ENGLISH
05 ޖޫން 2026
ރާއްޖޭގެ ޙައްޖާޖީންގެ އެންމެހާ ކަންތައްތައް ފުރިހަމައަށް ކުރެވުނީ ރައީސްގެ ލަފާފުޅާއި، އިރުޝާދުފުޅާއެކު: ވަޒީރު ޝަހީމް
05 ޖޫން 2026
|
ރާއްޖޭގެ ހައްޖާޖީން މަދީނާގެ އެއާރޕޯޓްގައި-- ފޮޓޯ: ހައްޖު ކޯޕަރޭޝަން
އެންމެ މަޤްބޫލު
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޙާޖީންގެ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް ހިތްވަރު ދެއްވައި، އިރުޝާދު ދެއްވަމުން ގެންދަވާތީ އެކަމަށް، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޝުކުރު ދަންނަވައިފިއެވެ.
ވަޒީރު ޝަހީމް ފާހަގަކުރެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ރާއްޖޭގައި އިސްލާމީ ދާއިރާގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި އެހީތެރިކަމާއި އިރުޝާދު ދެއްވާ ބޭފުޅެއް ކަމެވެ. އެގޮތުން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ކާމިޔާބުކަމާއެކު ނިމިގެން ދިއުމުގައި ރައީސް ދެއްވެވި ލަފާފުޅާއި، ހައްޖުވެރިންގެ ކަންތައްތަކުގައި ބޭއްވެވި ގާތްކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ޙައްޖުގެ މަތިވެރި އަޅުކަން ފަސޭހަކަމާއެކު އަދާކުރެވޭނެ ފުރިހަމަ އިދާރީ ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައިވާކަން ޙައްޖު ކޯޕަރޭޝަނުން ވަނީ ކަށަވަރު ކޮށްދީފައި ކަމަށެވެ. އަދި މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ދެއްވުމަށް ސަޢޫދީ ސަރުކާރުން ނިންމެވި ނިންމެވުމަކީ މި ނިޒާމަށް ލިބިގެން ދިޔަ އިތުރު ފުރިހަމަ ކަމެއްކަން ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގެ އިންތިޒާމްތައް ފުރިހަމަކުރުމަށްޓަމައި ޙައްޖު ކޯޕަރޭޝަނުން ކުރެއްވި މިންނެތް މަސައްކަތްތަކުގެ އަގުވަޒަންކޮށް މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލާއި ކޯޕަރޭޝަންގެ އެންމެހައި މުވައްޒަފުންނާއި، ޙާޖީންގެ އެހީތެރިންނާއި، ޞިއްޙީ ޚިދުމަތްތެރިންނާއި އަދި ހުރިހައި ސަފެއްގައި ޚިދުމަތްކުރެއްވި އެންމެ ބޭފުޅުންނަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މީގެއިތުރުން ވުޒާރާގެ ޙައްޖާއި ޢުމްރާގެ ކަންކަން އިންތިޒާމްކުރާ ސެކްޝަނުގެ އެންމެހައި މުވައްޒަފުންނާއި، ޙައްޖު މޫސުމުގައި މިނިސްޓްރީގެ ފަރާތުން މައްކާގައި ޤާއިމުކުރެވުނު ރާއްޖޭގެ ޙައްޖު މިޝަނަށް ވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޙައްޖުގެ ކަންކަން ފުރިހަމަކާއެކު ނިމިގެން ދިޔައީ ﷲ ގެ ރަޙުމަތްފުޅާއެކު ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކުރެއްވި މިންނެތް މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލު ސުޢޫދުއާއި ވަލީ އަޙްމު ޕްރިންސް މުޙައްމަދު ބިން ސަލްމާނަށާއި، ސަޢުދީ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި މިނިސްޓްރީ އޮފް އިންޓީރިއާއާއި އެޤައުމުގެ ކަމާ ބެހޭ އިދާރާތަކުން ކުރެއްވި މަސައްކަތްތައްވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގައި ފަސޭހަކަމާއެކު ޚިދުމަތްލިބޭނެ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް އެ ވުޒާރާއިން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.