ENGLISH

04 ޖުލައި 2025

Advertisement

އެޗްޑީސީ ހިންގެވުން މަޢުރޫފްއާ ޙަވާލުކުރެއްވުމަކީ އުފާކުރައްވާ ކަމެއް: މައުމޫން

22 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

އެޗްޑީސީގެ އާ މެނެޖިން ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިންގެވުން މުޙައްމަދު މަޢުރޫފް ޖަމީލާ ހާވާލުކުރެއްވުމުން އުފާކުރައްވާކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މަޢުރޫފް އަށް މަރުހަބާ ދަންނަވައިފިއެވެ.

ހުޅުމާލެ ފުރަތަމަ ޕްލޭންކޮށް އެތަން ހިއްކަންފެށި ދުވަސްވަރުން ފެށިގެން އިސްދައުރެއް އަދާކުރެއްވި މަޝްހޫރު އާކިޓެކްޓް، މަޢުރޫފް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ވަނީ އައްޔަންކުރައްވައިފައެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް، ހުޅުމާލެ ހިއްކަވައި ގޯތި ދޫކުރެއްވީ މައުމޫނެވެ. އޭރު އެ މަސައްކަތުގައި މުޢުރޫފް ވަނީ އިސްދައުރެއް އަދާކުރައްވައިފައެވެ.

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ މެސެޖް

މައުމޫން ކުރެއްވި އެކްސް ޕޯސްޓެއްގައި މަޢުރޫފަށް މަރުހަބާ ދަންނަވައި އެ މަނިނުފާނު ވިދާޅުވީ މަޢުރޫފް އަކީ ތެދުވެރި ޤާބިލު އަދި ތަޖުރިބާކާރު ބޭފުޅެއެއް ކަމަށާއި، ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އުފެއްދުމުގެ ކުރިން، ހުޅުމާލެ ތަރައްޤީކުރުމާއި ބެހޭ ޔުނިޓު ރައީސް އޮފީހުގެ ދަށުން ހިންގެވި ދުވަސްވަރު އެ ޔުނިޓުގެ ޑިރެކްޓަރ ޖެނެރަލްކަން ކުރައްވާފައިވަނީ މަޢުރޫފެވެ. މަޢުރޫފު ވަނީ ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރ ކަމާއި ހައުސިން ޑިފެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ އިސް މަގާމުތައް އަދާކުރައްވައިފައެވެ. އަދި ހުޅުމާލެ ތަރައްގީ ކުރުމަށް ފުރަތަމަ އުފެއްދެވި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުން ވެސް މަސައްކަތް ކުރެއްވީ މަޢުރޫފެވެ.

އެޗްޑީސީ ހިންގެމާއި މަޢުރޫފް ހަވާލުކުރެއްވުމުން، މައުމޫންގެ އިތުރުން ވަރަށް ގިނަ ފަރާތްތަކުން އަންނަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެ ނިންމެވުމަށް ތާއީދު ކުރައްވާ މަޢުރޫފަށް މަރުހަބާ ދަންނަވަމުންނެވެ.

 މުޙައްމަދު މުޢިއްޒު އަދުނާނުގެ މެސެޖް

ޑިފެންސް މިނިސްޓްރީގެ ނައިބުކަން ކުރިން ކުރައްވާފައިވާ މުޙައްމަދު މުޢިއްޒު އަދުނާނު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޢުރޫފް އަކީ "ސިޔާސީ ފިއްތުންތަކާއި ބާރުވެރި ނުފޫޒުތަކަށް ތަންދެއްވާނެ ބޭފުޅެއް ނޫން" ކަމަށާއި އެޗްޑީސީއަށް މަޢުރޫފް އައްޔަންކުރެއްވުމަކީ އެއީ ރަނގަޅު ނިންމެވުމެއް ކަމަށެވެ. މުޢިއްޒުގެ ޕޯސްޓަށް ކުރެއްވި ކޮމެންޓެއްގައި ކުރީގެ އެޑިކޭޝަން މިނިސްޓަރ ރާޝިދާ ޔޫސުފް ވެސް ވިދާޅުވީ "ވަރަށް ރަނގަޅު ނިންމެވުމެއް" ކަމަށެވެ.

ކުރީގެ މަޖިލިސް މެންބަރު އަޙްމަދު ނިހާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މޫޢުރޫފް އަކީ އެ މަޤާމަށް ވަރަށް ޤާބިލު އެހާމެ ދެތުވެރި ބޭފޫޅެއްކަން ޔަޤީންކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދުގެ މެސެޖް 

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވީ އެޗްޑީސީ ހިންގެވުން މަޢުރޫފްއާ ހަވާލުކުރެއްވުމަށް، ނިންމެވި ނިންމެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މަޢުރޫފް އަށް ކާމިޔާބަށް އޭނާ އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު