ENGLISH
08 ޖޫން 2026
އަމިއްލައަށް ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހާމަކުރެވުމަކީ ހާމަކަން އިތުރުކުރުމުގައި އެޅުނު މުހިއްމު ފިޔަވަޅެއް: ރައީސް
08 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން 2014 ވަނަ އަހަރު ފެށިފަހުން ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ވުޒާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަން ގާނޫނުން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ހާމަކުރެވުމަކީ ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގުމަށް ކުރައްވާ މަސައްކަތްޕުޅުގައި ކުރިއަށް އެޅުއްވުނު މުހިއްމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
2014 ވަނަ އަހަރު އެ ގާނޫނަށް އަމަލުކުރަން ފެށިފަހުން އެ ގާނޫނުގައި ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުގެ ގޮތުގައި ކަނޑައަޅާފައިވާ މައުލޫމާތުތައް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ބަރާބަރަށް ހާމަކޮށްފައިނުވެއެވެ. މީގެ ކުރިން ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު އެކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސް ޑރ.މުޢިއްޒުގެ އިސްނެންގެވުމަށް އެމަނިކުފާނު އަންގަވައިގެން ގާނޫނުގެ އިމުގެ ތެރެއަށް ފެތުމަށް ރައީސް އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކުން އެ މައުލޫމާތުތައް ހާމަކުރުމުގެ މަސައްކަތް ފަށައި އިއްޔެ ހުރިހާ ވުޒާރާއަކުން އެ މައުލޫމާތުތައް ހާމަކޮށް ނިންމާފައިވާކަން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އިއުލާނުކުރެއްވިއެވެ.
އެކަމާ ގުޅިގެން އެކްސްގައި މިއަދު ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް ރައީސް އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ގާނޫނުގައި އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ސައްތައިން ސައްތަ ހާމަކޮށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މި މައުލޫމާތަކީ ކުރިން އާއްމުންނަށް ވާސިލުވެވޭ ގޮތަށް ފެންނަން ނެތް މައުލޫމާތުކަން ފާހަގަކުރެއްވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ދެފުށްފެނުމަކީ ހަމައެކަނި ސިޔާސަތެއްގެ ގޮތުގައި އޮތް އަމާޒެއް ނޫން ކަމަށެވެ. މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ އާއްމު އިތުބާރާއި ޑިމޮކްރަސީގެ އުސޫލުން ސަރުކާރު ހިންގުމުގެ މައިގަނޑު އަސާސް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މައުލޫމާތުތައް ހާމަކުރެވުމަކީ ދެފުށްފެންނަ ގޮތަށް ވެރިކަން ހިންގުމާއި، ރައްޔިތުންނަށް މައުލޫމާތަށް ވާސިލުވެވޭ މިންވަރު އިތުރުކުރުމާއި، ޖަވާބުދާރީވުން ހަރުދަނާކުރުމުގެ މަގުގައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ކުރިއަށްވުރެ ހުޅުވާލެވިފައިވާ އިތުރަށް ޖަވާބުދާރީވަނިވި ސަރުކާރެއް ގާއިމުކުރުމަށް ކުރަމުންދާ މި މަސައްކަތުގައި މި މަގުފާހަގައާ ހަމައަށް ވާސިލުވެވުމުން މި ކާމިޔާބު ހާސިލުކޮށްދިނުމުގައި މުއައްސަސާތަކާއި މަސްއޫލުވެރިން އަދާކުރެއްވި ދައުރު ފާހަގަކުރައްވައި ރައީސް ޝުކުރު އަދާކުރެއްވިއެވެ.
އަދި މި މާނަހުރި މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް މެދުނުކެނޑި ކުރިއަށްގެންދިއުންމަތީ ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ޑިޖިޓަލް މަންސަތައް މެދުވެރިކޮށް އާއްމުންނަށް ސަރުކާރގެ މައުލޫމާތުތަކަށް ވާސިލުވުން ފަސޭހަކޮށްދެއްވައި ސަރުކާރުގެ ހަރަކާތްތަކާއި ނިންމުންތައް ނިންމުމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރަށް ފުޅާވާނެކަން ކަށަވަރުކުރައްވާނެ ކަމަށެވެ.