ENGLISH
03 ޖޫން 2026
ސަރުކާރުން ގެނައި އިސްލާހުތަކާއެކު ބޭރުފައިސާ ލިބުމުގެ ދަތިތައް ކުޑަވާނެ: ފިޗް ރޭޓިންސް
03 ޖޫން 2026
|
ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކޮށްފައިވޭ، ފޮޓޯ: ގޫގްލް
އެންމެ މަޤްބޫލު
ދިގުރާސްތާގައި ރާއްޖެއިން ނަގާފައިވާ ދަރަނި އަދާކުރެވުމުގެ ގާބިލުކަން ރޭޓުކޮށް ފިޗް ރޭޓިންސްއިން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓު ރޭޓިން "ސީސީ" ގިންތިން "ސީސީސީ-" އަށް މަތިކުރުމާއެކު، ދިވެހި ސަރުކާރުން ތަންފީޒުކުރަމުންދާ މާލީ އިސްލާހުތަކާއެކު ދައުލަތަށް ބޭރުފައިސާ ލިބުމުގައި ހުރި ދަތިތައް ވަރަށް ބޮޑަށް ހައްލުވާނެ ކަމުގައި ފިޗް ރޭޓިންސްއިން ބުނެފިއެވެ.
އެ އެޖެންސީގެ ވެބްސައިޓުގައި ރާއްޖޭގެ ކްރެޑިޓު ރޭޓިން މަތިކުރުމާ ގުޅޭ ގޮތުން ޝާއިއުކޮށްފައިވާ ކޮމެންޓަރީގައި ބުނެފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލު މަހުގައި ރާއްޖެއިން ދައްކަން އޮތް ސުކޫކުގެ އަސާސީ ޕޭމެންޓުގެ ގޮތުގައި 500 މިލިއަން ޑޮލަރާއި ކޫޕަން ޕޭމެންޓުގެ ގޮތުގައި 24.68 މިލިއަން ޑޮލަރު އަދާކުރުމާއެކު ރާއްޖޭގެ ބޭރުގެ ދަރަނީގެ ފިއްތުން ކުޑަވެފައިވާ ކަމަށެވެ.
އެ ފައިސާ އަދާކުރީ ސޮވެރިންގެ ޑިވެލޮޕްމެންު ފަނޑުން 350 މިލިއަން ޑޮލަރު އަދި ދައުލަތުގެ ބޭރުފައިސާގެ ރަސްމީ ރިޒާވްއިން 175 މިލިއަން ޑޮލަރު ނަގައިގެން ބޭރުން އިތުރު ދަރަންޏެއް ނެގުމަކާ ނުލައިކަން ފިޗްއިން ފާހަގަކުރިއެވެ. އެފައިސާ ދެއްކުމުން އެސްޑީއެފް ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް އޭޕްރީލު މަސް ނިމުނުއިރު އެފަންޑުގައި ޖުމްލަ 21 މިލިއަން ޑޮލަރު ހުރިކަމަށް ފިޗުން ބުންޏެވެ.
ބޮޑު އަދަދަކަށް ދަރަނި އަދާކުރުމުން ބޭނުންކުރެވޭ ރިޒާވް އޭޕްރީލު މަހުގެ ނިޔަލަށް 244 މިލިއަން ޑޮލަރަށް ދަށްވިއެވެ. އެފައިސާގެ ތެރެއިން 97 މިލިއަން ޑޮލަރު ހުރީ ބޭންކުތަކުގައި ބޭނުންކުރެވޭ ގޮތަށް ޑިޕޮސިޓުކޮށްފައިކަން ފިޗުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި މަރުކަޒީ ބޭންކުން އިންޑިޔާގެ ރިޒާވް ބޭންކާއެކު ހެދި ކަރަންސީ ސްވޮޕު އެއްބަސްވުމުގެ ދަށުން ނެގި 400 މިލިއަން ޑޮލަރު އޭޕްރީލުމަހު ދެއްކުމަށްފަހު އެ އެއްބަސްވުމުގެ ދަށުން 30 ބިލިއަން ރުޕީސް ނަގައި އެ ފައިސާ ޑޮލަރަށް ބަދަލުކޮށް އެފައިސާ ބޭރު ބޭންކެއްގައި ޖަމާކޮށްފައިވާކަމަށް ފިޗުން ބުނެފައިވެއެވެ.
ފިޗްއިން ބުނީ ރިޒާވްއާއި އެސްޑީއެފް ބޭނުންކޮށްގެން ސުކޫކުގެ ފައިސާ ދެއްކުމާއެކު ރާއްޖޭގެ ބޭރު ދަރަނި އަދާނުކުރެވުމުގެ ހިރާސް ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ.
އެއާއެކު ފިޗުން ފާހަގަކުރީ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ތަންފީޒުކޮށްފައިވާ ފިޔަވަޅުތަކާއި، ބޭރުފައިސާގެ ގާނޫނުގެ ދަށުން ޓޫރިސްޓު ވިޔަފާރިތަކާއި ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށްފައި އޮތުމުގެ ސަބަބުން ބޭރުފައިސާ ސަރުކާރަށް ހޯދުމަށް އޮތް ޖާގަ ވަރަށް ބޮޑަށް ތަނަވަސްވެފައިވާ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގައި ފިޗުން ގަބޫލުކުރެއެވެ. އެގޮތުން ދައުލަތުގެ މާލީ ޑެފިސިޓު 2025 ގައި 2.9 އިންސައްތައިގަ ހުރުމަށްފަހު މިއަހަރު 14.6 އިންސައްތަައަށް އަރާނެކަމަށް ފިޗުން ލަފާކުރެއެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ މަދުވުމާއެކު، ސަބްސިޑީއަށް ކުރާ ހަރަދުތަކާއި ކެޕިޓަލް ހަރަދުތައް އިތުރުވުމެވެ.
ރާއްޖޭގެ އިގުތިސާދީ ކުރިމަގަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހުގެ ގޮތުގައި ފިޗުން ފާހަގަކުރީ މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެންދިއުމުގެ ފުރުސަތެވެ. ހަނގުރާމަ ދިގުލައިގެންގޮސްފިނަމަ ދަތުރުކުރުމަށް އޮތް ޑިމާންޑު ހީނަރުވެ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ފޯރުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް މެދުރާސްތާގައި ރާއްޖޭގެ އިގުތިސާދު ފެންނަނީ "ރޯބަސްޓް" ނުވަތަ ދިރުންހުރި ގޮތެއްގައިކަމަށް ފިޗުން ބުނެއެވެ. އައު ރިސޯޓުތަކަށާއި ފަތުރުވެރިކަމުގެ އެހެނިހެން އުމްރާނީ ވަސީލަތްތަކަށް އިންވެސްޓުމެންޓުތައް ލިބެމުންދާކަން އެ އެޖެންސީން ފާހަގަކުރިއެވެ.