ENGLISH

08 ޖޫން 2026

Advertisement

އީރާނާއެކު ހަދާ އެއްބަސްވުމެއް ބަލައިގަތުން ނޫން ހިޔާރެއް ނަތަންޔާހޫއަށް ނޯންނާނެ: ޓްރަމްޕު

08 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރައީސް ޓުރަމްޕު ރިޔާސީ މަތިންދާބޯޓުން ފައިބާވަޑައިގަންނަވަނީ، ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް

އެމެރިކާއިން އީރާނާ މަޝްވަރާކޮށްގެން ހަދާ އެއްބަސްވުން ގަބޫލުކުރުން ނޫން އެއްްވެސް ހިޔާރެއް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ނޯންނާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ. 

ފައިނޭންޝަލް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގަައި ޓުރަމްޕު ވިދާޅުވީ ހުރިހާ ކަމެއްގައި ފަހުބަސް ވިދާޅުވަނީ އޭނާ ކަމަށެވެ. އަދި ހަނގުރާމައާ ގުޅޭ ކަންކަމުގައި ގޮތް ނިންމާނީ ނަތަންޔާހޫ ނޫންކަމަށްވެސް ޓްރަމްޕު ވިދާޅުވިއެވެ. 

ޓުރަމްޕު މިފަދައިން ވިދާޅުވީ އިއްޔެ އީރާނުން އިސްރާއީލަށް ވަރުގަދަ ބެލިސްޓިކް މިސައިލު ހަމަލާތަކެއް ދީފައިވަނިކޮށެވެ. އެ ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން އީރާނަށް ބޮން އަޅާފައިވެއެވެ. އީރާނުގެ ހަމަލާތަކަކީ އޭޕްރީލުމަހުގެ ކުރީކޮޅުގައި ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެމެރިކާއާއި އީރާނުގެ މެދުގައި ހެދި އެއްބަސްވުމާ ހިލާފަށް އީރާނުން ހިންގި ފުރަަތަމަ ބޮޑު އަސްކަރީ ހަރަކާތެވެ. 

ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓުރަމްޕު ވިދާޅުވީ އީރާނުން ދިން ހަމަލާތަކުގެ ރައްދުގައި އީރާނަށް ހަމަލާނުދިނުމަށް ނަތަންޔާހޫއަށް އިރުޝާދު ދެއްވާނެ ކަމަށެވެ. ޓުރަމްޕު އެފަދައިން ވިދާޅުވިއިރު އިސްރާއީލު އަސްކަރިއްޔާއިން އޮތީ އީރާނުގެ ހަމަލާތަކުގެ ރައްދުގައި ވަރުގަދަ ހަމަަލާތަކެއް އީރާނަށް ދޭން ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ. 

އިތުރަށް ޓުރަމްޕު ވިދާޅުވީ އީރާނުން އިސްރާއީލަށް އަމާޒުކޮށް ދިން މިސައިލު ހަމަލާތަކުގެ ސަބަބުން އީރާނާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ބޭނުންފުޅުވާވުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަަށެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން އީރާނާއެކު ހަދާ އެއްބަސްވުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ޓުރަމްޕު އިތުރަށް ވިދާޅުވީ މަޝްވަރާތައް ނުހުއްޓި ކުރިއަށްގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އުންމީދަކީ ވަރަށް އަވަހަށް ދެ ގައުމަށް އެއްބަސްވުމަކަށް ވާސިލުވެވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އެހެންނަމަވެސް މިފަދަ އެއްބަސްވުމަކަށް ވާސިލުނުވެވި މަޝްވަރާތައް ނިމިއްޖެ ހާލަތެއްގައި އެމެރިކާގެ ކޮމާންޑޯއިން މެދުވެރިކޮށް ހާއްސަ އޮޕަރޭޝަންތަކެއް އީރާނުގައި ހިންގެވުމާމެދު ވިސްނަވާނެ ކަމުގައި ޓުރަމްޕު ވިދާޅުވިއެވެ. އެގައުމުގައި ހިންގަވަން ގަސްތުކުރައްވާ އޮޕަރޭޝަންތަކަކީ ކޮަބައިކަމެއް އޭނާ ހާމަނުކުރައްވައެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ހާލަތެއްގައި އެމެރިކާއަށް ދެ އިހުތިޔާރު އޮންނާނެއެވެ. ފުރަތަމަ އިހުތިޔާރަކީ އެމެރިކާއިން އީރާނަށްް ވަރުގަދަ ހަމަލާތަކެއް ދީ މިހާތަނަށް އަސްކަރީ ގޮތުން ނަގައިނުލެވި ހުރި އަމާޒުތައް ސުންނާފަތިކުރުމެވެ. ދެވަނަ އިހުތިޔާރެއްގެ ގޮތުގައި ޓުރަމްޕު ފާހަގަކުރެއްވީ މިހާރުވެސް ކުރިއަށްގެންދާ ގޮތަށް އީރާނު ހިސޯރުކޮށް ބަންދުކޮށްފައި ބޭއްވުމެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އީރާނަަށް ދޭ ހަމަލާއަކަށްވުރެ މިގޮތަށް އީރާނު އެކަހެރިކޮށް ބަންދުކޮށްފައި އޮތުމުގެ ފައިދާ މާ ބޮޑުވާނެއެވެ. 

ނަތަންޔާހޫއާމެދު މިފަދަ ގޮތަކަށް ރައީސް ޓުރަމްޕު ވާހަކަދެއްކެވިއިރު ނަތަންޔާހޫއަށް ކުރެއްވި ފޯނު ކޯލެއްގައި އޭނާއާ ދިމާލަށް ވަަރަށް ބޮޑަށް ކޯފާވެ ޓުރަމްޕު ވާހަކަދެއްކެވިކަމަށް އެކްސިއޯސްއިން ރިޕޯޓުކޮށްފައިވެއެވެ. އެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ޓުރަމްޕާ ނުލައި ނަތަންޔާހޫ ވެރިކަމުގައި ނުހުންނާނެކަމަށާއި، ހަނގުރާމައިގެ ސަބަބުން އިސްރާއީލާމެދު މީހުންގެ ރުޅިވެރިކަން އުފެދިފައިވާކަމަށް ޓުރަމްޕު ވިދާޅުވިއެވެ. 

ދެ ލީޑަރުންގެ މެދުގައި ފޯނު ކޯލެއް ހިނގިކަން ޓުރަމްޕުވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި އެ ފޯނު ކޯލުގައި ދެކެވުނުކަމަށް އެކްސިއޯސްއިން ރިޕޯޓުކޮށްފައިވާ ވާހަކަަތައް ޓުރަމްޕު ދޮގުނުކުރައްވައެވެ. 

ކިޔުންތެރިންގެ ހިޔާލު