ENGLISH

08 ޖޫން 2026

Advertisement

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިންސައްތަ ނިމިއްޖެ

08 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން، ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތު ސަރަހައްދުގެ އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ. 

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ މާލޭގެ އުތުރުގެ ބޮޑުތަކުރުފާނު މަގުގެ 3، 2 އަދި 4 ވަނަ ސެގްމެންޓުގެ މަސައްކަތެވެ. އެ މަސައްކަތް ހަލުއިކޮށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. 

އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކެޕިން މަސައްކަތެވެ. އެ މަސައްކަތްތަކުގެ ތެރެއިން 463 މީޓަރުގެ އެއްގަމު ތޮށީގެ ކެޕިން މަސައްކަތް ނިންމާލާފައިވާކަމަށް ބުނެފައިވެއެވެ. އެއީ އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިންސައްތައެވެ. 

އިތުރަށް އެ ކުންފުނިން ބުނެފައިވަނީ ބޮޑުތަކުރުފާނު މަގުުގެ އުތުރުފަރާތުގެ މަސައްކަތްތަކުގެ ތެރެއިން ހިނގަމުންދާ ހަފުތާގެ ތެރޭގައ 150 މީޓަރުގެ ކޮންކްރީޓު މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި އެ މަގުގައި ގާއިމުކުރަންޖެހޭ ފެނާއި ނަރުދަމާއާއި އެހެނިހެން ވިއުގަތަކުގެ މަސައްކަތްތަކުގެ ތެރެއިން 87 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ. މަގު އަޑީގައި ވަޅުލާ ވިއުގަތަކުގެ މަސައްކަތް މިހަފުތާ ނިމުމުގެ ކުރިން ނިންމައިލެވޭނެ ކަމުގައި ބުނެފައިވެއެވެ. 

ކުރިއަށްދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ޕޭވްމަންޓް ހެދުމާއި، މައި ފެން ހޮޅި ވަޅުލުމާއި، ކާބްސްޓޯން ޖެހުމާއި، ކެޗްޕިޓް ހެދުމުގެ އިތުރުން ކޭބަލް ޖަންކްޝަންތައް ބެހެއްޓުމާއި މަގުގެ ސަބް-ގްރޭޑިން މަސައްކަތްތައް ހިމެނެއެވެ. މިހުރިހާ މަސައްކަތްތަކެއްވެސް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. 

ނިމުނު އަހަރުގެ އޯގަސްޓު 21 ވަނަ ދުވަހު ފެށި ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން ތިން ސެގްމެންޓަކަށް ބަހާލައިގެން، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ފުޅާކުރުމާއި، 830 މީޓަރުގެ މަގުގައި ތާރުއެޅުމާއި، ދުވާރުތައް ހެދުމުގެ އިތުރަށް ފެން ހިންދާ ނިޒާމު ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު