ENGLISH
05 ޖުލައި 2025
ތުޙުމަތުތަކާ ގުޅިގެން އެސްޕީ ރަޖުނީ ޝުޢައިބު މަސްއޫލިއްޔަތުން އެކަހެރިކޮށްފި
22 ޑިސެމްބަރު 2024
|
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގައި އިސްކޮށް ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އޭނާ ދުރުކޮށްފިއެވެ.
އޭނާގެ މަސްއޫލިއްޔަތުތައް އެހެން އޮފިސަރަކާ ހަވާލުކޮށްފައިވަނީ ތަހުގީގުގެ އިންސާފުވެރިކަން ޔަގީން ކުރުމަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރަޖުނީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ހުޅުމާލޭގެ ވިނަރެސް ފްލެޓެއް އޭނާ ހޯއްެދެވީ ނުރަނގަޅު ގޮތްތަކެއް ބޭނުންކޮށްގެން ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ރިޕޯޓްތަކަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، މި ވާހަކަތައް ކަމާބެހޭ ފަރާތްތަކުން ބަލަމުން އަންނަ ކަމަށާއި، އެ ވާހަކަތަކުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރަޖުނީގެ މައްސަލަ އަށް ސަމާލުކަން ލިބުނީ ހުޅުމާލެއިން ގޯތި ދިނުމާ ގުޅޭ ވަގު ލިޔެކިޔުންތަކާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބައިވެރިވެވަޑައިގެން، ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
މަސްއޫލިއްޔަތުން ރަޖުނީ އެކަހުރި ކުރީ މިހާރު ކުރިއަށްދާ އިންކުއަރީގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، ނާޖާއިޒު ނުފޫޒެއް ނުފޯރުވުމަށެވެ. އަދި ޢާންމުންގެ އިތުބާރު ދެމެހެއްޓުމުގެ މަޤްސަދުގައި ފުރިހަމަ އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގާނެ ކަމަށް ފުލުހުން ވަނީ ވަޢުދުވެވަޑައިގެންފައެވެ.