ENGLISH

05 ޖޫން 2026

Advertisement

ދިޔަމިގިލީ ސްކޫލު އިމާރާތްކުރުމަށް ސިފައިން ކުރަމުންދާ މަސައްކަތް ދިފާއީ ވަޒީރު ބައްލަވާލައްވައިފި

05 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ސިފައިން ކުރަމުންދާ މަސައްކަތް ދިފާއީ ވަޒީރު ބައްލަވާލެއްވުން- ފޮޓޯ- ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާ

ތ. ދިޔަމިގިލި ސްކޫލު އިމާރާތްކުރުމަށް ދިވެހި ސިފައިން ކުރަމުންދާ މަސައްކަތްތައް ދިފާއީ އަދި ވަތަނީ ހިދުމަތްތަކާ ބެހޭ ވަޒީރު، އޮނަރަބަލް ހަސަން ރަޝީދު ބައްލަވާލައއްވައިފިއެވެ.

ދިފާއީ އަދި ވަތަނީ ހިދުމަތްތަކާ ބެހޭ ވަޒީރު، ދިޔަމިގިއްޔަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި ވަނީ އެ ސްކޫލު އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސިފައިންނާ ބައްދަލުކުރައްވައި، އެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުވާލައްވާފައެވެ.

ތ. ދިޔަމިގިއްޔަށް ދިފާއީ އަދި ވަތަނީ ހިދުމަތްތަކާ ބެހޭ ވަޒީރު ކުރެއްވި މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި އެމްއެންޑީއެފް ސެންްޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމްގެ އިތުރުން އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ފަންނީ ސިފައިންގެ ބެލުމުގެ ދަށުން ކުރަމުންދާ މި މަސައްކަތުގައި މިހާރު ވަނީ އިމާރާތުގެ ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް ނިންމާފައެވެ.

ދެ ފަންގިފިލާގެ 10 ކުލާސް ރޫމް ހިމެނޭ މި އިމާރާތުގައި މިހާރު ކުރަމުންދަނީ އިމާރާތުގެ ފުރާޅުގެ އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތާއި، ފުރަތަމަ ފަންގިފިލާގެ ފާހާނާތައް ނިންމައި އެ ފަންގިފިލާގެ ފާރުތަކުގައި ސިމެންތި ޖެހުމުގެ މަސައްކަތާއި، ތިރީ ފަންގިފިލާގެ ފާރުތަކާއި އެ ފަންގިފިލާގެ ފާހާނާތައް ރޭނުމުގެ މަސައްކަތެވެ.

މީގެ އިތުރުން، ސިފައިންނާ މި މަސައްކަތް ހަވާލުވިއިރު އިމާރާތުގެ ބައެއް ތަނބުތަކާއި ކޮލަމްތަކަށް ލިބިފައި ހުރި ގެއްލުންތައް ދެނެގަނެ، އެ ތަންތަން މަރާމާތުކޮށް އިތުރަށް ވަރުގަދަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ދިފާއީ އަދި ވަތަނީ ވުޒާރާއިން ބުނެއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނާ ގުޅިގެން ކުރަމުންދާ މި މަސައްކަތަކީ 90 ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ މަސައްކަތެކެވެ. ކަނޑައަޅާފައިވާ ވަގުތަށް މަސައްކަތް ނިންމުމަށް ޓަކައި އެހީތެރިކަންފޯރުކޮށްދިނުމުގައި ތ. ދިޔަމިގިލީ ކައުންސިލާއި، ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބެންމުންދާކަމަށް ވެސް އެވުޒާރާއިން މައުލޫމާތޫ ދީފައިވެއެވެ.

މި އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ސިފައިންނާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވަނީ މާރިޗު މަހުގެ 31ވަނަ ދުވަހުއެވެ.

ސިފައިން މި މަސައްކަތާ ހަވާލުވި އިރު އިމާރާތުގައި ނިމިފައި ހުރީ 30 އިންސައްތަ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު