ENGLISH
03 ޖޫން 2026
ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާން އިރައޯލާއާއެކު އެއްބަސްވުމަކަށް
03 ޖޫން 2026
|
ސްޕެއިނުގެ ކޯޗު އަންޑޯނީ އިރައޯލާ ---
އެންމެ މަޤްބޫލު
ހުސްވެފައިވާ ލިވަޕޫލްގެ ކޯޗުކަން ހަވާލުކުރަން ސްޕެއިނުގެ ކޯޗު އަންޑޯނީ އިރައޯލާއާއެކު އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ލިވަޕޫލްގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ދެ ސީޒަނުގައި އެ ޓީމަށް އިރުޝާދުދިން ނެދަލެންޑްސްގެ އާނާ ސްލޮޓް މަގާމުން ވަކިކުުރުމާ ގުޅިގެންނެވެ. ކޯޗުކަމާ ހަވާލުވި ފުރަތަމަ ސީޒަނުގައި ސްލޮޓް ވަނީ ލިވަޕޫލްއަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. އެކަމަކު ނިމިދިޔަ ސީޒަނުގެ ހުރިހާ މުބާރާތަކުން 20 މެޗުން ލިވަޕޫލް ބަލިވެ، ކާމިޔާބީއަކާ ނުލައި ސީޒަން ނިންމާލުމާއެކު، ކޯޗުގެ މަގާމުން ވަކިކުރަން ވަނީ ނިންމާފައެވެ.
ލިވަޕޫލްގެ ކޯޗުގެ މަގާމާ ހަވާލުވާ އުމުރުން 43 އަހަރުގެ އިރައޯލާ ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސީޒަން ނިމުމާއެކު ބޯންމަތުގެ ކޯޗުގެ މަގާމުން ވަކިވާނެކަން އިއުލާންކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ލިވަޕޫލުން އިރައޯލާއާއެކު އެއްބަސްވުމަކަށް މިހާރު އައިސްފައިވާއިރު، އޭނާ އެ ޓީމާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ.
މީގެ ކުރިން ސައިޕްރަސްގެ އޭއީކޭ ލަނާކާ، ސްޕެއިނުގެ މިރަންޑެސް އަދި ރަޔޯ ވަޔެކާނޯއަށް ކޯޗުކަން ކޮށްދީފައިވާ އިރައޯލާ ވަނީ ބޯންމަތުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާ ވަނީ ބޯންމަތު 18 މެޗުން ބަލިނުވުމުގެ ރިކޯޑު ދަމަހައްޓައި، މި ސީޒަނުގެ ލީގުގެ ހަވަނަ ހޯދައިގެން އެ ޓީމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޔޫރޮޕާ ލީގަށް ކޮލިފައިކޮށްދީފައެވެ.