ENGLISH

05 ޖޫން 2026

Advertisement

ފަސްމިލިއަން ގަސް އިންދުމުގެ މަޝްރޫޢު: ޒުވާނުންނާއި ޖަމިއްޔާތަކަށް ރައީސްގެ ޚާއްސަ އިލްތިމާސެއް

05 ޖޫން 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ "ފަސް މިލިއަން ގަސް ޕްރަގްރާމް" ގައި ޒުވާނުންނާއި ޖަމިއްޔާތަކުން ބައިވެރިވުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ޕަލްސް" ސިލްސިލާގެ ފުރަތަމަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތިމާވެށި ރައްކާތެރިކުރަން އަބަދުވެސް ރާއްޖެއިން އަޑުއުފުލާ ކަމަށާ ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން އެ އަޑު ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖެއިން ދަނީ އުފުލަމުން ކަމަށެވެ.

އަދި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ޖަމިއްޔާ ޖަމާއަތްތަކުން ވެސް ވަރަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ތިމާވެށީގެ ރޮނގުން ރާއްޖޭގައި ހިންގޭ އެންމެ ޚާއްސަ އެއް މަޝްރޫޢު އަކީ ގަސް އިންދުމުގެ މަޝްރޫޢު ކަމަށެވެ. އެގޮތުން ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ ފަސްމިލިއަން ގަސް އިންދުމުގެ ޕްރަގްރާމް ރައީސް ފާހަގަ ކުރެއްވި އެވެ. އެ މަޝްރޫޢު ކާމިޔާބު ކުރުމަށް ޒުވާނުންނާއި ޖަމިއްޔާތަކަށް ރައީސް ވަނީ ޚާއްސަ އިލްތިމާސެއް ކުރައްވާފަ އެވެ.

"މިއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކުން އެންމެ މުހިންމީ. ޚާއްސަކޮށް ޒުވާނުން ކުދީންނަށް ހިތްވަރުދެން. އަޅުގަނޑުމެން ކަނޑައަޅަންވީ ޓާގެޓެއް ކޮންމެ ރައްޔިތަކުވެސް މި ރާއްޖޭގެ ފެހިކަން އިތުރުކުރުމަށްޓަކައި މި ފަސްމިލިއަން ގަސް އިންދުމުގެ ޕްރަގްރާމްގައި ބައިވެރިވާން،"

ރައީސް ވިދާޅުވީ ރާއްޖޭގެ ސިޓީތަކާއި ބޮޑެތި ރަށްތަކުގައި ގަސްތައް ވަރަށް މަދު ކަމަށާ އެ ރަށްރަށް ވަރަށް ހޫނު ކަމަށެވެ. އެހެން ކަމުން ގަސް އިންދާ ފެހިކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުން މުހިންމު ކަމަށެވެ.

ރައީސް ވިދާޅުވީ ފަސްމިލިއަން ގަސް ޕްރަގްރާމަކީ ޙާސިލުނުކުރެވޭނެ ޕްރަގްރާމެއް ނޫން ކަމަށާ ބާކީ އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެ މަސައްކަތް ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.

އެ މަސައްކަތުގައި ޒުވާނުންނާއި ސުކޫލު ދަރިވަރުން ބައިވެރިވާން ރައީސް ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ހިންގާ މަޝްރޫޢުއަކަށް ގަހެއް ނުވަތަ ގަސްތަކެއް ނަގަން ޖެހިއްޖެނަމަ އެ ގަސްތައް އެހެންތަންތާ އިންދާނެ އެވެ. އަދި އިތުރު އެތައް ގަހެއް އިންދާ ފެހިކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އެގޮތުން ވިލިމާލޭގައި ފްލެޓް އެޅުމާއި ހޮސްޕިޓަލް އެޅުމުގެ މަޝްރޫޢުއަށް ބައެއް ގަސްތައް ނަގާނެ ކަމަށާ ނަމަވެސް އެއަށްވުރެ އިތުރަށް ގަސް އިންދާ ފެހިކުރެވޭނެ ކަމަށެވެ.

"ތަރައްޤީއާ ތިމާވެއްޓަކާއި ގުޅިލާމެހިގެން އެކިއެކީގައި ގެންދެވޭ ކަންކަމަށްވާން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ކުނި މެނޭޖުކުރެވޭނެ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާ މި ދައުރުގެ ތެރޭގައި ހުރިހާ ރަށެއްގައި އެފަދަ މަރުކަޒުތައް ޤާއިމުކުރުމަކީ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.

އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ވެސް ބާރު ސްޕީޑްގައި ހިންގަމުންދާ ކަން ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު