ENGLISH

05 ޖޫން 2026

Advertisement

މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

05 ޖޫން 2026

|

މުޙައްމަދު އަދުހަމް

"ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުން. --ފޮޓޯ: ރައީސް އޮފީސް

ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރެއްވުން މަތީ ދެމިހުންނަވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން އިސްދައުރެއް އަދާކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ، އިންސާނިއްޔަތުގެ މުސްތަޤުބަލާއި ތިމާވެށީގެ ދުޅަހެޔޮކަމާ އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ މުހިންމުކަން، ދިވެހިން ރަނގަޅަށް ދަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ސޯލާ ސިޓީ މަޝްރޫޢާއި، ކާރިސާތަކަށް ތައްޔާރުވުމާއި، ދުރާލާ އިންޒާރުދޭ ނިޒާމުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކަށް ހޭނުމަށާއި މާހައުލީނިޒާމު ރައްކާތެރިކުރުމަށް ޖަމަޢީ ފެންވަރުގައި މަސައްކަތްކުރުން ފަދަ، އުންމީދީ، މޫސުމީ ފިޔަވަޅުތައް ރާއްޖެއިން އަޅަމުންގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ފެންވަރުގައި، ވަކި ވަކި ފަރުދުންނަށާއި، މާހައުލީނިޒާމުތަކަށާއި، ޤުދުރަތީ ވަސީލަތްތަކަށް، އަސަރުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވަނީ، މި ބަދަލުތަކަށް ހޭނުމަށާއި، ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާއި، ދެމެހެއްޓެނިވިކަން އިސްކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކުގައި ކުރާ މަސައްކަތްތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ތިމާވެށި ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް މިހާރަށްވުރެ ރައްކާތެރި އަދި ފުދުންތެރި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި، ހޭލުންތެރިކަން އިތުރުކުރުމަށާއި، މަސްއޫލިއްޔަތުތައް ހިއްސާކުރުމަށާއި، އެކުގައި މަސައްކަތްކުރުމަށް ހުރިހާ މަސްލަހަތުވެރިންނަށް އިލްތިމާސްކުރައްވަމުންނެވެ.

1973 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5ވަނަ ދުވަހަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. 

ކިޔުންތެރިންގެ ހިޔާލު