ENGLISH

08 ޖޫން 2026

Advertisement

ބީއެމްއެލްގެ މުސްތަގުބަލަށް މުހިއްމު ފިޔަވަޅެއް؛ މާލީ ދުޅަހެޔޮކަން ބަލައިގަނެ ފިޗުން ރޭޓިންއެއް ހަމަޖައްސައިފި

08 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ބޭންކް އޮފް މޯލްޑިވްސްއިން ފިޗުގެ ރޭޓެއް ހަމަޖައްސައިފި

ދިވެހިރާއްޖޭގެ ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސްގެ މާލީ ދުޅަހެޔޮކަން ވަޒަންކޮށް ކްރެޑިޓް ރޭޓިން ހަދާ އެޖެންސީ ފިޗް ރޭޓިންސްއިން ފުރަތަމަ ފަހަރަށް ބީއެމްއެލްގެ ރޭޓިން ހަދައިފިއެވެ. 

އެ އެޖެންސީންވަނީ ދެ ރޭޓިންއެއް ބީއެމްއެލްއަށް ދީފައެވެ. ފުރަތަމަ ރޭޓިންއަކީ ދިގުރާސްތާ ދަރަނި އަދާކުރުމުގެ ގާބިލުކަން ވަޒަންކުރުމަށްފަހު ދޭ "ލޯންގް ޓާމް އިޝުއާ ޑެފޯލްޓް ރޭޓިން"ގެ ގޮތުގައި ހަމަޖެއްސި "ސީސީސީ-" ރޭޓިންއެވެ. ދެވަނަ ރޭޓިންއަކީ ދިވެހި ރުފިޔާ ދަރަނި އަދާކުރުމުގެ ގާބިލުކަން ވަޒަންކުރުމަށްފަހު ދިން ސީސީސީ+ ރޭޓިންއެވެ. އަދި ކުރު ރާސްތާ ދަރަނި އަދާކުރުމުގެ ގާބިލުކަން ވަޒަންކުރުމަށްފަހު "ސީ" ރޭޓިން ދީފައިވެއެވެ. 

ބޭންކުގެ ރޭޓިން ދިނުމުގައި ބެލި ކަންކަމުގެ ތެރެއިން ރޭޓިން މިހާރު ދީފައިވާ މިންވަރަށްވުރެ މަތިނުވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކުރީ ދިވެހިރާއްޖޭގެ ސިޔާދަތީ (ސޮވެރިން) ރޭޓިން "ސީސީސީ-"ގައި އޮތުމެވެ. އަދި އޭގެ އިތުރަށް ރާއްޖޭގައި އޮތް ބޭރުފައިސާގެ ދަތިކަމުގެ ސަބަބުން ބީއެމްއެލްއަށް ގޮންޖެހުންތަކެއް ހުރިކަން ފިޗުން ފާހަގަކުރިއެވެ. 

ރާއްޖޭގެ މާލީ ހިދުމަތްތަކުގެ ދާއިރާގައި ބީއެމްއެލްގެ އޮތް ބޮޑު ބާރުވެރިކަމަކީ ބީއެމްއެލްގެ ރޭޓިން ދައުލަތުގެ ރޭޓިންއަށްވުރެ ރަނގަޅުވި އެއް ސަބަބެވެ. ނަމަވެސް ރާއްޖެފަދަ ސިންދަފާތުވެފައި ނެތް ކުޑަ އިގުތިސާދެއްގައި ދަރަންޏަށް ފައިސާ ނަގާ ފަރާތްތަކުގެ މައްޗަށް ބަރޯސާވާ ވިޔަފާރި މޮޑެލްއެއް އޮތުމަކީ އެއަށްވުރެ ރަނގަޅު ރޭޓިންއެއް ނުލިބުމުގެ އެއް ސަބަބެވެ. 

ބޭންކުތަކުގެ އެސެޓާއި ކްރެޑިޓުގެ ފެންވަރު ވަޒަންކުރުމަށް ބޭނުންކުރާ އެއް މިންގަނޑުކަމަށްވާ އިމްޕެއާޑް-ލޯން ރޭޝިއޯ 2025 ވަނަ އަހަރު ނިމުނުއިރު 7.8 އިންސައްތައަށް އަރާފައިވާކަމަށާއި، އެ ރޭޝިއޯ މަތިވުމުގެ އެއް ސަބަބަކީ އެސްއެމްއީ ޑިވެލޮޕްމެންޓު ބޭންކު ބީއެމްއެލްގެ ދަށަށް ގެންދިއުންކަމަށް ފިޗުން ބުނެފައިވެއެވެ. 

އެއާއެކުވެސް ބީއެމްއެލްގެ ރައުސުލްމާލު އުފެއްދުމުގެ ގާބިލުކަން ހުރިކަމަށާއި، ޑިވިޑެންޑާ ގުޅޭ ސިޔާސަތަކީ ހަރުދަނާ ސިޔާސަތެއްކަމަށް ފިޗުން ފާހަގަކުރިއެވެ. އެއީ ރަނގަޅު ރޭޓިންއެއް ބީއެމްއެލްއަށް ލިބުމުގެ މައިގަނޑު އެއް ސަބަބެވެ. 

ބީއެމްއެލްއިން ލޯނު ދޫކުރި މިންވަރު ފައިތުވި ދެ އަހަރު އިތުރުވެ، 2025 ގައި އެ ނިސްބަތް 22.8 އިންސައްތައަށް އިތުރުވެފައިވާކަމަށް ފިޗުން ބުނެފައިވެއެވެ. މައިގަަނޑު ގޮތެއްގައި ބީއެމްއެލްއިން ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމާއި އިިމާރާތްކުރުމާއި، ދަތުރުފަތުރުގެ ދާއިރާތަކަށް ކަމުގައި ފާހަގަަކުރިއެވެ. 

މައިގަނޑު ގޮތެއްގައި ބޭންކުގެ ކްރެޑިޓް ރޭޓިން ދަށްވުމުގެ ސަބަބަކީ ދައުލަތުގެ ކްރެޑިޓް ރޭޓިން ދަށްވުމެވެ. އެހެންކަމުން ދައުލަތުގެ ކްރެޑިޓް ރޭޓިން މުސްތަގުބަލުގައި ރަނގަޅުވެއްޖެނަމަ ބޭންކުގެ ރޭޓިންތައްވެސް ރަނގަޅުވާނެ ކަމުގައި ފިޗުން ލަފާކުރެއެވެ. އޭގެ އިތުރަށް މިހާރުވެސް ދިވެހި ރުފިޔާ އައިޑީއާރް ރޭޓިން ބީއެމްއެލްއަށް ލިބިފައި އޮތީ ސިޔާދަތީ ކްރެޑިޓް ރޭޓިންއަށްވުރެ ދެ ދަރަޖަ މަތިންކަން ފިޗުން ފާހަގަކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު