ENGLISH
04 ޖޫން 2026
ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުން: ވަޒީރުގެ ތަޢުރީފާއި ޝުކުރު ރައީސަށް
03 ޖޫން 2026
|
މާލީ ވަޒީރު މޫސާ ޒަމީރު
އެންމެ މަޤްބޫލު
ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީސީ-"އަށް މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ އިސްލާޙުތައް ކާމިޔާބުވެ ދިވެހި އިޤްތިސާދު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މާލީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރަން ނިންމީ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެން ކަމަށާ މިއީ އިޤްތިސާދީ ހާލަތު ރަނގަޅުވެފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތަޙުނިޔާ ދަންނަވާ މާލީ އިސްލާޙުތައް ތަންފީޒު ކުރުމުގައި އެމަނިކުފާނު ދައްކަވާ ހަރުދަނާ ލީޑާޝިޕާއި ދެއްވާ އިރުޝާދުތައް ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފަ އެވެ. އަދި ދަރަނި ދައްކާ އިޤްތިސާދީ ޙާލަތު ރަނގަޅު ކުރުމުގެ މަަސައްކަތުގަައި ސަރުކާރު ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.
މިއަދު ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކުރުމަށް ނިންމީ މި އަހަރުގެ އޭޕްރީލުމަހުގައި ރާއްޖެއިން ދައްކަން އޮތް ސުކޫކުގެ ދަރަނި ކާމިޔާބުކަމާއެކު ދެއްކުމާއެކު، ރާއްޖެއަށް ބޭރުގެ ދަރަނި އަދާނުކުރެވުމުގެ ނުރައްކާ ނުވަތަ ހިރާސް ކުޑަވެފައިވާތީކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
ސުކޫކުގެ ދަރަނި އެކީ ދައްކައި ހަލާސްކުރުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ފިޗްއިން ފާހަގަކުރެއެވެ. އެގޮތުން އެކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައި ހުރި އިގުތިސާދީ އަދި މާލީ ބޮޑެތި ނުރައްކާތައް ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް ފިޗުން ބުނެފައިވެއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، ރޭޓިންގ އަށް އައި މި ބަދަލަކީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ދަރަނި ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކޮށް ރިޒާވް ވަރުގަދަކުރުމަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ޤާނޫނު ހިމެނެއެވެ.
ފިޗްއިން ފާހަގަކުރި ގޮތުގައި ސުކޫކުގެ ބޮޑު ދަރަނިން މިންޖުވުމާއެކު ރާއްޖެއިން ދައްކަންހުރި ބޭރުގެ ދަރަނި ވަރަށް ބޮޑަށް ކުޑަވެފައި އޮތުމާއި، ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ލިބޭ މާލީ އެހީތައް އިތުރުވުމަކީ ރާއްޖޭގެ ރިޒާވް އަލުން ބިނާކުރުމަށް މަގުފަހިވާނެ ކަންކަމެވެ.