ENGLISH

05 ޖޫން 2026

Advertisement

ކުރިއެރުން އަންނާނީ ބައިނަލްއަގުވާމީ މެޗުތައް ކުޅެގެން: އުރްބާނީ

05 ޖޫން 2026

|

އިސްމާއިލް ޝާހު

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް ނޫނީ ލޯކަލް މުބާރާތްތައް ކުޅެގެން ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބު ހޯދުމަކީ ވާނެ ކަމެއް ނޫން ކަމަށާއި، ވިސްނުމަކީ ކުޅުންތެރިންނަށް ކުޅެން ލިބޭ ބައިނަލްއަގުވާމީ މެޗުތައް އިތުރުކުރުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފިއެވެ.

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ޕާކިސްތާން އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ. މި މެޗުގެ ކުރިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ އަފްޣާނިސްތާން އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އުރްބާނީ ބުނީ މިހާރު ހާލަތު ބައިނަލްއަގުވާމީ މެޗުތަކުން ބަލިވި ކަމުގައި ވިޔަސް، އޭނާގެ ވިސްނުމަކީ މުބާރާތްތައް އިތުރުކުރުމާއި، ކުޅުންތެރިންނަށް ކުޅެން ލިބޭ ބައިނަލްއަގުވާމީ މެޗުތައް އިތުރުކުރުން ކަމަށެވެ. އެގޮތުން ހަމައެކަނި ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް ނޫނީ ލޯކަލް މުބާރާތްތައް ކުޅެގެން ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބު ހޯދުމަކީ ވާނެ ކަމެއް ނޫން ކަަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިއްޔެގެ މެޗަކީ މިދިޔަ 35 އަހަރުގެ ތެރޭގައި ޕާކިސްތާނުން ރާއްޖެ ބަލިކުރި ފުރަތަމަ މެޗެވެ. އެގޮތުން އެންމެ ފަހުން ޕާކިސްތާނުން ރާއްޖެ ބަލިކޮށްފައިވަނީ 1991 ވަނަ އަހަރުގެ ސައުތު އޭޝިއަން ފެޑެރޭޝަން ގޭމްސްގައެވެ. އޭގެ ފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު 7 މެޗުގެ ތެރެއިން 4 މެޗުން ރާއްޖެ މޮޅުވިއިރު، އަނެއް 3 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އުރްބާނީ ބުނީ މިއީ ޕާކިސްތާނުން ރާއްޖެ ބަލިކުރާނެ ފަހު ފަހަރުވެސް ނޫން ކަމަށާއި، އެއީ ހަގީގަތް ކަމަށެވެ. އަދި އެންމެނަށްވެސް މާޒީގެ ވާހަކަ ދެއްކިދާނެ ކަމަށާއި، އެކަމަކު އެ ގައުމުތަކުން ފުޓްބޯޅަ ކުރިއެރުވުމަށް އެކި ދިމާތަކުން ކުޅުންތެރިން ގެނެސްގެންގެން، ރަނގަޅު ސިސްޓަމެއްގެ ތެރެއިން ކުރި މަސައްކަތް ފެންނަން އޮތް ކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ކޯޗުކަން ކޮށްދީފައިވާ އުރްބާނީ ބުނީ ރާއްޖޭގެ ކޯޗުކަމާ ހަވާލުވެ ހުރެ އެންމެ ރަނގަޅު މެޗެއް މީގެ ކުރިން ކުޅެފައިވަނީވެސް ޕާކިސްތާނާ ދެކޮޅަށް ކަމަށެވެ. އެކަމަކު އެއީ 14 އަހަރުގެ ކުރީގެ ވާހަކައެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހުގެރޭ 21:00 ގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗަށް ނުކުންނައިރު، ފުރުސަތު ނުލިބި ތިބި ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް އުރްބާނީ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު