ENGLISH

13 ޖޫން 2026

Advertisement

ޕެރަގުއޭގެ މައްޗަށް އެމެރިކާ އަށް ތާރީހީ މޮޅެއް

13 ޖޫން 2026

|

މުޙައްމަދު އަދުހަމް

ޕެރަގުއޭ ކޮޅަށް ލަނޑުޖެހުމަށްފަހު އެމެރިކާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026ގެ ގްރޫޕް ޑީ ގައި ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ، އެމެރިކާ އިން 4-1 ގެ ނަތީޖާއަކުން ޕެރަގުއޭ ބަލިކޮށްފިއެވެ.

މިއީ ވޯލްޑް ކަޕުގެ ތާރީހުގައި އެމެރިކާ އިން މެޗެއްގައި ތިން ލަނޑަށްވުރެ ގިނައިން ގޯލް ޖެހި ފުރަތަމަ ފަހަރެވެ. މީގެކުރީން، ވޯލްޑް ކަޕެއްގައި އެ ޓީމު އެންމެ ބޮޑު ތަފާތަކުން މޮޅުވެފައިވަނީ 1930 ވަނަ އަހަރުގެ މުބާރާތުގައި ޕެރަގުއޭ އާއި ބެލްޖިއަމް އަތުންނެވެ. މި ދެ މެޗު ވެސް އެމެރިކާ ކާމިޔާބުކުރީ 3-0 އިންނެވެ.

އެމެރިކާގެ ލޮސް އެންޖެލިސް ސްޓޭޑިއަމްގައި 70 ހާހަށްވުރެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މި މެޗުގައި އެމެރިކާ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ފޮލަރިން ބަލޮގަން އެވެ.

މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ވެސްޓަން މެކެނީ އާއި ކްރިސްޓިއަން ޕުލިސިކް ގުޅިގެން އުފެއްދި އެޓޭކެއްގައި، އެ ބޯޅަ ހުއްޓުވަން އުޅުމުގެ ތެރޭގައި ޕެރަގުއޭގެ މިޑްފީލްޑަރު ޑޭމިއަން ބޮބަޑިިއްޔާގެ އަތުން ބައިކޮޅަށް ވަތް ގޯލަކުން އެމެރިކާ އިން ވަނީ ލީޑުނަގައިފައެވެ.

މެޗުގައި ލަނޑުޖެހުމަށްފަހު އެމެރިކާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ފީފާ.ކޮމް

އެމެރިކާގެ ފޯވާޑްލައިނުން ޕެރަގުއޭގެ ޑިފެންސަށް ބާރުބޮޑުކުރަމުންދިޔައިރު، މެޗުގެ 31 ވަނަ މިނެޓުގައި ބަލޮގަން ވަނީ އެމެރިކާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އޭނާ މި ލަނޑުޖެހީ ޕެނަލްޓީއޭރިޔާ ތެރެއިން ކްރިސްޓިއަން ޕުލިސިޗް ދިން ބޯޅައެއްގެ އެހީގައެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް، އިތުރުވަގުތުގެ ގޮތުގައި ރެފްރީ ދެއްކި ފަސްވަނަ މިނެޓުގައި ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ބަލޮގަން ވަނީ އެމެރިކާގެ ތިންވަނަ ލަނޑުޖަހައިދީފައެވެ. މިއީ ޕެރަގުއޭގެ ޑިފެންސް ފަހަތަށް އެމެރިކާގެ މަލިކް ޓިލްމަން ދިން ހިތްގައިމު ޕާހަކުން ލިބުނު ބޯޅައެއް ވަރަށް ރީއްޗަށް ކޮންޓްރޯލް ކުރުމަށްފަހު ބަލޮގަން ކާމިޔާބުކުރި ގޯލެކެވެ.

އެމެރިކާ އާއި ޕެރަގުއޭ ވެސް ދެވަނަ ހާފު ފެށީ ބަދަލަކާއެކު އެވެ. އެމެރިކާ އިން ޕުލިސިޗްގެ ބަދަލުގައި ސެބާސްޓިއަން ބާހޯލްޓާ ކުޅެން އެރުވިއިރު، ޕެރަގުއޭ އިން ވަނީ ބޮބަޑިއްޔާގެ ބަދަލުގައި އެޓޭކަށް އިސްކަންދިނުމުގެ ގޮތުން މައުރީސިއޯ ކުޅެން ނެރެފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، މި ހާފު ފެށިގެން ޕެރަގުއޭ އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް ގިނަ ކުރިއެވެ. މެޗުގެ 73 ވަނަ މިނެޓުގައި ހޫލިއޯ އެންސީސޯ ތަނަވަސްކޮށްދިން ފުރުސަތަކުން، މައުރީސިއޯ ވަނީ ޕެރަގުއޭ އަށް ލަނޑެއް ޖަހައިދީ، ފަރަގު ކުޑަކޮށްފައެވެ.

ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ޖިއޯ ރޭނާ ގޯލަށް ބޯޅަ ފޮނުވާލަނީ. ފޮޓޯ: ރޮއިޓާސް

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެމެރިކާގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ޖިއޮވާނީ ރޭނާ އެވެ. މިއީ އެމެރިކާގެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭހެން ގިނަ ޕާސްތަކެއް ޖެހުމަށްފަހު އޭރިޔާ ރޮނގުކައިރީގައި ހުރެ، ބޭރުފައިން ފޮނުވާލައިގެން ރޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މި މެޗުގައި ޖެހި ދެ ގޯލާއެކު އެމެރިކާގެ ފޯވާޑް، ބަލޮގަން ވަނީ ވޯލްޑް ކަޕުގެ ތާރީހުގައި މުބާރާތް ބާއްވާ ގައުމު ކުޅުނު ފުރަތަމަ މެޗުގައި ދެލަނޑުޖެހި ހަތަރުވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެކުރީން، މި ޝަރަފު ހޯދާފައިވަނީ 2014 ވަނަ އަހަރު ނޭމާ، 2018 ވަނަ އަހަރު ޑެނިސް ޗެރިޝޭފް އަދި 2022 ވަނަ އަހަރު އެނާ ވެލެންސިއާއެވެ.

މި މުބާރާތުގައި އެމެރިކާ ދެން ކުޅޭ މެޗުގައި މި މަހުގެ 20 ވާ ދުވަހު ނިކުންނާނީ އޮސްޓްރޭލިއާ އާ ދެކޮޅަށެވެ. ހަމަ އެދުވަހު ޕެރަގުއޭ ބައްދަލުކުރާނީ ތުރުކީއާ އެވެ. 

ކިޔުންތެރިންގެ ހިޔާލު