ENGLISH

03 ޖޫން 2026

Advertisement

އައްޑޫ ރައްޔިތުންގެ ހަރުމުދަލާމެދު ކައުންސިލުގެ އިހުމާލު؛ އިއުލާނުނުކޮށް ވަކި ބަޔަކަށް 166،340 އަކަފޫޓުގެ ބިން

03 ޖޫން 2026

|

ޝިފްޒާން އަޙްމަދު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގެ ތިން ރަށަކުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ޓޫރިޒަމުގެ ބޭނުންތަކަށް ދޫކުރި 11 ބިމަކަށް އާއްމުކޮށް އިއުލާނުނުކޮށް ބިން އިތުރުކޮށް، އެއިން ބައެއް ބިންތައް ކުއްޔަށް ދޫކުރުމަށް ހެދި ހެޑްލީޒް އެއްބަސްވުންތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން އައްޑޫ ސިޓީ ކައުންސިލުގެ 2021 އަދި 2022 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ. 

އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު އައްޑޫ ކައުންސިލުން ޓޫރިޒަމް ތަރައްގީކުރުމަށް ދޫކުރި އަށް ބިމެއްގެ ހެޑްލީޒް އަދި ޑިވެލޮޕްކުރުމުގެ ހައްގުތައް ބަދަލުކުރިއެވެ. އެކަން ކުރީ އާއްމުކޮށް އިއުލާނުނުކޮށް ސިއްރިއްޔާތަުގައި އެބިންތަކަށް އިތުރު ބިން އިތުރުކޮށް ބިމުގެ ސައިޒު ބަދަލުކުރުމަށްފަހު، އެބިންތަކާ ގުޅޭ އައު އެއްބަސްވުންތަކެއް އެކުލަވާލައިގެންކަން އޮޑިޓު އޮފީހުން ހާމަކޮށްފައިވެއެވެ. 

އައްޑޫ ފޭދޫން ދޫކުރި 29،000 އަކަފޫޓުގެ ފަސް ބިމުގެ ހެޑް ލީޒް ބަދަލުކުރީ އިއުލާނުނުކޮށް، އެބިމުގެ ތެރެއަށް 139،945 އަކަފޫޓުގެ ބިމެއް ހިމަނައި، ޖުމްލަ 163،945 އަކަފޫޓުގެ ބިމަކަށް ބަދަލުކޮށްގެްނެވެ. މީދޫން ކުރިން ދޫކުރި 17،000 އަކަފޫޓުގެ ތިން ބިމެއްގެ ހެޑްލީޒް ބަދަލުކުރީ އިއުލާނުނުކޮށް އެބިމަށް އަލަށް 27،595 އަކަފޫޓު އިތުރުކޮށް ޖުމްލަ 44،595 އަކަފޫޓޫގެ ބިމަކަށް ހަދައިގެންނެވެ. 

އޮޑިޓު ރިޕޯޓުން އެނގުނު ގޮތުގައި މިގޮތަށް ހެޑް ލީޒް ބަދަލުކޮށް ބިންތަކުގެ ސައިޒު ބޮޑުކުރީ، އެބިންތައް ކުއްޔަށް ނެގި ފަރާތްތަކުން ކައުންސިލަށް ދައްކަންޖެހި ނުދައްކައި ހުރި ގިނަ އަދަދެއްގެ ފައިސާވެސް ނުހޯދައެވެ. ފޭދޫން ދޫކުރި ފަސް ބިމަށް ދައްކަންޖެހޭ 244،481 ރުފިޔާ ނުދައްކައި އޮތްއިރު، މީދޫން ދޫކޮށްފައި އޮތް ތިން ބިމަށް ދައްކަންޖެހޭ 194،816 ރުފިޔާއާއެކު، ޖުމްލަ 439،297 ރުފިޔާ މިބިންތަކުގެ ކުލީގެ ގޮތުގައި ކައުންސިލަށް ލިބެންޖެހި ނުލިބި އޮތެވެ. 

މި ފައިސާ ހޯދުމަކާނުލައި ހެޑް ލީޒް ބަދަލުކޮށް އަލުން އެއްބަސްވުންތައް ހެދިއިރު މި ފައިސާ ދައްކަންޖެހޭ ފައިސާގެ ގޮތުގައި އައު އެއްބަސްވުންތަކުގައި ހިމަނާފައިވެސް ނެތެވެ. 

2021 ވަނަ އަހަރު ޓޫރިޒަމް ތަރައްގީކުރުމަށް ހިތަދޫ ޓޫރިޒަމް ޒޯނުން ދޫކުރި 3،000 އަކަފޫޓުގެ ބިމުގެ ތެރެއަށް އިތުރު 2،000 އަކަފޫޓުގެ ބިން އިތުރުކުރަން ނިންމިއެވެ. އަދި ގެސްޓުހައުސްއެއް ބިނާކުރުމަށް ދޫކުރި 3،000 އަކަފޫޓުގެ ބިމަކަށް އިތުރު 1،800 އަކަފޫޓުގެ ބިން އިތުރުކޮށްދިނުމަށްވެސް ކައުންސިލުން ނިމިއެވެ. 

މި ނިންމުންތަކަށް ބަލާއިރު ހިތަދޫއާއި ފޭދޫ އަދި މީދޫން ކައުންސިލުން ކުރިން އިއުލާނުކޮށްގެން ދޫކުރި 52،000 އަކަފޫޓުގެ ބިމުގެ ތެރެއަށް، އިއުލާނުނުކޮށް ޖުމްލަ 166،340 އަކަފޫޓުގެ ބިން އިތުރުކޮށްފައިވެއެވެ. އޮޑިޓު އޮފީހުން ބުނީ މިއީ ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރާ ބިންތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ މީހުންގެ މެދުގައި ތަފާތުކުރުމާއެކު ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކައުންސިލުން ހިންގާފައިވާ އަމަލުތަކެއް ކަމުގައި ބެލެވޭ ކަމަށެވެ. 

އައްޑޫ ސިޓީ ކައުންސިލަކީ އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލެކެވެ. ނިމުނު ދައުރުގައި އަދި މިހާރު އަލަށް ފެށިގެން ކުރިއަށްދާ ދައުރުގައިވެސް ކައުންސިލުގެ ގިނަ މެންބަރުންނަކީ އަދި ކައުންސިލު ހިންގެވުމުގެ އިސްވެރިޔަކަށް ހުންނެވި ސިޓީގެ މޭޔަރަކީވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. 

ކިޔުންތެރިންގެ ހިޔާލު