ENGLISH

03 ޖޫން 2026

Advertisement

ހަރުދަނާ މާލީ ސިޔާސަތުތަކުގެ ފޮނި މޭވާ ލިބެނީ؛ ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި

03 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަދި މާލީ ވަޒީރު މޫސާ ޒަމީރު

ރާއްޖޭގެ ދަރަނި ބޮޑުވެ، އެކަށީގެންވާ އިންތިޒާމުތަކެއްގެ ތެރެއިން ދަރަނި އަދާނުކުރެވިދާނެ ކަމުގަ ކަންބޮޑުވުންތައް ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ"އަށް ދަށްކުރުމަށްފަހު "ސީސީސީ-"އަށް މަތިކުރަން ނިންމައިފިއެވެ. 

މިއަދު ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކުރުމަށް ނިންމީ މި އަހަރުގެ އޭޕްރީލުމަހުގައި ރާއްޖެއިން ދައްކަން އޮތް ސުކޫކުގެ ދަރަނި ކާމިޔާބުކަމާއެކު ދެއްކުމާއެކު، ރާއްޖެއަށް ބޭރުގެ ދަރަނި އަދާނުކުރެވުމުގެ ނުރައްކާ ނުވަތަ ހިރާސް ކުޑަވެފައިވާތީކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. 

ސުކޫކުގެ ދަރަނި އެކީ ދައްކައި ހަލާސްކުރުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ފިޗްއިން ފާހަގަކުރެއެވެ. އެގޮތުން އެކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައި ހުރި އިގުތިސާދީ އަދި މާލީ ބޮޑެތި ނުރައްކާތައް ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް ފިޗުން ބުނެފައިވެއެވެ. 

ސަރުކާރުން ހާމަކުރި ގޮތުގައި، ރޭޓިންގ އަށް އައި މި ބަދަލަކީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ދަރަނި ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކޮށް ރިޒާވް ވަރުގަދަކުރުމަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ޤާނޫނު ހިމެނެއެވެ.

ފިޗްއިން ފާހަގަކުރި ގޮތުގައި ސުކޫކުގެ ބޮޑު ދަރަނިން މިންޖުވުމާއެކު ރާއްޖެއިން ދައްކަންހުރި ބޭރުގެ ދަރަނި ވަރަށް ބޮޑަށް ކުޑަވެފައި އޮތުމާއި، ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ލިބޭ މާލީ އެހީތައް އިތުރުވުމަކީ ރާއްޖޭގެ ރިޒާވް އަލުން ބިނާކުރުމަށް މަގުފަހިވާނެ ކަންކަމެވެ. 

މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން ބުނީ މި ރޭޓިންއަކީ ދުނިޔޭގެ އިގުތިސާދު ނުތަނަވަސްކަމެއްގެ ތެރޭގައި އޮތްއިރުވެސް ދައުލަތުގެ މާލީ ހާލަތު ހަމަޖައްސައި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް އިތުބާރު ލިބެމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. 

އަދި މާލީ ވުޒާރާއިން ޔަގީންކަންދިން ގޮތުގައި މާލީ ސިޔާސަތުތައް ދެމެހެއްޓެނެވި ގޮތެއްގައި ބައްޓަންކޮށް، ބޭރުގެ އިގުތިސާދީ ލޮޅުންތަކުން ރަައްޔިތުންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދާނީ އަޅަމުންނެވެ. 

ފިޗްއިން ހަދަމުންދާ ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ ފަސްމަންޒަރު 

ރާއްޖެއަށް އެންމެ ފުރަތަމަ ފިޗްއިން ކްރެޑިޓް ރޭޓިންއެއް ހަމަޖެއްސީ 2016 ވަނަ އަހަރުއެވެ. އެއިރު "ބީ+" ރޭޓިންއެއް ދިނީ ރާއްޖޭގެ މާލީ މުސްތަގުބަލު ފެންނަނީ ސްޓޭބަލް ނުވަތަ ހަމަޖެހުމުގެ ތެރޭގައިކަމަށް ބަލާފައެވެ. 2017 އަދި 2018 ގައިވެސް ހަމަ އެމިންގަނޑުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗްއިން ދެމެހެއްޓިއެވެ. ނަމަވެސް 2019 ވަނަ އަހަރު ކްރެޑިޓް ރޭޓިން "ބީ+"ގައި ދެމެހެއްޓުމާއެކު ފިޗްއިން ރާއްޖޭގެ މާލީ މުސްތަގުބަލާމެދު ދެކޭ ގޮތް "ސްޓޭބަލް" ނުވަތަ އެއްވަރެއްގައި ހިފަހެއްޓޭނެ ކަމުގައި އަންދާޒާކުރާ ކުރުމުން "ނެގެޓިވް" ނުވަތަ ހާލަތު ދަށްވުމުގެ ފުރުސަތު އޮތްކަމަށް އަންދާޒާކުރެވޭކަމަށް ބަދަލުކުރިއެވެ. 

ކޮވިޑް-19 އާލަމީ ވަބާއާ ގުޅީގެން 2020 ވަނަ އަހަރު "ބީ+"އިން "ބީ" ދަރަޖައަށް ރޭޓިން ދަށްކުރުމަށް ފިޗްއިން ނިންމީ އެއަހަރުގެ މާޗުމަހުއެވެ. އެއަށްފަހު އެއަހަރުގެ ނޮވެންބަރު މަހުގައި އަނެއްކާވެސް ރޭޓިން "ސީސީސީ" ދަރަޖައަށް ދަށްކުރިއެވެ. 2024 ވަނަ އަހަރުގެ ޖޫން މަހުގައި "ސީސީސީ+"އަށް ދަށްކުރުމަށްފަހު އެއަހަރުގެ އޯގަސްޓު މަހުގައި "ސީސީ"އަށް ދަށްކުރިއެވެ. 

ކްރެޑިޓް ރޭޓިން ދަށްކުރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗްއިން ފާހަގަކުރަމުންއައީ ރާއްޖެއިން ނަގާފައިވާ ބޭރުގެ ދަރަނި ފުނިޖެހުމާއެކު، ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް ހީނަރުވުމާއި، ދަރަނި އަދާކުރުމަށް ބޭރުފައިސާ ރައްކާކުރުމަށް އުފައްދާފައި އޮތް ސޮެވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ބޭރުފައިސާ ދިވެހިރުފިޔާއަށް މާރުކުރުމުގެ ސަބަބުން ދަރަނި އެކަށީގެންވާ ހަރުދަނާ ގޮތެއްގައި މެނޭޖުކުރެވޭނެ އިންތިޒާމެއް ނެތުމެވެ. 

ކްރެޑިޓް ރޭޓިން މަތިކުރެވުނީ ގިނަ ފިޔަވަޅުތަކެއް އަޅައިގެން 

ކްރެޑިޓް ރޭޓިން ރަނގަޅުކުރެވުނީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ގިނަގުނަ ހަރުދަނާ ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒުކުރުމުންނެވެ. އެއިން އެންމެ މުހިއްމު އެއް ސިޔާސަތަކީ ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ މާލީ ނިޒާމަށް މާރުކުރުން ލާޒިމުކުރުމެވެ. އެނިންމުމުގެ ނަތީޖާއެއްގެ ގޮތުން މާލީ ނިޒާމުގެ ތެރެއިން ދައުލަތުގެ ބޭރުފައިސާގެ ރިޒާވްގައި ރައްކާކުރެވިފައި ހުރި ފައިސާގެ އަދަދު 1.3 ބިލިއަން ޑޮލަރަށް މާޗު މަހުގެ ނިޔަލަށް އެރިއެވެ. 

އޭގެ އިތުރަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ބޭރުފައިސާއިން ޖަމާކޮށްފައި ހުރި ފައިސާގެ ބޮޑު ބައެއް 2020 ވަނަ އަހަރު ދިވެހިރުފިޔާއަށް ބަދަލުކުރުމުގެ ސަބަބުން ބޭރުގެ ދަރަނި އަދާކުރުމުގައި އެ ފަންޑު އޮތީ ބޭނުންނުކުރެވޭ ހާލަތަށް ހީނަރުވެފައެވެ. އެ މައްސަލަ ހައްލުކުރެއްވުމުގެ ގޮތުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ތާރީހުން ފެށިގެން އެ ފަންޑަށް ޑޮލަރުން ފައިސާ ޖަމާކޮށް އޭޕްރީލު މަސް ފެށުނުއިރު އެ ފަންޑުގައި 400 މިލިއަނަށްވުރެ ގިނަ ޑޮލަރު ރައްކާކޮށްފައި ހުއްޓެވެ. 

ފިޗްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ 2026 ވަނަ އަހަރުގެ އޭޕްރީލުމަހުގެ ތެރޭގައި 500 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ، 2020 ވަނަ އަހަރު އެއިރުގެ ސަރުކާރުން ވިއްކި ސުކޫކުގެ އަސާސީ ޕޭމެންޓުގެ ގޮތުގައި ދައްކަންޖެހުމެވެ. ރިޒާވް ތިޔާގިކުރުމާއި އެސްޑީއެފްގައި ހުރި ފައިސާ އިތުރުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ސުކޫކު އަދާކުރުމަށްޓަކައި ބޭރުން ދަރަންޏަށް ފައިސާ ނުނަގައި އެއްކުރެވިފައި ހުރި ފައިސާއިން ސުކޫކުގެ ދަރަނި އަދާކުރެވުނެވެ. 

ސުކޫކުގެ ދަރަނި އަދާކުރުމާއެކު، އިންޑިޔާގެ ރިޒާވް ބޭންކުން ކަރަންސީ ސްވޮޕު މެދުވެރިކޮށް ނަގާފައިވާ 400 މިލިއަން ޑޮލަރާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ބޮންޑު ވިއްކައިގެން ކުރީ ސަރުކާރުން ނެގި 200 މިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން އިތުރު 50 މިލިއަން ޑޮލަރުވެސް ދައްކާފައިވެއެވެ. އިތުރު ދަރަންޏެއް ނުނަގަައި ބިލިއަނެއްހައި ޑޮލަރުގެ ދަރަނި އަދާކުރެވުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ވާސިލުވެވުނު އެއް ސަބަބެވެ. 

ކްރެޑިޓް ރޭޓިން ރަނގަޅުވުމުގެ ނަތީޖާއަކަށްވާނީ....؟ 

"ސީސީ" ދަރަޖައިން "ސީސީސީ-" ދަރަޖައަށް ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވުމުގެ އެންމެ މުހިއްމު ނަތީޖާއަކީ ރާއްޖޭގެ މާލީ ހާލަތާމެދު ބޭރުގެ ގައުމުތަކާއި މާލީ މުއައްސަސާތަކާއި އިންވެސްޓަރުން ދެކޭ ގޮތަށް އަންނަ ހެޔޮ ބަދަލެވެ. "ސީސީ" ދަރަޖައިގެ ރޭޓިންގެ މާނައަކީ ރާއްޖެ އޮތީ ބަނގުރޫޓުވުން ނުވަތަ ދަރަނި އަދާނުކުރެވުމުގެ ހާލަތުގައި ކަމަށެވެ. "ސީސީސީ-"އަށް ދަރަޖަ މަތިކުރެވުމުގެ މުރާދަކީ ކުރު ރާސްތާގައި ރާއްޖެއިން އަދާކުރަންޖެހޭ ބޭރުގެ ދަރަންޏެއް އަދާނުކުރެވުމުގެ ބިރު ނުވަތަ ހިރާސް ނެތުމެވެ. 

ދެވަނަ ކަމަކަށް ރާއްޖޭގެ ބޮންޑު ސެކަންޑަރީ މާކެޓު ނުވަތަ ސާނަވީ ބާޒާރުގައި ވިއްކަމުންދާ އަގުތަކަށް ހެޔޮ ބަދަލެއް އައުމުގެ ފުރުސަތު ބޮޑުވެއެވެ. އަދިވެސް ބައިނަލްއަގުވާމީ ބާޒާރުގައި ބޮންޑު ވިއްކަން ދަތިތަކެއް ހުންނާނެއެވެ. ނަމަވެސް ކުރިއަށްވުރެ މިހާރު ފަސޭހަވާނެއެވެ. 

އާއްމު ވިޔަފާރި އަގުތަކުގައި ފައިނޭންސް ހޯދުމުގައި އަދިވެސް ގޮންޖެހުންތައް ރާއްޖެއަށް އޮންނާނެއެވެ. ނަމަވެސް ކުރިން ހުރި ގޮންޖެހުންތަކަށްވުރެ މިހާރު ހުރި ގޮންޖެހުންތައް ކުޑަވާނެއެވެ. ދަރަނި އަދާނުކުރެވުމުގެ އިހުތިމާލު (ޕޮސިބިލިޓީ)ގެ ދަރަޖައަށް އައި ބަދަލާއެކު، ދިވެހި ދައުލަތަށް ދަރަނި ދިނުމާމެދު އިންވެސްޓަރުންގެ މެދުގައި ކުރިން އޮތް ނުތަނަވަސްކަން ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. 

މިވަގުތަކީ ދުނިޔޭގެ އިގުތިސާދަށް އަދި މާލީ ބާޒާރަށްވެސް ނުތަނަވަސްކަމާ ކުރިމަތިލާންޖެހިފައިވާ މުސްތަގުބަލުގެ ކަށަވަރުކަން ކުޑަ ވަގުތެކެވެ. ރާއްޖޭގެ ކްރެޑިޓު ރޭޓިން އިތުރު ދަރަޖަތަކެއް ރަނގަޅުނުވުމުގައި އެހަގީގަތުގެ އަސަރުވެސް ބޮޑުވާނެއެވެ. ރާއްޖެއަކީ މިފަދަ ލޮޅުންތަކުން އަސަރުކުރާ މިންވަރު އެހެން ގައުމުތަކަށްވުރެ ބޮޑު ގައުމެކެވެ. 

ނަމަވެސް ބައިނަލްއަގުވާމީ އިގުތިސާދާއި މާލީ ބާޒާރު ނުތަނަވަސްކަމެއްގައި އޮތް ވަގުތެއްގައި ރާއްޖޭގެ ކްރެޑިޓު ރޭޓިން އެއް ދަރަޖަ މަތިކުރަން ފިޗުން ނިންމުމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި ދައުލަތުގެ މާލީ ސިޔާސަތުތަކުގެ މިސްރާބު ރަނގަޅުކަމަށް ދަލީލުކުރާ ހެއްކެކެވެ. ރާއްޖޭގެ އިގުތިސާދުގެ ނާޒުކުކަމާއެކުވެސް މިއަދު ދުނިޔެ އޮތް ދަތިކަމުގައިވެސް ދަރަނި އަދާނުކުރެވުމުގެ ބިރުން އަރައިގަނެވިފައި އޮތުމަކީ ރާއްޖޭގެ އިގުތިސާދަށް އިތުބާރު އިއާދަކުރެވޭނެ ކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު