރޭޒް ވިދާޅުވިއެވެ. އަދި މި ހަފްތާގެ ތެރޭގައި 150 މިލިއަން ޔޫރޯ (173 މިލިއަން ޑޮލަރު) އަށްވުރެ އަގުބޮޑު ސޮއެއް ކުރާނެކަމުގެ ވައުދުވެސް އޭނާ ވަނީ ވެފައެވެ.
އުމުރުން 79 އަހަރުގެ ޕެރޭޒް ވަނީ 2000 އިން 2006 އަށް އަދި 2009 އިން ފެށިގެން މިހާތަނަށް މެޑްރިޑްގެ ރައީސްކަން ކުރައްވާފައެވެ. އޭނާގެ ރައީސްކަމުގެ ދަށުން މެޑްރިޑުންވަނީ 15 ޔޫރަޕިއަން ކަޕްގެ ތެރެއިން ހަތް ތަށި ކާމިޔާބުކޮށްފައެވެ.
ބައިނަލްއަގުވާމީ ކޮންސްޓްރަކްޝަން ކުންފުންޏެއްވެސް ހިންގަވާ ޕެރޭޒްއާ ވާދަކުރާނެ ކެންޑިޑޭޓަކު ފާއިތުވި 20 އަހަރު ތެރޭގައި ނުކުމެފައެއް ނުވެއެވެ. އެގޮތުން 2009، 2013، 2017، 2021 އަދި 2025 ގެ އިންތިޚާބުތަކުގައިވެސް އޭނާ ހޮވިވަޑައިގަތީ އެއްވެސް ވާދަވެރިކަމެއް ނެތިއެވެ.
ނަމަވެސް، ފަހަކަށް އައިސް ޕެރޭޒްއަށް ވަނީ ބައެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ޔޫއެފާ ޗެމްޕިއަންސް ލީގާ ވާދަކުރުމަށް އުފައްދަން އުޅުނު ސުޕަރ ލީގުގެ މަޝްރޫއު ނާކާމިޔާބުވުމާއި، ފޯވާޑް ކީލިއަން އެމްބާޕޭގެނައި ނަމަވެސް ވޭތުވެދިޔަ ދެ ސީޒަނުގައި އެއްވެސް ތައްޓެއް ކާމިޔާބު ނުވުން މީގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ކްލަބުގެ 10 އިންސައްތަ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ޕެރޭޒް ގެންގުޅުއްވި ޚިޔާލަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މި އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އުމުރުން 37 އަހަރުގެ ރިކުއެލްމޭވަނީ ޕެރޭޒްއަށް މަރުހަބާ ކިޔައި ނަތީޖާ ގަބޫލުކޮށްފައެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް އިންތިޚާބުގައި ވާދަކުރާނެކަމުގެ އިޝާރާތެއް އޭނާ ދެއްވިއެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި މަސައްކަތްކުރައްވާ ރިކުއެލްމޭ އިންތިޚާބަށް ކުރިމަތިލެއްވީ، މިދިޔަ މަހު ޕެރޭޒް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭނާއާ ވާދަކުރަން ކެރޭނެ މީހަކު ހުރިތޯ ސުވާލުކޮށް ގޮންޖެހުމުންނެވެ.