ENGLISH

08 ޖޫން 2026

Advertisement

"ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަކީ ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ މުހިންމުކަމެއް"

08 ޖޫން 2026

|

އައިމިނަތު ޝަފާ

ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަކީ ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ މުހިންމުކަމެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހު ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ޓޯކިޔޯގައި މި މަހުގެ 3 އިން 4 އަށް ކުރިއަށްދިޔަ 'އައިލެންޑް އޯޝަން ސަމިޓް' ގައި ދިވެހިރާއްޖެއިން ބައިވެރިވެ، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ދުނިޔެއަށް ހާމަކޮށްފައިވެއެވެ.

މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް މިމްރާހެވެ. ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިމްރާހް ވިދާޅުވީ، ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަކީ ރާއްޖޭގެ އިޤްތިޞާދާއި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކަނޑުތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އިސްދައުރެއް އަދާކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކަނޑުތަކުގެ ގަވަރނަންސް ނުވަތަ ހިންގުން ހަރުދަނާކުރުމުގެ މުހިންމުކަން ވެސް ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިމްރާހުގެ ވާހަކަފުޅުގައި، ކަނޑުގެ ލެވަލް އުފުލުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގައުމުތަކުގެ އިސްތިގުލާލާ ގުޅިފައިވާ ސީރިއަސް މައްސަލައެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމުތަކުގެ އުމްރާނީ ތަރައްގީއަށާއި، މަސްވެރިކަމާއި ފަތުރުވެރިކަން ފަދަ މައިގަނޑު އިގްތިސާދީ ސިނާއަތްތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަމިޓަކީ ކަނޑުގެ ލެވަލް އުފުލުމުގެ ސަބަބުން ކުރިމަތިވާ ގާނޫނީ އަދި ފަންނީ ގޮންޖެހުންތަކާ މެދު ދުނިޔޭގެ ފެންވަރުގައި މަޝްވަރާކޮށް، ހައްލު ހޯދުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ މޫސުމީ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތު ކުރަމުންނެވެ.

މި ސަމިޓަކީ ދުނިޔޭގެ އެކި ކަނޑުތަކުގެ ސަރަޙައްދުތަކުގައި ހިމެނޭ ޖަޒީރާ ޤައުމުތަކާއި، ކަނޑުތަކާ ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުން އެއްވެ، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް ބޭނުންކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މުހިންމު ބައްދަލުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު