ENGLISH
03 ޖޫން 2026
މާފަރު އެއާޕޯޓުގައި މޫސުމީ ޚިދުމަތް ދިނުމަށް މެޓް އޮފީހާއި އައިލެންޑް އޭވިއޭޝަން ގުޅިގެން މަސައްކަތް ފަށައިފި
03 ޖޫން 2026
|
މާފަރު އެއާޕޯޓުގައި މޫސުމީ ޚިދުމަތް ދިނުމަށް މެޓް އޮފީހާއި އައިލެންޑް އޭވިއޭޝަން ގުޅިގެން މަސައްކަތް ފެށުން --
އެންމެ މަޤްބޫލު
ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި އޭވިއޭޝަން މޫސުމީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ގުޅިގެން މަސައްކަތް ފަށައިފި އެވެ.
މި އެއްބަސްވުމުގެ ދަށުން، މާފަރު އެއާޕޯޓުގައި އަލަށް ގާއިމުކުރާ މެޓް އޮފީހަށް ބޭނުންވާ މޫސުމީ އާލާތްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މަދަނީ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ މޫސުމީ މައުލޫމާތާއި ރިޕޯޓުތައް އިތުބާރާއެކު ފޯރުކޮށްދިނުމެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މިއަދު ފެށުނު މި މަސައްކަތަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ މޫސުމީ އޮބްޒަވޭޝަންތައް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، މިހާރު ގާއިމުކުރެވޭ ނިޒާމު ކުރިއަށް އޮތް ތަނުގައި "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ" (SOFF) މަޝްރޫއުގެ ދަށުން އިތުރަށް ތަރައްގީކޮށް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ތަރައްގީއާއެކު، މާފަރު އެއާޕޯޓުގެ މޫސުމީ ނިޒާމު ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާ (WMO) ގެ 'ގްލޯބަލް ބޭސިކް އޮބްޒަވޭޝަން' މިންގަނޑުތަކަށް ފެތި، ބައިނަލްއަގުވާމީ ފެންވަރުގެ ޚިދުމަތެއް ދެވޭނެ މަގު ތަނަވަސް ވެގެންދާނެ އެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކޮށް، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.