ENGLISH
04 ޖޫން 2026
ބީއެމްއެލްއިން ވިއްކާ ސުކޫކުގެ 300 މިލިއަން ޑޮލަރު ބޭނުންކުރާނީ ފަތުރުވެރިކަން ފުޅާކޮށް އިގުތިސާދު ކުރިއަރުވަން
03 ޖޫން 2026
|
މާލީ ވަޒީރު މޫސާ ޒަމީރު
އެންމެ މަޤްބޫލު
ސަރުކާރުން ގެރެންޓީ ދީގެން ބީއެމްއެލްއިން ވިއްކުމަށް ނިންމާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކު ބޭނުންކުރާނީ ފަތުރުވެރިކަން ފުޅާކޮށްގެން ރާއްޖޭގެ އިގުތިސާދު އިތުރަށް ކުރިއެރުވުމަށް ކަމުގައި މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިފަދައިން ވިދާޅުވީ ފިޗުން ރާއްޖޭގެ ކްރެޑިޓު ރޭޓިން އެއް ދަރަޖަ މަތިކުރުމަށް ނިންމުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. ޒަމީރު ވިދާޅުވީ ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން މަތިކުރުމަށް ނިންމި ނިންމުމުން ރިވެލިވަނީ އޭޕްރީލުމަހުގައި ރާއްޖެއިން ސުކޫކުގެ 500 މިލިއަން ޑޮލަރު ދެއްކުމަށްފަހު ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ރަނގަޅުވަމުންދާކަން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާއި މަގުދެއްކެވުމުގެ ދަށުން ގެނެވުނު މާލީ އިސްލާހުތަކާއެކު ހާސިލުކުރެވުނު ކާމިޔާބުތައް ފާހަގަކުރައްވަމުން ޒަމީރުވަނީ ރައީސަށް މަރުހަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވާފައެވެ.
އިތުރަށް ޒަމީރު ވިދާޅުވީ ރާއްޖެ ދެމިއޮންނާނީ މާލީ ހަމަޖެހުން ކަށަވަރުކުރުމާއި ރާއްޖޭގެ ދަރަނި ދެމެހެއްޓެނެވި މިންގަނޑުތަކަށް އިއާދަކުރުމުގެ މަސައްކަތުގައި ވަރަށް ސާބިތުވެ ކަމަށެވެ.
ފިޗްގެ ރޭޓިންއާ ގުޅޭ ކޮމެންޓަރީގައި ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްއިން ދިވެހި ސަރުކާރުގެ ގެރެންޓީއާއެކު 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް މަސައްކަތްކުރަމުންދާކަންް ފާހަގަކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ، ކުރިންވެސް އެމަނިކުފާނު ވިދާޅުވެފައި އޮތް ފަދައިން މިއީ ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓަށް ނުވަތަ ކޭޝް ފްލޯ ހަމަޖެއްސުމަށް ނަގާ ދަރަންޏެއް ނޫން ކަމަށެވެ.
ބީއެމްއެލްއިން މިފައިސާ ހޯދާ ސަބަބު ބަޔާންކޮށްދެއްވަމުން ޒަމީރު ވިދާޅުވީ ދިވެހި ސަރުކާރާއި އެބޭންކު ގުޅިގެން ކުރާ މަސައްކަތަކީ ޓޫރިޒަމުގެ މައްޗަށް ބިނާވެގެން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އިތުރަށް ފުޅާކުރުމުގެ މަސައްކަތެއް ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުުނުގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތް ވަޒީރު ސިފަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިމަސައްކަތުގެ ސަބަބުން ސަރުކާރަށް އާމްދަނީ ލިބޭ ވަސީލަތްތައް ނުވަތަ ރެވެނިއު ބޭސް ފުޅާވާެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކަށް ސަރުކާރުން ކަނޑައަޅާފައިވާ މައިގަނޑު މާލީ އަމާޒުތައް ހާސިލުކުރުމަށް އެކަމުން އެހީ ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ރައީސްގެ ސާފު ސިޔާސަތަކީ މާލީ ހަމަޖެހުން ކަށަވަރުކުރެއްވުމާއެކު، މެދުރާސްތާގައި ދަރަނީގެ ދެމެހެއްޓެނެވިކަން ޔަގީންކުރެއްވުމެވެ. އަދި އެކަން ކުރައްވާނީ އަމިއްލަ ވިޔަފާރިތަކަށް އިންވެސްޓުކުރައްވައި ރަނގަޅު އުޖޫރައެއް ލިބޭ ވަޒީފާތައް އިގުތިސާދުގެ ތެރޭގައި އުފައްދަވައގެންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމުން ދައްކުވައިދެނީ ސަރުކާރުން ރާވާފައިވާ މާލީ އިސްލާހުތަކާއި، ތަންފީޒުކުރަމުންދާ އިގުތިސާދީ ސިޔާސަތުތަކަށް އިތުބާރު ލިބެމުންދާކަންކަން ފާހަގަކުރައްވަމުން ޒަަމީރު ވިދާޅުވީ އެ ސިޔާސަތުތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަކަމުގެ މައްޗަށް ފިޗުގެ ނިންމުމުން ދަލީލުކުރަ ކަމަށެވެ.